ކުޅިވަރު

ޓޮޓެންހަމް ނޫން ޓީމަކުން ކޭން ފެނުމުގެ އުންމީދެއް ނެތް!

Nov 20, 2017

ރެއާލް މެޑްރިޑަށް ހެރީ ކޭން ގެންދިއުމުގެ އަޑުތައް ގަދަވެފައި ވަނިކޮށް، މުޅި ކެރިއާ ހޭދަ ކުރަން ބޭނުމީ ޓޮޓެންހަމް ހޮސްޕާގައި ކަމަށް އެ ޓީމުގެ އިނގިރޭސި ފޯވަޑް ހެރީ ކޭން ބުނެފި އެވެ.

ޓޮޓެންހަމްއާއެކު 2022 ވަނަ އަހަރާ ހަމަޔަށް ކޮންޓްރެކްޓް ހަދާފައިވާ ކޭން ބުނީ ޓޮޓެންހަމްގައި ވަރަުގަދަ ޓީމެއް އެބައޮތް ކަމަށާއި އޭނާ ވެސް ކުލަބުގައި ހުރީ އުފަލުން ކަމަށެވެ. އޭނާ ގެންދަން އެންމެ ބޮޑަށް މަސައްކަތް ކުރަމުންދަނީ ރެއާލް ކަމަށް ވަނީ އަޑު ފެތުރިފަ އެވެ.

"އަހަރެންގެ އަޒުމަކީ އަހަރެންގެ މުޅި ކެރިއާ ޓޮޓެންހަމްގައި ހޭދަ ކުރުން،" ޖަރުމަންގެ ބިލްޑް ނޫހަށް ދިން އިންޓަވިއުގައި ކޭން ބުންޏެވެ. "މިވަގުތު މިތަނުގެ [ކުލަބުގެ] ހުރިހާ ކަމެއްވެސް އަހަންނަށް ފިޓް ވޭ، އަހަރެން މިހުރީ ވަރަށް އުފަލުން ވަރުގަދަ ޓީމެއް ކުލަބުގައި އެބައޮތް، ރަނގަޅު ކޯޗެއް އެބަހުރި ޕްރޮފިޝަނަލް ޓްރެއިނިން ސެންޓަރެއް އެބަހުރި އަހަރެމެންނަށް އާ ސްޓޭޑިއަމްއެއްވެސް ކުރިއަށް އޮތްތަނުގައި ލިބޭނެ."

ކޭން އަކީ މިދިޔަ ދެ ސީޒަންގައި ޕްރިމިއާ ލީގްގެ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާ އެވެ. ލީގްގެ ހަތަރު ވަނައިގައި އޮތް ޓޮޓެންހަމްގެ ޓީމަށް މި ސީޒަންގައިވެސް ޕްރިމިއާ ލީގްގައި އަށް ގޯލް ކޭން ޖަހައިދީފި އެވެ.

އިނގިރޭސި ގައުމީ ޓީމުގައިވެސް ކޭން އާއެކު ނަގާ ކިޔަން ތިބީ ޓޮޓެންހަމްގައި އޭނާ އާ އެކު ކުޅެމުންދާ ކުޅުންތެރިން ނެވެ. އޭގެ ތެރޭގައި ޑެލީ އަލީ، އެރިކް ޑިއާ، ޑެނީ ރޯސް، ހެރީ ވިންކްސް، ކިރަން ޓްރިޕިއާ އެކު ޓޮޓެންހަމްގައި ކުރިމަގަށްވެސް ދެމެހެއްޓެނިވި ޓީމެއް އެބައޮތެވެ.

ޓޮޓެންހަމްގެ އެންމެ ހާއްސަ ކޮލިޓީ އަކީ، ޔޫތު ޓީމުން ކުޅުންތެރިން ސީނިއާ ޓީމަށް ޕްރަމޯޓް ކޮށް އެ ކުޅުންތެރިންނާއެކު ތަފާތު ދައްކަމުން ދިއުމެވެ. މިއީ ކޯޗް މައުރީޝިއޯ ޕޮޗެޓިނޯ ސައުތު ހެމްޓަންގައި ހުރިއިރުވެސް އެނާ ގެންގުޅޭ ވިސްނުމެވެ. ޓޮޓެންހަމްއާއެކު އޭނާ އެ މަސައްކަތް މާ ފުރިހަމައަށް ކުރެ އެވެ.

ކޭން ވެސް އެ ޓީމާ ގުޅުނީ އޭނާގެ އުމުރުން 11 އަހަަރުގައެވެ. ޓޮޓެންހަމްގެ ސަޕޯޓަރުން ދެކޭ ގޮތުގައި އޭނާ އަކި އެ ކުލަބުގެ ވަރަށް ބޮޑު ފަހްރެކެވެ.