ޒިމްބާބްވޭގެ ރައީސްކަމުން ޝަރުތުތަކާ އެކު އިސްތިއުފާ ދެއްވަން ރޮބަޓް މުގާބޭ އެއްބަސްވެވަޑައިގެންފި އެވެ.
ސީންއެންއެން ބުނީ މުގާބޭ އެގޮތަށް އެއްބަސްވެވަޑައިގެން އިސްތިއުފާގެ ސިޓީފުޅުގެ ދެލިކޮޕީ ތައްޔާރުކުރައްވާފައިކާން މައުލޫމާތު ލިބި ހުރި ރަސްމީ މަސްދަރަކުން އެ އެޖެންސީއަށް ކަށަވަރުކޮށްދީފައިވާ ކަމަށެވެ.
ޒިމްބާބްވޭ ސިފައިން އެގައުމުގެ ކޮންޓްރޯލް އަތުލީ މިދިޔަ އަންގާރަދުވަހުގެ ރޭގެ ވަގުތެއްގައެވެ. އޭގެ ފަހުން މުގާބޭ ހުންނެވީ ރިޔާސީ ގަނޑުވަރުގައި ބަންދުކޮށްފައެވެ. އިއްޔެގައި އޭނާ އިސްތިއުފާ ދެއްވާނެ ކަމަށް އިއްޔެގައި ބެލެވުނު ނަމަވެސް ގައުމާ މުހާތަބު ކުރައްވައި ކުރެއްވި ތަގުރީރުގައި އެވާހަކަ ވިދާޅެއް ނުވެއެވެ. ނަމަވެސް ސިފައިން ހިންގި އޮޕަރޭޝަނަކީ ރަނގަޅު އޮޕަރޭޝަނެއް ކަަމަށް ވިދާޅުވިއެވެ.
ވެރިކަން ކުރާ ޒާނޫ ޕީއެފް ޕާޓީގެ ލީޑަރު ކަމުން މުގާބޭ ދުރުކޮށް، ގައުމުގެ ރައީސް ކަމުން އިސްތިއުފާ ދެއްވަން ޕާޓީން އޭނާއަށް ވަނީ މުހުލަތެއް ދީފައެވެ. އެ މުހުލަތު ހަވަމާނީ ޒިމްބާބްވޭ ގަޑިން މިއަދު މެންދުރު 12 ޖަހާއި އިރުއެވެ. އިސްތިއުފާ ނުދެއްވައިފި ނަމަ ޕާލަމެންޓުން އޭނާ އިމްޕީޗްކުރާނެ ކަަމަށް ޕާޓީން ވަނީ ބުނެފައެވެ.
އިސްތިއުފާ ދެއްވުމަށް ޝަރުތުތަކެއްގެ ގޮތުގައި މުގާބޭ ކަނޑައަޅުއްވާފައި ވަނީ އޭނާއާއި އަނބިކަނބަލުން ގްރޭސްއާ ދެކޮޅަށް އެއްވެސް ދައުވާއެއް ނުކުރުމާއި އޭނާގެ އަމިއްލަ ފުޅު ގެދޮރު ދައުލަތަށް ނުނެގުން ކަމަސް ސީއެން އެން އިން ބުންޏެވެ.
މުގާބޭއާ ދެކޮޅަށް ޒިމްބާބްވޭ ސިފައިން ނުކުތީ ނައިބު ރައީސް ކަމުން އެމާސަން ނަންގަގްވާ ވަކިކުރުމުންނެވެ. މުގާބޭ އެ ފިޔަވަޅު އެޅުއްވީ އޭނާއަށް ފަހުގައި އަނބިކަނބަލުން ގްރޭސްއަށް ވެރިކަން ހޯއްދަވައިދެއްވުމަށް މަގުފަހިކުރެއްވުމަށެވެ.