ދުނިޔެ

2014 ގައި ވެސް ޖަވާބު ނުލިބުނު ސުވާލު: ލޯތްބަކީ ކޮބާ؟

ލޯތްބަކީ ކޮބައި ކަމެއް އަދިވެސް އަހަރެމެންނަށް ނޭނގެ އެވެ. މިއަދު އެންމެ ގިނަ މީހުން މި ސުވާލު ކުރަނީ މަގްބޫލު ސާޗް އިންޖިން ގޫގްލްއާ އެވެ.

"ވަޓް އިސް" ސުވާލުތަކުގެ ތެރެއިން މި އަހަރު އެންމެ ގިނަ މީހުން ގޫގްލްއާ ކުރި އެއް ސުވާލަކީ "ވަޓް އިޒް ލަވް؟" ނުވަތަ "ލޯތްބަކީ ކޮބައި ހެއްޔެވެ؟".

"ލޯތްބަކީ މުޅި ޒިންދަގީ ބަރުބާދުކޮށްލާ ވޭނެކޭ،" ފަހަރެއްގައި މިއީ އެ ސުވާލުގެ ޖަވާބެވެ. އަޅުގަނޑުމެންގެ އެފަދަ ދެ ވަނައެއް ނެތް ލަވަކިޔުންތެރިޔާ ޖޭމު ދޮންކަމަނަ "ލޯބި" ސިފަކޮށް ދެއްވާފައި ވަޑައިގަތީ މިފަދައިންނެވެ.

ކޮންމެއަކަސް ލޯތްބަކީ ކޮބައި ކަމެއް 2014 ގެ ބޮޑު އާބާދީއަކަށް ވެސް މި އޮތީ ނޭނގި އެވެ. ގޫގްލްގެ "ވަޓް އިޒް" ކެޓަގަރީގެ އެންމެ އާންމު ސުވާލުތަކުގެ ލިސްޓުގައި "ވަޓް އިޒް ލަވް؟" ގެ ސުވާލު އޮތީ ތިން ވަނައިގަ އެވެ.

މިއީ މި ސުވާލު ގޫގްލްގެ މި ލިސްޓުގެ ގަދަ ތިނެކަށް އެރި ފުރަތަމަ ފަހަރެއް ނޫނެވެ. "ވަޓް އިޒް ލަވް" އޮތީ 2012 ވަނަ އަހަރު މި ލިސްޓްގެ އެއް ވަނައިގަ އެވެ.

އެހެންވީމަ، 2014 އައިއިރު ވެސް މި ސުވާލަށް އެކަށީގެންވާ ޖަވާބެއް އަދިވެސް ނުލިބެނީއެއް ނޫން ހެއްޔެވެ؟ އަޅެ ތިޔަ ބޭފުޅުން ކޮންމެ ވެސް ގޮތަކަށް ލޯބީގެ މާނަ ސިފަކޮށްދީބަލާށެވެ.

މި އަހަރު ގޫގްލްގެ "ވަޓް އިޒް" ސުވާލު ކެޓަގަރީގައި އެންމެ ގިނަ ބަޔަކު ކޮށްފައިވާ ސުވާލަކީ އެބޯލާއާ ބެހޭ ސުވާލެވެ. "ވަޓް އިޒް އެބޯލާ؟" އަކީ އެންމެ ގިނަ މީހުންކޮށްފައިވާ ސުވާލެވެ.