އަންނަ އަހަރު ބާއްވާ ވޯލްޑް ކަޕުން ޖާގަ ނުލިބުނު އިޓަލީގެ ފުޓްބޯޅަ ޓީމު އަލުން ނަގާ ކޮޅަށް ޖަހަން އެ ޓީމުގެ ކޯޗް ކަމަށް ގެންނާނެ ލިސްޓެއް އިޓަލީގެ ފުޓްބޯޅަ ފެޑްރޭޝަންގެ ރައީސް ކާލޯ ޓަވޭކިއޯ އިއުލާން ކޮށްފި އެވެ.
ވޯލްޑް ކަޕުން އިޓަލީ އަށް ފުރުސަތު ނުލިބުމުން މިއީ 1958 ވަނަ އަހަރުގެ ފަހުން އެ ޓީމަށް ވޯލްޑްކަޕްގެ ޖާގަ ގެއްލުނު ފުރަތަމަ ފަހަރެވެ. ވޯލްޑްކަޕްގެ ފުރުސަތު އެ ޓީމަށް ގެއްލުނީ ޕްލޭއްފްގައި ސްވިޑެން އަތުން 1-0 ގެ އެގްރިގޭޓް ނަތީޖާއިން ބަލިވުމުން ނެވެ. ނާކާމިޔާބަށް ފަހު އިޓަލީން ވަނީ ކޯޗަކަށް ހުރި ޖިއަމްޕިއޭރޯ ވެންޗޫރާ ވަކި ކޮށްފަ އެވެ.
ނާކާމިޔާބާއެކު ވެންޗޫރާގެ އިތުރުން ޓަވޭކިއޯ އަށްވެސް ފާޑު ކިޔުން އަމާޒުވި އެވެ. އަދި އޭނާ އެފްއޭގެ ރައީސް ކަމުގެ މަގުމުން އިސްތިއުފާ ދިނުމަށް ގޮވާލާ އަޑުތައް ގަދަ ވެގެން ދިޔަ އެވެ. ނަމަވެސް އޭނާ ވަނީ އިސްތިއުފާ ދޭން ދެކޮޅު ހަދާފަ އެވެ. މިހާރު އޭނާ އެންމެ ބޮޑު އިސްކަމެއް ދެނީ އިޓަލީ އަށް އެންމެ އެކަށޭނެ ކޯޗަކު ހޯދުމަ ށެވެ.
"މިވަގުތު ހުރިހާ ކޯޗުން ވެސް ތިބީ އެންމެ ލަސްވެގެންވެސް ޖޫން މަހާ ހަމަޔަށް ކޮންޓްރެކްޓެއްގައި، މިއީ މަލްޓި މިލިއަން ޕައުންޑްގެ ޑީލްތައް އެކޯޗުން ވަޒީފާއިން ދޫކޮށްލުމަށް އެ ވަރުގެ އަގެއް ބަދަލުގެ ގޮތުގައި ދެއްކޭކަށް އަހަރެމެންނަކަށް ނެތް،" އިޓަލީގެ ނޫހަކަށް ދިން އިންޓަވިއުގައި ޓަވޭކިއޯ ވިދާޅުވި އެވެ.
"އަހަރެމެން މި ބަލަނީ އެންމެ މޮޅު ކޯޗް ގެނައުމަށް، އެންމެ މޮޅު ކޯޗޭ އަހަރެން ބުނީމަ އޭގެ މަނައަކީ [ކާލޯ] އަންޗެލޯޓީ ނުވަތަ [އެންޓޯނިއޯ] ކޮންޓޭ، [މަސިމިލިއާނޯ] އެލެގްރީ، ކްލައުޑިއޯ ރަނިއޭރީ ނުވަތަ ]ރޮބާޓޯ] މަންޗިނީ ކަހަލަ ކޯޗެއް މިއީ ހިމެނޭ ނަން ތަކަކީ."
އެ ލިސްޓް ގައި ހިމެނޭ ކޯޗުންގެ ތެރެއިން އަންޗެލޯޓީ މިވަގުތު ހުރީ ހުސް ކޮށެވެ. އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ބަޔާން މިޔުނިކާ އެކު ކޮންޓްރެކްޓެއްގައި ހުއްޓައި، މި ސީޒަންގެ ދަށް ނަތީޖާ ތަކުގެ ސަބަބުން ބަޔާނުން ވަނީ ސެޕްޓެމްބަރު މަހު އޭނާ ކޯޗު ކަމުން ވަކި ކޮށްފަ އެވެ. ނަމަވެސް އަންޗެލޯޓީ ބުނީ މި ސީޒަންގެ ނިޔަލަށް އެއްވެސް ޓީމަކާ ހަވާލުވާން ބޭނުން ނުވާ ކަމަށެވެ.
ވެންޗޫރާގެ ކުރިން އިޓަލީ އަށް ކޯޗް ކޮށްދިނީ ކޮންޓޭ އެވެ. މިދިޔަ އަހަރު ޔޫރޯގެ ފަހުން އޭނާ ވަނީ އިޓަލީގެ ވަޒީފާ ދޫކޮށް ޗެލްސީ އާ ހަވާލުވެފައެވެ. މިދިޔަ ސީޒަންގެ އިނގިރޭސި ޕްރިމިއާ ލީގްގެ ޗެމްޕިއަންކަން ޗެލްސީ އަށް ހޯދައިދިނުމުން، ޗެލްސީން ވަނީ ކޮންޓޭގެ އެއްބަސްވުމުގެ މުއްދަތު އިތުރު ކޮށްފަ އެވެ. ކޮންޓޭ ވެސް ބުނީ ގިނަ އަހަރު ތަކެއް ވަންދެން ޗެލްސީގައި އޭނާ ހުންނަން ބޭނުންވާ ކަމަށެވެ.
އެލްގްރީ ހުރީ ޔުވެންޓަސްގެ ކޯޗްގެ މަގާމުގަ އެވެ. އޭނާ އަކީ ވޭތުވެދިޔަ ތިން ސީޒަންގައި އިޓަލީގެ ޗެމްޕިއަންކަން ޔުވެންޓަސް އަށް ހޯދައިދިން ކޯޗެވެ. މެންޗެސްޓާ ސިޓީ އަށް ކުރިން ކޯޗް ކޮށްދިން މަންޗިނީ ވަނީ ރަޝިޔާގެ ޒެނިޓް ޕީޓާސް ބާގްގެ ކޯޗް ކަމާ ޖޫން މަހު ހަވާލުވެފަ އެވެ. އޭނާ ވެސް ބުނީ ރަޝީޔާގެ ކުލަބުގައި ހުރީ އުފަލުން ކަމަށާއި އިޓަލީ އާ ހަވާލުވުމުގެ ވިސްނުމެއް ނެތް ކަމަށެވެ.
ގިނަ ބަޔަކު ހައިރާން ކޮށްލުމަށްފަހު 2015 ވަނަ އަހަރު އިނގިރޭސި ޕްރިމިއާ ލީގްގެ ޗެމްޕިއަންކަން ލެސްޓާ ސިޓީ އަށް ހޯދައިދިން ރަނިއޭރީ މިހާރު ހުރީ ފްރާންސްގެ އެފްސީ ނޯންޓްގެ ކޯޗް ކަމާ ހަވާލު އެވެ. އާދައިގެ ޓީމަކާ އެކު އެ ކުލަބު ދަނީ ލީގް ގަދަ ފަހެއްގައި ވަދަ ކުރަމުން ނެވެ.
ޓަވޭކިއޯ މަގާމުން އިސްތިއފާ ދިނުމަށް ގިނަ ފިއްތުންތަކެއް ކުރިމަތި ކުރަމުން ދިޔަ ނަމަވެސް އޭނާ ހުރީ ފަހަތަށް ޖެހެން ނޫން ކަމަށް އިންޓަވިއުގައި އޭނާ ވިދާޅުވި އެވެ. އަދި އޭނާ ވަނީ އިޓަލީގެ ފުޓްބޯޅަ އަށް އޭނާ ގެ ދައުރުގައި ކޮށްދިން ކަންކަން ހާމަ ކޮށް އިސްތިއުފާ ދޭން ނުޖޭހެ ސަބަބު ވިދާޅުވެފަ އެވެ.
"އަހަރެން މި މަސައްކަތް މި ކުރަނީ ފަރުވާތެރި ކަމާއެކު އަހަރެން އެކުލަވާލި ޕްރޮޖެކްޓްތައް ހާސިލު ކުރަން ބޭނުންވާ މިންވަރަށް މިދަނީ ހަސިލު ކުރަމުން،" ޓަވޭކިއޯ ވިދާޅުވި އެވެ.
"ކުލަބު އިޓަލީއާ ޕްރްޖެކްޓް މުޅިން ފުރިހަމަ ނުވެ އޮތީ ހަމަ އެންމެ ކަމަކުން އެއީ ނަތީޖާއިން އެކަނި، އިޓަލީ އަށް ވީއޭއާރް [ވީޑިއޯ އެސިޓެންޓް ރެފްރީ] ގެނައީ ކާކު، އިޓަލީގެ ހަތަރު ކުލަބަށް ޗެމްޕިއަންސް ލީގް ހޯދައިދިނީ ކާކު، އެމީހަކީ ޓަވޭކިއޯ، އެއީ ކަާކު،"
"ކަލޭ މެން [މީޑިއާ އިން] ބޭނުން ވަނީ އަހަރެން އިސްތިއުފާ ދީފީމޭ ބުނަން، އެކަމަކު އަހަންނެއް އިސްތިއުފާ ނުދޭނަން، ކީއްވެ އަހަރެން އިސްތިއުފާ ދޭންވީ އަހަރެންގެ ޕްރެޖެކްޓްތައް ފެޑްރަލް ކޮމިޝަނުން ދަނީ ބަލައިގަންނަމުން."