ދިވެހި ފިލްމު އިންޑަސްޓްރީއަށް މި ފަހުން އެންމެ ބޮޑު އިންގިލާބެއް ގެނެސް ފިލްމީޗދާއިރާއަށް ބަދަލެއް ގެނެސްދިން ބަޔަކީ ޑާކްރެއިން އެންޓަޓެއިންމަންޓެވެ. ތަފާތު ފިލްމުތަކެއް ގެނެސްދިނެވެ. ރޮމޭންޓިކް ކޮމެޑީ އަދި ތްރިލާ އެވެ. ރޮމޭންޓިކް ކޮމެޑީ ތަކަކަށްފަހު ވަކިން ޑާކް ރެއިނުން މިހާރު މަސައްކަތް ފަށާފައިވަނީ އަނެއްކާވެސް ތްރިލާ އަކަށެވެ.
އެއީ "ގޮށްރާޅެ"ވެ. ފިލްމުގެ ޝޫޓިން އިއްޔެ ފެށިއިރު ފިލްމާ ބެހޭގޮތުން މާގިނަ މައުލޫމާތެއް ހާމައެއް ނުކުރެ އެވެ. އެހެން ނަމަވެސް ފިލްމުގެ ޝޫޓިން ފަށާފައިވަނީ މުހިންމު ދެ ރޯލަކަށް މުޅިން އާ ދެ ތަރިންނާ އެކުގަ އެވެ. ފިލްމީ ދާއިރާގެ އާއިލާއަށް އަނެއްކާވެސް ދެ މެންބަރުން އިތުރުވަނީ އެވެ. އެއީ އައިޝަތު ތަސްނީމާ އަދި މޯލްޑިވިއަން އައިޑޮލް ސީޒަން ދެ އަކުން ވިދާލި ހަސަން އިރުފާން (ޒަކިއްޓެ) އެވެ.
ޒަކިއްޓެ އަދި ތަސްނީ އާއެކު ފިލްމުގެ ލީޑް ރޯލުން ޖުމައްޔިލް ނިމާލް ފެނިގެންދާނެ އެވެ. އަދި ސަޕޯޓީން ރޯލުންވެސް އާ ތަރިން ފެންނާނެ އެވެ. "ގޮށްރާޅު" ގެ ޕްރޮޑިއުސަރު ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) ބުނީ ފިލްމުގެ ޝޫޓިން ފެށި ނަމަވެސް އަދި މާބޮޑު ތަފްސީލެއް ފިލްމާ ބެހޭގޮތުން ދެވެން ނެތް ކަމަށެވެ. އެހެން ނަމަވެސް ވަރަށް އަވަހަށް ތަފުސީލް ހިއްސާ ކުރާނެ ކަމަށެވެ.
މޫމިން ފުއާދުގެ ވާހަކައަކަށް ހަދާ އެ ފިލްމުގެ ޑައިރެކްޓު ކުރަނީ އަހުމަދު ޝިނާނެވެ. އޭނާއަކީ ނަހުލާގެ ބިރުވެރި ފިލްމު "4426" ގެ ވެސް ކޯ-ޑައިރެކްޓަރެކެވެ.
"ގޮށްރާޅު" ބެލުންތެރިންނާ ހަމައަށް އަންނާނީ އަންނަ އަހަރުގެ އޭޕްރިލް ފަހެއްގަ އެވެ. އަންނަ އަހަރުގެ މާޗްމަހުގެ ފަސް ވަނަ ދުވަހު ރިލީޒްކުރަން ހަމަޖެހިފައިވާ އެ ސްޓޫޑިއޯ ގެ "ވަކިން ލޯބިން"ގެ ޝޫޓިންވެސް ވަނީ ނިންމާލާފަ އެވެ. ވަކިން ލޯބިންގެ މަންޒަރުތައް ނަގަމުންދަނީ ތްރީ ސައުންޑުކޮށެވެ. މޮގާބުނީ އޭރުން ފިލްމު އެޑިޓްކުރާއިރުވެސް "ނެޗުރަލް ސައުންޑު" ބޭނުންކޮށް ޑަބް ކުރަން ނުޖެހޭނެ ކަމަށެވެ. އެހެން ކަމުން އިތުރު ވަގުތުތަކެއް ސަލާމަތްވެ ފިލްމު އިތުރަށް ފުރިހަމަވެސް ވާނެ ކަމަށެވެ. "ގޮށް ރާޅު"ވެސް ނަގަން ނިންމާފައިވަނީ ތްރީ ސައުންޑުކޮށެވެ.
ޑާކްރެއިން އެންޓަޓެއިންމަންޓުން މިހާތަނަށް އެކި ކަހަލަ ފިލްމުތައްވަނީ ގެނެސްދީފަ އެވެ. އޭގެ ތެރޭގައި ތްރިލާ ފިލްމުތައް މީގެ ކުރިންވެސް ގެނެސްދީފައި އެބަހުއްޓެވެ. އެގޮތުން "ހެޕީ ބާތު ޑޭ" އަދި "މިކޮއެ ބައްޕަ ބައޭ ބައޭ" އަކީވެސް ތްރިލާ ޑާކްރެއިނުން ގެނެސްދީފައިވާ ތްރިލާ ފިލްމުތަކެވެ. "މިކޮއެ ބައްޕަ ބައޭ ބައޭ" އަކީ ސައިކޮލޮޖިކަލް ތްރިލާ އެކެވެ.