ދުނިޔެ

ޗައިނާއަށް މަޝްރޫއުތައް ހޯދައިދޭން ރިޝްވަތުދިން ކަމުގެ ދައުވާ ކޮށްފި

އެފްރިކާގެ ދެގައުމަކުން ޗައިނާއަށް މަޝްރޫއުތައް ހޯދައިދޭން ރިޝްވަތު ދިން ކަމުގެ ކުށުގެ ދައުވާ އެމެރިކާއިން ދެމީހެއްގެ މައްޗަށް އުފުލައިފިއެވެ.

އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓާ ހަވާލާދީ ރޮއިޓާސް ބުނީ ދައުވާ އުފުލީ ސެނެގާލްގެ ކުރީގެ ފޮރިން މިނިސްޓަރު ޗައިކް ގާޑިއޯ(61އ) އާއި ޗީ ޕިން ޕެޓްރިކް ހޯ ނަމަކަށް ކިޔާ އުމުރުން 68 އަހަރުގެ ހޮންކޮންގް މީހެއްގެ މައްޗަށް ކަމަށެވެ. އެދެ މީހުންނާ ދެކޮޅަށް ދައުވާ އުފުލީ ތެލާއި ގޭހުގެ މަސައްކަތް ކުރާ ޗައިނާގެ ދެ ކުންފުންޏަކަށް ޗާޑާއި ޔޫގެންޑާއިން ކޮންޓްރެކްޓެއް ހޯދައި ދިނުމަށް ރިޝްވަތު ދިން ކަމުގެ ތުހުމަތަށެވެ.

އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ އެ ދެމީހުންގެ މައްޗަށް ދައުވާ އުފުލީ އެމެރިކާގެ ބޭރު މީހުހން ހިންގާ ކޮރަޕްޝަނާއި ކަޅު ފަައިސާގެ މުއާމަލާތްތައް ހުއްޓުވާ ގާނޫނުގެ ދަށުން ކަމަށެވެ. އެބަޔާނުގަައި ބުނެފައި ވަނީ މައްސަލައިގެ ތުހުމަތަށް ސެނެގާލްގެ ކުރީގެ ފޮރިން މިނިސްޓަރު ހައްޔަރު ކުރީ މިދިޔަ ހުކުރު ދުވަހު ނިއުޔޯކްގައި ކަމަށެވެ. ހޮންކޮން މީހާ ހައްޔަރު ކުރީ ހޮނިހިރު ދުވަހުއެވެ.

އެދެ މީހުން ރިޝްވަތު ދިނުމުގެ މުއާމަލާތްތައް ހިންގާފައި ވަނީ އެމެރިކާގެ ބޭންކްތައް މެދުވެރިކޮށެވެ. އެ ދެމީހުން ހިންގި މުއާމަލާތްތަކުގެ ތެރޭގައި ޗާޑުގެ ރައީސަށާއި ޔޫގެންޑާގެ ފޮރިން މިނިސްޓަރަށް ދިން ރިޝްވަތުގެ ފައިސާއިން ވިޔަފާރި ކުރަން އުޅުން ހިމެނެއެވެ.

ރިޝްވަތު ހިފި ކަމަށް އެމެެރިކާއިން ތުހުމަތު ކުރާ އެފްރިކާ ގައުމުތަކުގެ ލީޑަރުންގެ ނަން ހާމަ ކުރި ނަމަވެސް ޗައިނާގެ ކުންފުނީގެ ނަން އެމެރިކާއިން ހާމައެއް ނުކުރެއެވެ. ޔޫގެންޑާއި އާއި ޗާޑުން މި މައްސަލައިގައި އަދި ވަކި އެއްޗެއް ނުބުނެއެވެ.