ރޮބަޓް މުގާބޭ

ޒިމްބާބްވޭ ސިފައިން ކަންކުރީ ރަނގަޅަށް ކަމަށް ކަނޑައަޅަން ކޯޓަށް

ޒިމްބާބްވޭ ސިފައިން އެ ގައުމުގެ ކޮންޓްރޯލު އަތުލައި، ރައީސް ރޮބަޓް މުގާބޭ ގޭ ބަންދުކޮށް ބައެއް ވަޒީރުން ހައްޔަރު ކުރީ ރަނގަޅަށް ކަމަށް ކަނޑައަޅައި ދިނުމަށް އެގައުމު މިނިވަންވި ހަނގުރާމައިގައި ބައިވެރިވި މީހުން ހައިކޯޓުގައި އެދިއްޖެ އެވެ.

ޒިމްބާބްވޭ ސަރުކާރުގެ "ދަ ހެރަލްޑް" ނޫހުން ބުނީ ކުރީގެ ސިފައިން ހައިކޯޓުގައި އެދުނީ ޒިމްބާވްވޭ ސިފައިން ފިޔަވަޅު އެޅީ ފަސްޓް ލޭޑީ ގްރޭސް މުގާބޭ ގައުމުގައި އުފެއްދި ގާނޫނާ ހިލާފު ހާލަތެއް ހަމަޖެއްސުމަށް ގާނޫނު އަސާސީއާއި ގާނޫނުތަކާ އެއްގޮތަކަށް ކަމަށް ބުނެ ރޫލިން އެއް ނެރެ ދިނުމަށް ކަމަށެވެ.

ކުރީގެ ސިފައިން ހުށަހެޅި މައްސަލައިގައި ބުނެފައި ވަނީ ސިފައިން ފިޔަވަޅު އެޅި އިރު ގްރޭސް މުގާބޭއާއި އޭނާގެ "ޖީ 40 ގޭންގް" (ވެރިކަން ކުރާ ޒާނޫ ޕީއެފްގައި ގްރޭސް އުފެއްދެވި ގޮތްޕެއް) ގެ ނުފޫޒު ރައީސް މުގާބޭގެ މައްޗަށް އޮތީ އޭނާއަށް މަގާމުގެ މަސްއޫލިއްޔަތުތައް އަދާ ނުކުރެއްވޭ ވަރަށް ކަމަށެވެ. އަދި ބުނެފައި ވަނީ މުގާބޭއަށް އެހާލަތު މެދުވެރި ކުރުމަށް ފަހު ވެރިކަން ކުރާ ޒާނޫ ޕީއެފްގެ ތެރެއިން މީހުން ވަކި ކުރުމުގެ ސީރިއަސް އަމަލުތައް ގްރޭސްއާއި ޖީ 40 އިން ހިންގާފައިވާ ކަމަށެވެ.

މުގާބޭއާ ދެކޮޅަށް ޒިމްބާބްވޭ ސިފައިން ނުކުތީ ނައިބު ރައީސް ކަމުން އެމާސަން ނަންގަގްވާ ވަކިކުރުމުންނެވެ. މުގާބޭ އެ ފިޔަވަޅު އެޅުއްވީ އޭނާއަށް ފަހުގައި އަނބިކަނބަލުން ގްރޭސްއަށް ވެރިކަން ހޯއްދަވައިދެއްވުމަށް މަގުފަހިކުރެއްވުމަށެވެ.

ސިފައިން ގައުމާ ހަވާލުވި ފަހުން ވެރިކަން ކުރާ ޒާނޫޕީއެފް ޕާޓީގެ ލީޑަރުކަމުން މުގާބޭ ވަނީ ވަކިކޮށްފައެވެ. އަދި އޭނާ ޒިމްބާބްވޭގެ ރައީސް ކަމުން އިސްތިއުފާ ދެއްވަން ޕާޓީން ވަނީ ގޮވާލާފައެވެ. ޝަރުތު ތަކަކާ އެކު އިސްތިއުފާ ދެއްވަން މުގާބޭ އެއްބަސްވެވަޑައިގެންނެވި ކަމަށް އިއްޔެގައި ހަބަރު ފެތުރުނެވެ. ނަމަވެސް އޭނާ އަދިވެސް އިސްތިއުފާ ނުދެއްވާތީ ޕާލަމެންޓުން އޭނާ އިމްޕީޗްކުރުމުގެ މަސައްކަތް މިއަދު ފަށަން ޒާނޫޕީއެފުން ވަނީ ތައްޔާރުވެފައެވެ.