ވިޔަފާރި

ފޮޓޯ އެމްބެސެޑަރުންގެ ރީތި ފޮޓޯތައް އާޓް ގެލަރީއަށް

އެންމެ ތަސްވީރަކުން ވެސް އެތައް ވާހަކައެއް ކިޔައިދެ އެވެ. މި ފަދަ އެތައް ތަސްވީރެއް، މިހާރު ނޭޝަނަލް އާޓްގެލަރީގައި ކުރިއަށްދާ ފޮޓޯ މައުރަޒުގައި އެބަހުއްޓެވެ. ރާއްޖެ އިޝްތިހާރު ކުރުމަށް، މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ކުރިއަށްގެންދާ މަސައްކަތުގެ ބައެއްގެ ގޮތުން ވަނީ ރާއްޖޭގެ ފޮޓޯގްރެފީ އެމްބެސެޑަރުން ނަގާފަ އެވެ. މި މައުރަޒުގައި ދައްކާލަނީ މި ހުނަރުވެރިންގެ ފޮޓޯތަކެވެ.

އާޓްގެލަރީގައި އިއްޔެ އިން ފެށިގެން މިރޭގެ ނިޔަލަށް ކުރިއަށްގެންދާ އެގްޒިބިޝަން ރަސްމީކޮށް މިއަދު ހުޅުއްވައި ދެއްވީ ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ ޑެޕިއުޓީ މިނިސްޓަރު ހުސެއިން ލިރާރު އެވެ.

މި ރަސްމިއްޔާތުގައި ލިރާރު ވިދާޅުވީ ރާއްޖޭގައި ގިނަ މަޝްރޫއުތަކެއް ކުރިއަށްދާއިރު، މާކެޓިން ވަރުގަދަ ކުރަން ޖެހޭކަމަށެވެ.

"މިހާރު އެންމެ އިސްކަން ދޭން ޖެހެނީ މާކެޓިން އަށް. އެހެންވެ މިފަދަ ފޮޓޯ ގްރަފީ އިވެންޓްތަކަކީ ވަރަށް މުހިންމު. މިފޮޓޯތައް ވަރަށް ބޮޑަށް ވިކެމުންދޭ. އެހެންވެ މި ފޮޓޯތަށް މާކެޓިންއާއި ސޯޝަލް މީޑިއާގައި ބޭނުން ކުރުން މުހިންމު،" ލިރާރު ވިދާޅުވި އެވެ.

އެމްއެމްޕީއާރުސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ހާރިސް މުހައްމަދު ވިދާޅުވީ ދިވެހި ޒުވާނުންގެ ބަޔަކު ނަގައިގެން މިފަދަ އިވެންޓެއް ސަރުކާރުން ބޭއްވުމަކީ ފާހަގަ ކުރަންޖެހޭ ކަމެއް ކަމަށެވެ.

"އަޅުގަނޑުމެންގެ އިމޭޖް ލައިބްރަރީގައި ހުރި އިމޭޖުތައް އައުޓްޑޭޓް ވެފައި ހުރީ. އެހެންވެ މީގެ ބޭނުމެއް އެކަން ކޮންޓިނިއުސްލީ އަޕްޑޭޓް ކުރުން. ކޮލިޓީ ހައި، ރިޒޮލޫޝަން ހައި ފޮޓޯތައް އިތުރު ކުރުން،" ހާރިސް ވިދާޅުވި އެވެ.

އަޅުގަނޑުމެންގެ އިމޭޖް ލައިބްރަރީގައި ހުރި އިމޭޖުތައް އައުޓްޑޭޓް ވެފައި ހުރީ. އެހެންވެ މީގެ ބޭނުމެއް އެކަން ކޮންޓިނިއުސްލީ އަޕްޑޭޓް ކުރުން. ކޮލިޓީ ހައި، ރިޒޮލޫޝަން ހައި ފޮޓޯތައް އިތުރު ކުރުން
އެމްއެމްޕީއާރުސީގެ ޑެޕިއުޓީ މިނިސްޓަރު ހާރިސް މުހައްމަދު

އޭނާ ވިދާޅުވި ގޮތުގައި ފޮޓޯ ގްރަފީ އެމްބެސެޑަރުން ނަގާފައިވަނީ ދިވެހިންގެ މެދުގައި މުބާރާތެއް ބާއްވައިގެން، ކަމަށެވެ. މި މުބާރާތުގެ ބޭނުމަކީ މި ދާއިރާ އިން ދިވެހިންނަށް މާކެޓު ޝެއާއެއް ދިނުން ކަމަށެވެ.

"މި މުބާރާތަށްފަހު ނެގި ފަސް ބޭފުޅުންގެ މެންޑޭޓަކީ އެއް އަހަރު ދުވަސްވަންދެން ރާއްޖެ ޕްރޮމޯޓް ކުރަން ފޮޓޯ ނެގުން. އެނގިވަޑައިގަންނަވާނެ ފަދައިން އެންމެ ފޮޓޯއަކީ ވެސް ވަރަށް ޕަވަފުލް އެއްޗެއް. އެންމެ ފޮޓޯއަކުން ކެމްޕޭނެއް ހަލާކުކޮށްލައި ނޫނީ ކާމިޔާބު އެއްޗަކަށްވެސް ހެދިދާނެ،" ހާރިސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ފަސް ޒުވާނުންގެ ފޮޓޯތަކާއެކު ކޮންމެ އަހަރަކު ދެ މަރުރަޒު ބާއްވަން ނިންމާފައިވާ ކަމަށެވެ.

މި މައުރަޒުގެ މެއިން- ސްޕޮންސާއަކީ ބ. ކިހާ މޯލްޑިވްސް އެވެ. އަދި ކޯ- ސްޕޮންސާއަކީ އެމްއައިޓީޑީސީ އެވެ.