- ޓޫރިޒަމަށް ބޮޑު ކުރިއެރުމެއް
- ޗައިނާ މާކެޓު އަދިވެސް ދަށަށް
- ޔޫރަޕުން ބޮޑު ކުރިއެރުމެއް ފެނޭ
ޓޫރިޒަމް "ދަށްކޮށް" އަހަރުތަކެއްގައި ހުރުމަށްފަހު، މި އަހަރު މިވަނީ ރަނގަޅުވާން ފަށާފަ އެވެ. މިގޮތުން އެންމެ ފަހުން ޓޫރިޒަމް މިނިސްޓްރީން އާއްމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް [އޮކްޓޫބަރު] މަހުގެ ނިޔަލަށް 1,125,995 މީހުން ޒިޔާރަތް ކުރި އެވެ. މި އަދަދަކީ މިދިޔަ އަހަރު ޒިޔާރަތް ކުރި 1,062,033 މީހުންނާ އަޅާ ބަލާއިރު ހަ ޕަސެންޓުގެ އިތުރުވުމެކެވެ.
ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް މުޅި ޔޫރަޕުން 511,851 މީހުން ޒިޔާރަތް ކުރި އެވެ. މި އަދަދަކީ މިދިޔަ އަހަރު އައި 462,528 މީހުންނާ އަޅާބަލާއިރު 10.7 ޕަސެންޓް އިތުރުވުމެކެވެ. ޔޫރަޕުން އެންމެ ގިނަ މީހުން ޒިޔާރަތް ކޮށްފައިވަނީ ވެސްޓަން ޔޫރަޕުންނެވެ. މި ސަރަހައްދުން މިހާތަނަށް 181,967 މީހުން ޒިޔާރަތް ކޮށްފައިވެ އެވެ. މިއީ މިދިޔަ އަހަރު ޒިޔާރަތް ކުރި 174,170 މީހުންނާ އަޅާބަލާއިރު 4.5 ޕަސެންޓް އިތުރުވުމެކެވެ.
ޔޫރަޕުން އެންމެ ގިނައިން މީހުން ރާއްޖެ އައިސްފައިވަނީ ޖަރުމަނުވިލާތުންނެވެ. އެ ގައުމުން މިދިޔަ މަހު 91,238 މީހުން ޒިޔާރަތް ކުރި އެވެ. މި އަދަދަކީ މިދިޔަ އަހަރުގެ އޮގްސްޓްމަހު ޒިޔާރަތް ކުރި 87,684 މީހުންނާ އަޅާބަލާއިރު 4.1 ޕަސެންޓް އިތުރު ވުމެކެވެ. އަދި ދެވަނައަށް އެންމެ ގިނައިން ޒިޔާރަތް ކުރި އިނގިރޭސިވިލާތުން 84,679 މީހުން އައިސްފައިވެ އެވެ. މި އަދަދަކީ މިދިޔަ އަހަރު ރާއްޖެ އަށް ޒިޔާރަތްކުރި 85,194 މީހުންނާ އަޅާބަލާއިރު 0.6 ޕަސެންޓް ދަށްވުމެކެވެ. އަދި ތިންވަނަ އަށް އެންމެ ގިނަ މީހުން ޒިޔާރަތް ކުރީ އިޓަލީއިންނެވެ. އެ ގައުމުން މިދިޔަ މަހުގެ ނިޔަލަށް 67,094 މީހުން ޒިޔާރަތް ކޮށްފައިވެ އެވެ. މި އަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތް ކުރި 55,044 މީހުންނާ އަޅާބަލާއިރު 21.9 ޕަސެންޓް އިތުރުވުމެކެވެ. އަދި ހަތަރު ވަނަ އަށް އެންމެ ގިނަ މީހުން އައީ ރަޝިޔާއިންނެވެ. އެ ގައުމުން މިދިޔަ މަހުގެ ނިޔަލަށް 47,943 މީހުން ޒިޔާރަތް ކުރި އެވެ. މި އަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތުގައި އައި 36,212 މީހުންނާ އަޅާބަލާއިރު 32.4 ޕަސެންޓް އިތުރުވުމެކެވެ. ފްރާންސުން މިދިޔަ މަހުގެ ނިޔަލަށް 33,529 މީހުން ޒިޔާރަތް ކުރި އެވެ. މި އަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތުގައި އައި 33,094 މީހުންނާ އަޅާބަލާއިރު، 1.3 ޕަސެންޓް އިތުރު އަދަދެކެވެ.
ޔޫރަޕުގެ އިތުރުވުން ކުރުކޮށް
- ޖަރުމަނުވިލާތް 91,238 މީހުން (4.1+)
- އިނގިރޭސިވިލާތް 84,679 މީހުން (0.6-)
- އިޓަލީވިލާތް 67,094 މީހުން (21.9+)
- ރަޝިޔާ 47,943 މީހުން (32.4+)
- ފަރަންސޭސިވިލާތް 33,529 މީހުން (1.3+)
މީގެ އިތުރުން ރާއްޖެ އަށް އުންމީދީ މާކެޓެއްގެ ގޮތުގައި ބަލަމުން ގެންދާ އެމެރިކާއިން މި އަހަރުގެ މިހާތަނަށް 30,450 މީހުން ޒިޔާރަތް ކުރި އެވެ. މި އަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތުގައި އައި 25,730 މީހުންނާ އަޅާބަލާއިރު 18.3 ޕަސެންޓް އިތުރުވުމެކެވެ.
މި އަހަރުގެ މިހާތަނަށް އެންމެ ގިނަ މީހުން ޒިޔާރަތް ކުރީ ޗައިނާއިންނެވެ. އެ ގައުމުން މިދިޔަ މަހުގެ ނިޔަލަށް 265,417 މީހުން ޒިޔާރަތް ކުރި އެވެ. މި އަދަދަކީ މިދިޔަ އަހަރު ޒިޔާރަތް ކުރި 289,123 މީހުންނާ އަޅާބަލާއިރު 8.2 ޕަސެންޓް ދަށްވުމެކެވެ. އަދި އޭޝިޔާއިން އެންމެ ބޮޑު ކުރިއެރުމެއް ހޯދަމުންދާ އިންޑިޔާއިން މި އަހަރުގެ މިހާތަނަށް 63,141 މީހުން ޒިޔާރަތް ކޮށްފައިވެ އެވެ. މި އަދަދަކީ މިދިޔަ އަހަރު ޒިޔާރަތް ކުރި 50,369 މީހުންނާ އަޅާބަލާއިރު 25.4 ޕަސެންޓް އިތުރު ވުމެކެވެ.
މި އަހަރުގެ މިހާތަނަށް 1.1 މިލިއަން ޓޫރިސްޓުން ޒިޔާރަތް ކޮށްފައިވާއިރު، މި އަހަރު ނިމޭއިރު 1.3 މިލިއަން މީހުން އަންނާނެ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.