ސައިޕްރަސްގެ އަޕޮއެލް ނިކޯސިއޯ އަތުން 6-0 ން މޮޅުވި މެޗުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބު ކުރި ދެ ލަނޑާއެކު އެއް އަހަރު ތެރޭ ޗެމްޕިއަންސް ލީގްގައި އެންމެ ގިނަ ލަނޑު ޖެހުމުގެ ރެކޯޑް ރޮނާލްޑޯ ހަދައިފި އެވެ.
ރޮނާލްޑޯ ވަނީ އެއް އަހަރެއްގައި ޗެމްޕިއަންސް ލީގްގައި 18 ލަނޑު ޖެހި ފުރަތަމަ ކުޅުންތެރިޔާގެ ރެކޯޑް ހަދަފާ އެވެ. ޗެމްޕިއަންސް ލީގްގައި އެއް އަހަރު ތެރޭ އެންމެ ގިނައިން ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑް މީގެ ކުރިން އޮތީވެސް ރޮނާލްޑޯ އަތުގަ އެވެ.
ރޮނާލްޑޯގެ ނަމުގައި އެހެން ރެކޯޑެއް ވެސް އެބައޮތެވެ. އޭނާ އަކީ ޗެމްޕިއަންސް ލީގްގައި އެއް ޓީމަކަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ އެވެ. ރޭ ޖެހި ދެ ލަނޑާއެކު ރޮނާލްޑޯ ވަނީ ރެއާލް މެޑްރިޑަށް ޗެމްޕިއަންސް ލީގްގައި 98 ލަނޑު ކަމިޔާބު ކޮށްފަ އެވެ. އަދި ޔޫރަޕްގެ މުބާރާތްތަކުގައި ރޮނާލްޑޯ ރެއާލް އަށް ޖަހައިދިން ލަނޑުގެ އަދަދު 100 އަށް އެރީ އެވެ. އެއީ ޔޫއެފްއާ ސްޕަ ކަޕުގައި އޭނާ ޖެހި ދެ ލަނޑު ހިމަނައިގެންނެވެ.
ސްޕެނިޝް ލީގްގައި ލަނޑު ނުޖެހޭ ކަމަށް ބުނެ، ރޮނާލްޑޯ އާއި ބެންޒެމާ އަށް ކުރިމަތިވި ފާޑު ކިޔުންތަކަށް ދެ ކުޅުންތެރިންވެސް ވަނީ ރައްދު ދީފަ އެވެ. މިހާތަނަށް ސްޕެނިޝް ލީގްގައި ދެ ކުޅުންތެރިންވެސް ކާމިޔާބު ކުރެވުނީ އެންމެ ލަނޑެކެވެ. ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ބެންޒެމާ ވެސް ވަނީ ދެ ލަނޑު ޖަހާފަ އެވެ.
"އަހަރެން އެ ދެކުޅުންތެރިން [ރޮނާލްޑޯ އަދި ބެންޒެމާ] އާ މެދު އުފާވޭ،" މެޗަށް ފަހު ވަހަކަ ދައްކަމުން ރެއާލްގެ ކޯޗް ޒައިނުއްދީން ޒިދާން ބުންޏެވެ. "އެ ކުޅުންތެރިން މަސައްކަތް ކުރާނެ، އަހަރެމެންނަށް އެނގޭ އެ ކުޅުންތެރިންގެ ފަރާތުން ގޯލް ފެންނާނެ ކަން، އެކަމަށް ޖެހޭނީ ހިތްވަރާއެކު މަސައްކަތް ކުރަން."
ރެއާލްގެ ލަނޑުތައް ދެން ކަމިޔާބު ކުރީ ލުކަ މޮޑްރިޗް އާއި ނަޗޯ ފެނާންޑޭޒް އެވެ.
މިދިޔަ ދެ ސިޒަންގެ ޗެމްޕިއަން ރެއާލް، ދެ ވަނަ ބުރަށް ދަތުރު ކުރީ ގުރޫޕްގެ ދެ ވަނަ ޓީމުގެ ގޮތުގަ އެވެ. އެއް ވަނަ ލިބުނީ، ބުރޫޝިއާ ޑޯޓަމުންޑާ ދެކޮޅަށް ކުޅުނު މެޗުގައި ފަހަތުން އަރައި މޮޅުވި ޓޮޓެންހަމް ހޮސްޕާ އަށެވެ. އެ ޓީމުން މެޗު ކާމިޔާބު ކުރީ 2-1 ން ނެވެ.
ނަޕޮލީ ވަނީ ދެ ވަނަ ބުރަށް ދިއުމުގެ އުންމީދު ދަމަހައްޓާފަ އެވެ. ޔޫކްރޭންގެ ޝަހްތަރު ޑޮނެސްކްއާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބު 3-0 ން ނެވެ. އެ ގުރޫޕްގައި ހިމެނޭ މެންޗެސްޓާ ސިޓީ ވަނީ ފޭނޫޑްއާ ދެކޮޅަށް ކުޅުނު މެޗު އެންމެ ފަހު ވަގުތު ޖެހި ލަނޑުން 1-0 ގެ ނަތީޖާއިން ކަމިޔާބު ކޮށްފައެވެ.
އެންމެ ހައިރާން ކުރުވަނިވި ނަތީޖާއެއް ފެނުނީ ލިވަޕޫލް އާއި ސެވިއްޔާ ކުޅުނު މެޗުގަ އެވެ. ފުރަތަމަ ހާފުގައި 3-0 ން ލިވަޕޫލް މޮޅުވެފައި ވަނިކޮށް، ދެ ވަނަ ހާފުގައި ކާމިޔާބު ކުރި ލަނޑުތަކުން ސެވިއްޔާ ވަނީ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.