ކުޅިވަރު

ވޭލްސްގެ ކޯޗުކަން ގިގްސްއަށް ދިނުމަށް ހިޔާލު ތަފާތު

Nov 22, 2017

ވޯލްޑްކަޕް ކޮލިފައިންގެ ނާކާމިޔަބަށްފަހު، ވޭލްސްގެ ގައުމީ ޓީމު ދޫކޮށްލި ކްރިސް ކޯލްމަންގެ ބަދަލުގައި ރަޔާން ގިގްސްއަށް މަގާމު ދިނުމާމެދު ވޭލްސްގެ ފުޓްބޯޅަ ކޮމިޔުނިޓީގައި ހިޔާލު ތަފާތު ވެއްޖެ އެވެ.

ކޯލްމަން ވަނީ، އިނގިރޭސީ ޗެމްޕިއަންޝިޕްގެ ސަންޑަލޭންޑްގެ ކޯޗް ކަމާ ހަވާލުވެފަ އެވެ. ޗެމްޕިއަންޝިޕްގެ ތާވަލުގެ އެންމެ ފުލުގައި އޮތް ސަންޑަލޭންޑްއާއެކު ކޯލްމަންގެ ފުރަތަމަ މެޗު ރޭ އެސްޓަން ވިލާ އަތުން ވަނީ ބަލިވެފަ އެވެ.

ގައުމީ ޓީމަށް މާބޮޑު ކާމިޔާބެއް ހޯދައި ނުދެވުނަސް، ގިގްސް އަކީ ވޭލްސްގައި އެފެދުނު އެންމެ މަޝްހޫރު ކުޅުންތެރިޔާ އެވެ. އޭނާ ވަނީ ގައުމީ ޓީމަށް 64 މެޗު ކުޅެފަ އެވެ. ވޭލްސްގެ ކޯޗް ކަމަށް އޭނާ ގެނައުމަށް ހިޔާލު ތަފާތު ވިޔަސް، ވޭލްސްގެ ބައެއް ކޯޗުންގެ ތާއީދު ގިސްގްސް އަށް އެބައޮތެވެ. އެގޮތުން ވޭލްސްގެ ގައުމީ ޓީމަށް ކުރިން ކޯޗް ކޯށްދިން ސްޓޯކް ސިޓީގެ މިހާރުގެ ކޯޗް މާކް ހިއުސް ބުނީ ގިގްސް އަކީ ވޭލްސް އަށް އެންމެ އެކަށޭނެ ކޯޗަށް ވާނެ ކަމަށެވެ.

"އަހަންނަށް ހީވަނީ އޭނާ [ގިގްސް] ވާނެހެން ރަނގަޅު ޗޮއިސްއަކަށް، ވޭލްސްގެ ކޯޗަކަށް އަހަރެން އޭނާގެ ނަން ރެކޮމެންޑް ކުރަން." ބީބީސީ ރޭޑިއޯ ފައިވް އަށް ދިން އިންޓަވިއުގައި ހިއުސް ބުންޏެވެ.

ނަމަވެސް ބައެއް ސަޕޯޓަރުންގެ މެދުގައި ހިޔަލު ތަފާތެވެ. ކުޅުންތެރިޔެއްގެ ކެރިއާގައި ގިގްސްގެ ސީވީ ރަނގަޅެވެ. ނަމަވެސް ސިނިއާ ކޯޗެއްގެ ގޮތުގައި ގިގްސްގެ ތަޖުރިބާ ނެތުމަކީ އެންމެ ބޮޑު މައްސަލަ އެވެ. ގިގްސް ވަނީ 2014 ވަނަ އަހަރު ވަގުތީ ކޯޗެއްގެ ގޮތުގައި މެންޗެސްޓާ ޔުނައިޓަޑަށް ހަތަރު މެޗުގައި އިރުޝާދު ދީފަ އެވެ. އަދި އޭގެ ފަހުން އޭނާ މަސައްކަތް ކުރީ ޔުނައިޓަޑްގައި ލުއިސް ވެން ހާލްގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގަ އެވެ.

ހިއުސް ވަނީ، ތަޖުރިބާ މަދުކަމަށް ބުނެ، ގިގްސް އަށް މަގާމު ހަވާލު ނުކުރުމަށް ބުނާ ފަރާތްކަށް ޖަވާބެއް ދީފަ އެވެ. އޭނާ ބުނީ އޭނާވެސް ވޭލްސްގެ ކޯޗް ކަަމާ ހަވާލުވީ ޒުވާން ކޯޗެއްގެ ގޮތުގައި ކަމަށާއި ނަމަވެސް ތަޖުރިބާއިން ކަންކަން ދަސް ކުރަމުން ދިޔަ ކަމަށެވެ.

ވޭލްސްގެ ކޯޗް ކަމަށް އެންމެ ފޭވަރިޓް ކެނޑިޑޭޓުންގެ ގޮތުގައި ތިބީ ގިގްސްގެ އިތުރުން، މިހަފުތާގައި ވެސްޓްބްރޯމްގެ ކޯޗް ކަމުން ވަކި ކުރި ޓޯނީ ޕްލިސް އެވެ.