ދުނިޔެ

ހަރީރީ ގައުމަށް ވަޑައިގެން ނިންމުން ބަދަލުކުރައްވައިފި

ސައުދީ އަރަބިއްޔާގައި ހުންނަވާފައި ބޮޑުވަޒީރުކަމުގެ މަގާމުން އިސްތިއުފާ ދެއްވި ދެއްވުން އަނބުރައި ގެންދަވަން ސައުދުލް ހަރީރީ ނިމްމަވައިފއެވެ.

ލުބުނާނަށް އެނބުރި ވަޑައިގެންނެވުމަށް ފަހު ހަރީރީ ވިދާޅުވީ އިސްތިއުފާ ދެއްވަން ނިންމެވި ނިންމެވުން އަނބުރައި ގެންދަވަން ނިންމެވީ ލުބުނާނުގެ ރައީސް މިޝޭލް އަޔޫން އެކަމަށް އެދިވަޑައިގެންނެވުމުން ކަމަށެވެ.

ހަރީރީ ސައުދީގައި ހުންނަވާފައި އެގައުމުގެ ސަރުކާރުގެ ޓީވީޗެނަލެއް މެދުވެރިކޮށް ދެއްވި ހިތާބެއްގައި މަގާމުން އިސްތިއުފާ ދެއްވުމުން ލުބުނާނުން ވަނީ އެކަން ބަލައި ނުގެންފައެވެ. ލުބުނާނުގެ ރައީސް އަޔޫންއާއި އެހެން ލީޑަރުން ވެސް ވިދާޅުވަމުން ގެންދެވީ ހަރީރީ އިސްތިއުފާ ދެއްވީ ސައުދީން މަޖުބޫރުކޮށްގެން ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. ހަރީރި ސައުދީގައި ހުންނެވީ ރަހީނުކޮށްފައި ކަަމަށް ވެސް ލުބުނާނުން އޭރު ބުންޏެވެ.

ހަރީރީ ލުބުނާނަށް މިއަދު ވަޑައިގެންނެވީ ފްރާންސްގެ ވެރިރަށް ޕެރިހުންްނެވެ. ފްރާންސަށް ކުރެއްވި ދަތުރުފުޅުގައި އެގައުމުގެ ރައީސް އިމެނުއަލް މެކްރޮންއާ ހަރީރީ މަޝްވަރާތައް ކުރެއްވިއެވެ.

ލުބުނާނަކީ ފުރަތަމަ ބޮޑުހަނގުރާމައާއި ދެވަނަ ބޮޑުހަނގުރާމައާ ދެމެދު ފްރާންސްގެ ބާރުގެ ދަށުގައި އޮތް ތަނެކެވެ. އެހެންވެ ލުބުނާނާ ފްރާންސާ ދެމެދު މިހާރުވެސް ގާތް ގުޅުމެއް އޮވެއެވެ. ސައުދުލް ހަރީރީ ވަނީ ކުރިންވެސް ފްރާންސްގައި އެތައް އަހަރެއް ހޭދަކުރައްވާފައެވެ. ފަރަންސޭސިބަހުން ފަރިތަކަކާ އެކު ވާހަކަފުޅު ދައްކަވާ ހަރީރީގެ ގެއެއް ވެސް އެގައުމުގައި ވެއެވެ.