ދުނިޔެ

ޖިއްދާގައި ފެންބޮޑުވެ ބޮޑެތި ގެއްލުންތަކެއް

ސައުދީ އަރަބިއްޔާގެ ބަނދަރުމަތީ ރަށް ޖިއްދާއަށް ބޯކޮށް ވާރޭ ވެހި، ފެންބޮޑުވުމުގެ ސަބަބުން ހިނގި ހާދިސާތަކުގައި ދެމީހަކު މަރުވެއްޖެއެވެ.

އަރަބްނިއުސް ބުނީ ޖިއްދާ ހިމެނޭ މައްކާ ޕްރޮވިންސްގައި ފެންބޮޑުވުމުގެ ސަބަބުން ބަންދުވެފައި ތިބި 400 މީހަކު ސައުދީ ސިވިލް ޑިފެންސް ފޯހުން ސަލާމަތްކޮށްފައިވާ ކަަމަށެވެ. އަދި ބުނީ ފެންބޮޑުވުމުން މީހުން ކަރަންޓުގައި ޖެހުމުގެ 250 މައްސަލައެއް މިއަދު ރިޕޯޓު ކުރި ކަމަށާއި ދެމީހަކު މަރުވީ އެފަދަ ހާދިސާތަކުގައި ކަމަށެވެ.

ބޯކޮށް ވާރޭ ވެހުން އަދިވެސް ކުރިއަށްދާނެ ކަަމަށް މޫސުމާ ބެހޭ އިދާރާތަކުން ލަފާކުރާތީ ސައުދީ ޑިޒާސްޓާ މެނޭޖްމެންޓް ސެންޓަރުން ވަނީ މީހުން އެކަމަށް ސާމަލުވުމަށް އިލްތިމާސްކޮށްފައެވެ. އެގޮތުން ވާދީތަކުގައި ނުތިބުމަށް އެސެންޓަރުން ވަނީ މީހުންނަށް އަންގާފައެވެ.

މައްކާ ޕްރޮވިންސަށް ބޯކޮށް ވާރޭ ވެހެއުމުގެ އިތުރުން ގަދަ ވަޔާއި އެކު ގަނޑުފެނުގެ ވާރޭ ވެސް ވެހޭނެ ކަމަށް މޫސުމާ ބެހޭ އިދާރާތަކުން ވަނީ ލަފާކޮށްފައެވެ.

ޖިއްދާގައި ފެންބޮޑުވުމުގެ ސަބަބުން އެރަށުގެ ސްކޫލުތަކާއި ކޮލެޖްތައް ވަނީ ބަންދުކޮށްފައެވެ. އެފިޔަވަޅު އަޅަން ޖެހޭނެ ކަން ސައުދީ ސަރުކާރުން ވަނީ ދެދުވަހެއް ކުރިން އިއުލާނުކޮށްފައެވެ.