ދުނިޔެ

މުގާބޭ 'ވައްޓައިލި' ނައިބުރައީސް އެނބުރި ގައުމަށް

ޒިމްބާބްވޭގައި 37 އަހަރަށް ދެމިގެން ދިޔަ ރޮބަޓް މުގާބޭގެ ވެރިކަން ވެއްޓުމުގެ މުުހިއްމު އެއް ސަބަބު ކަމަށްވި ނައިބުރައީސް އެމާސަން ނަންގަގްވާ ދެކުނު އެފްރިކާގައި ހުންނެވުމަށް ފަހު އެނބުރި ގައުމަށް ވަޑައިގެންފިއެވެ.

ދެކުނު އެފްރިކާގެ ނިއުސް 24 ނޫހުން ބުނީ ނަަންގަގްވާ ޒިމްބާވްވޭގެ ވެރިރަށް ހަރާރޭއަށް ވަޑައިގެންނެވުމުން ގިނަ ބަަޔަކު އެއްވެ، އޭނާއަށް ވަރަށް ހޫނު މަރުހަބާއެއް ކީ ކަމަށެވެ. އަދި ބުނީ ގައުމާ މުހާތަބުކޮށް ތަގުރީރު ކުރައްވަން އޭނާ މިހާރު ތައްޔާރުވެެވަޑައިގަންނަވަމުން ގެންދަވާ ކަމަށެވެ.

ޒިމްބާބްވޭގެ ވެރިކަން ކުރާ ޒާނޫ ޕީއެފް ޕާޓީން ބުނެފައި ވަނީ ރައީސް ކަމުން މުގާބޭ އިސްތިއުފާ ދެއްވުމުން މިހާރު ހިނގަމުންދާ ރިޔާސީ ދައުރު ނިމެންދެން އެމަގާމު ފުރުއްވާނީ ނަންގަގްވާ ކަމަށެވެ. އޭނާ ރައީސްކަމުގެ ހުވާ ކުރައްވަން ހަމަޖެހިފައި ވަނީ އަންނަ ހުކުރު ދުވަހުއެވެ.

ޒިމްބާބްވޭގައި ' ކްރޮކޮޑައިލް'ގެ ނަމުން މަޝްހޫރުވެފައިވާ ނަންގަގްވާއަށް މިހާރު އެހާ ބޮޑު ތާއީދެއް ލިބިގެން އުޅެނީ ރޮބަޓް މުގާބޭގެ އަނބަކަނބަލުންނަށް ވެރިކަން ހޯއްދަވައިދެއްވަން ވެގެން ނައިބުރައީސް ކަމުގެ މަގާމުން ނަންގަގްވާ ދުރުކުރެއްވުމުންނެވެ. ޒިމްބާބްވޭ ސިފައިންނާ ގާތް ގުޅުމެއް އޮންނަ ނަންގަގްވާ މަގާމުން ދުރުކުރުމުން އޭނާ ވަޑައިގެންނެވީ ދެކުނު އެފްރިކާއަށެވެ.

މުގާބޭ އެޅުއްވި އެ ފިޔަވަޅާއި އެކު ސިފައިން ނުކުމެ، ގައުމުގެ ކޮންޓްރޯލް އަތުލައި، މުގާބޭ ގޭބަންދުކުރިއެވެ. އަދި ވެރިކަން ކުރާ ޒާނޫ ޕީއެފް ޕާޓީން މުގާބޭ އިމްޕީޗް ކުރުމުގެ މަސައްކަތް އިއްޔެގައި ފެށިއެވެ. އނގިރޭސީންގެ އަތްދަށުން 1980 ވަނަ އަހަރު ޒިމްބާބްވޭ މިނިވަން ވީއްސުރެ ވެރިކަމުގައި ހުންނެވި މުގާބޭ އިސްތިއުފާ ދެއްވީ އެހިސާބުންނެވެ.