ރިޕޯޓް

ޒިމްބާބްވޭއަށް ހަގީގީ ބަދަލެއް އަންނާނެތަ؟

މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހުން ފެށިގެން އިއްޔެއާ ހަމައަށް ޒިމްބާބްވޭގައި ކުރި ބާވަތުގެ މުޒާހަރާތައް އެގައުމުގައި ކުރެވޭނެ ކަަމަށް އޭގެ ހަމަ ކުޑަ ދުވަސްކޮޅެއް ކުރިން މީހުންގެ ހިޔާލަށް ވެސް ނުގެނެވެއެވެ. އޭރު އެބާވަތު ކަމެއް ކުރަން އުޅެފިއްޔާ އަމާޒުވާނީ މުގުރު ނުވަތަ އުންޑައެވެ. ފާއިތުވި 37 އަހަރުވެސް އެކަން އޮތީ އެހެންނެވެ.

ޒިމްބާބްވޭ މީހުން ބިރެއް ނެތި މުޒާހަރާ ކުރީ މިނިވަން ވީއްސުރެ ވެރިކަމުގައި ހުންނެވި ރައީސް ރޮބަޓް މުގާބޭގެ ބާރު މުޅީންހެން ކެނޑުނު ފަހުންނެވެ. އުމުރުފުޅުން 93 އަހަރުގެ މުގާބޭަ ގޭބަންދުގައި ހުންނެެވުމުންނެވެ. އެމީހުން ހާސްކަމެއް ނެތި އުފާ ފާޅުކުރަން މަގުތަކަށް ނުކުތީ މުގާބޭއަށް ފަހު ވަޑައިގަންނަވާ ރައީސް އަދި ހުވާ ނުކުރައްވަނީހެވެ. އެހެންވީމާ މި ކަންތައްތަކަކީ ހަމަ މިގޮތުގައި ދެމި އޮވެދާނެ މިނިވަން ކަމެއްތޯ ސުވާލު އުފެދެއެވެ.

ދެން ރައީސްކަމުގެ ހުވައި ކުރައްވަން ހުންނެވީ ނަގައިގަތް ނައިބު ރައީސް އެމާސަން ނަންގަގުވާއެވެ. އޭނާއަކީ މުގާބޭގެ ' ދިގު 37 އަހަރު'ގައި ރަނގަޅަށް މެކިވަޑައިގެން ހުންނެވި ބޭފުޅެކެވެ. އޭނާއަކީ އެ މުއްދަތުގައި ރައީސް މުގާބޭއާ އެކު ވަފާތެރިކަމުގައި ހުންނެވި ބޭފުޅެކެވެ. ދެކޮޅަށް ތެދުވެވަޑައިގެންނެވީ އަކީ ރައްޔިތުންނަށް ޓަކައެއް ނޫނެވެ.

ނަންގަގްވާ މުގާބޭއާ ދެކޮޅުވެރިވެވަޑައިގެންނެވީ މުގާބޭ އަވަހާރަވެއްޖެ ނަމަ ވެރިކަމަށް ވަޑައިގަންނަވާނެ ބޭފުޅަކަށް އޭނާގެ ބަދަލުގައި އަނބިކަނބަލުން ހަމަ ޖައްސަވަން މަސައްކަތް ކުރެއްވުމުންނެވެ.

އެހެންވީމާ ހިނގައިގެން މިއުޅޭ ކަމަކީ ޑިމޮކްރެޓިކް ބަދަލުތައް ގެނައުމަށް ކުރި އިންގިލާބެއް ނޫނެވެ. އެކަމަކު މިއީ ވެރިކަމާ ހެދި އުފެދުނު ކޯޅުމެކެވެ.

ބަދަލަށް ބާރު އަޅާ ސަބަބުތައް

ހުރިހާ ކަމެއް މިހެން ހުއްޓަސް ބަދަލު އައުމަަށް ބާރު އަޅާ ސަބަބުތަކެއް އެބަ ހުއްޓެވެ. އެއް ކަމަކީ މުޅިން ހަލާކުވެފައިވާ އިގުތިސާދު ނަގައު ކޮޅަށް ޖަހަން ޖެހޭ ކަމެވެ. އެކަމަށްޓަކައި ބައިނަލް އަގުވާމީ މުޖުތަމައާ ދިމާލަށް އަތްދިއްކުރަން ވަނީ ޖެހިފައެވެ. ދެން ވަޑައިގަންނަވާ ބޭފުޅަކުވެސް މުގާބޭ އުޅުއްވި ގޮތަށް އުޅުއްވަން ދިމާކުރައްވައިފި ނަމަ އެހީތެރިކަމުގެ އަތެއް ނުފެންނާނެއެވެ.

އެހެންވީމާ އެކެއްގެ އަތް މައްޗަށް ހުރިހާ ބާރުތައް ޖަމާކޮށްގެން ފަސާދައިގެ މަގުން ގައުމު ހިންގަވަން ނަންގަގްވާއަށް އޮތް ފުރުސަތު ހަންޏެވެ.

ނަންގަގްވާ ނައިބު ރައީސްކަމުންް ދުރުކުރުމުން ޒިމްބާބްވޭގައި ސިޔާސީ ބޮޑު ކަންތައް ގަނޑެއް ފެށުނެވެ. ނަންގަގްވާއަށް މުގާބޭ ދެއްވި 'ކެހި' ގިނަ ބަޔަކު ބަލައި ގަތީ އަނބިކަނބަލުންް ގްރޭސް މުގާބޭ ވެރިކަަމަށް ވަޑައިގެންނެވުމަށް ކޮށްޓެވި މަގެއްގެ ގޮތުގައެވެ. ސިފައިން އެކަމުގެ ތެރެއަށް ވަނީ ވެސް އެހެންވެއެވެ. މުގާބޭ އިސްތިއުފާ ދެއްވަން މަޖުބޫރު ކުރުވި ހާލަތު ކުރިމަތި ކުރީ ސިފައިންނެވެ.

ނަންގަގްވާއަށް އޮތް އިތުބާރަކީ ކޮބާ؟

ޒިމްބާބްވޭގެ ގާނޫނު އަސާސީ ބުނާ ގޮތުން ރައީސް އިސްތިއުފާ ދެއްވައިފި ނަމަ އެމަގާމަށް ވަޑައިގަންނަވަން ޖެހޭނީ ނައިބު ރައީސެވެ. އެ އުސޫލުން ދެން ވެރިކަމަށް ވަަޑައިގަންނަވަން ހުންނެވީ މުގާބޭ އިސްތިއުފާ ދެއްވި އިރު ނައިބު ރައީސްކަމުގެ މަގާމުގައި ހުންނެވި ފިލެކިޒެލޭ ފޮކޯއެވެ. ނަމަވެސް ވެރިކަން ކުރާ ޒާނޫޕީއެފުން މިހާރު ވަނީ އޭނާ އެމަގާމުން ދުރުކޮށްފައެވެ. އެއީ ގްރޭސްއަށް ތަބައަވެވަޑައިިގަންނަވާ ބޭފުޅަކަށް ވާތީއެވެ. އަދި ނަންގަގްވާ ކުރިން ހުންނެވި މަގާމަށް ގެންނަން ވެސް ނިންމީ ޕާޓީންނެވެ.

ނަމަވެސް އޭނާއަކީ ޒިމްމްބާބްވޭއަށް ހެޔޮ ބަދަލެއް ގެންނެވޭނެ ބޭފުޅެއްތޯ މީހުން ސުވާލު އުފައްދައެވެ. އެއީ އޭނާގެ މާަޒީ އޮތް ގޮތުންނެވެ.

ޒިމްބާބްވޭ މިނިވަންވީ ފަހުން އެގައުމުގެ ރައްޔިތުންނާ ދެކޮޅަށް ހިންގި ލޭ އޮހޮރުވުންތަކުގައި އެތައް ހާސް ބަޔަކު މެރި އިރު ސަލާމަތީ ހިދުމަތްތަކުގެ ވެރިޔަކަށް ހުންނެވީ ނަންގަގްވާއެވެ. މީހުންގެ ލެއިން އަތްދޮންނަވައިގެން ހުންނެވިކަމަށް އެއްބަސްވަޑައި ނުގެންނެވި ނަަމަވެހެވެ.

ނަމަވެސް އިދިކޮޅު ލީޑަރު މޯގަން ސުވާންގިރާއީ ބީބީސީިއަށް ވިދާޅުވެފައި ވަނީ މުގާބޭއަށް ފަހު ޒިމްބާބްވޭ އާ މިސްރާބަަކަށް ބަދަލުވެފައިވާ ކަމަށެވެ. އަދި އެމަގުގައި މިނިވަން އިންސާފުވެރި އިންތިހާބުތައް ހިމެނޭނެ ކަމަށް ވެސް އޭނާ އުއްމީދުކުރައްވައެވެ.

" އަހަރެމެން އަނިޔާވެރި ވެރިއަކު ވަކިކޮށްފިން، އެކަމަކު އަނިޔާވެރިކަން އަދި ނުނިމޭަ،" އިދިކޮޅު ލީޑަރެއް ކަމަށްވާ ޑޭވިޑް ކޮލްޓާޓް ޓްވިޓާގައި ވިދާޅުވެފައި ވެއެވެ.

ކަން މިހެން ހުރުމުން، ޒިމްބާބްވޭގެ ވެރިކަމުގެ ނިޒާމު މުޅީން ބަދަލުވެދާނެކަން އަދި ކަށަވަރެއް ނުވެއެވެ. ދުނިޔެއިން ނަންގަގްވާއަށް އަދި އެހާބޮޑު ތަރުހީބެއް ލިބިވަޑައިނުގަންނަވަނީ އެހެންވެއެވެ.