(21 ނޮވެމްބަރ 2017 އާ ގުޅޭ) -- ހައިކަލް ބޭނުންވާ ގޮތް އެ ނައިޓީ ފެނުމާއެކު އަހަންނަށް ނަގައިގަންނާން އުނދަގުލެއް ނުވިއެވެ. ހިތުގައި އަނދައިގަތް ރުޅިވެރިކަމުގެ އަލިފާނުގައި ވަގުތުން އެނދުމަތީ އޮތް ނައިޓީ ނަގާ ދެ އަތުގެ ތެރޭ ބޮނޑިކޮށްލެވުނެވެ. އަދި ފާޚާނާ ދޮރާ ދިމާއަށް ހޫރާލީމެވެ. ހައިކަލް ބުނިހާ ގޮތެއް ހަދައިގެން އުޅޭކަށް އަހަރެން ބޭނުމެއްނޫނެވެ.
ސިކުނޑިއަށް ބަރުވެ ބޮލުގައި ރިހުމެއް އުފެދެމުންދިޔައީ ޠަބީޢަތަށް އައި ކުއްލި ބަދަލުގެ ސަބަބުންނެވެ. ނަފްސަށް ވެރިވި ރުޅިވެރިކަމެއްގެ ސަބަބުންނެވެ. ހައިކަލްގެ ޚިޔާލުތައް ސިކުނޑިން ނެރެއެއް ނުލެވުނެވެ. ދަތްކުނޑިވިކަމުން އައިސް އެނދު ކައިރީ ހުއްޓިލީމެވެ. އަދި ހައިކަލް ފާޚާނާއިން ނުކުންނަން ވާއިރަށް އެނދުމަތީގައި އޮތް ބޮޑު ކަފަ ރަޖާގަނޑަށް ދަމާ ކާޕެޓު މައްޗަށް ވައްޓާލީމެވެ. އަދި އެ ދެ ފަތް ޖަހާލާ ރީތިކޮށް ފަތުރާލުމަށްފަހު އެނދުމަތިން ބާލީހެއް ހިފައިގެން އައިސް އެ ރަޖާ މަތީ އޮށޯވެލީމެވެ. ހައިކަލް ނިދާ އެނދެއްގައި އޭނާއާއެކު ނިދުމަކީ އަހަންނަށް ކުރެވޭނޭވަރު ކަމެއްނޫނެވެ. ހައިކަލް ފާޚާނާއިން ނުކުމެ އަހަރެން ތިރީ ކާޕެޓުމަތީގައި އޮތީތީ އެކަމާ ގުޅިގެން އެއްޗެއް ބުނެދާނޭކަމަށް ހިތު ތެރޭގައި އޭނާއަށް ރައްދުދޭނޭ އެތައް ގޮތެއް ރާވާލީމެވެ. އޭނާއާ ދިމާއަށް ކިޔާނޭ އެއްޗެހި ހިތު ތެރޭ މަޑުޖައްސާލައިގެން އޮތީއެވެ. އަހަރެންގެ ދެ ލޮލަށް ބަރުވަމުން ދިޔައިރު ވެސް ފާޚާނާ ތެރެއިން ފެން އޮހޭ އަޑު އިވިއިވި ހުއްޓެވެ. އޭނާ ނުކުތީ ކޮންއިރަކުކަމެއް އަހަންނަކަށް ނޭނގުނެވެ. ވެފައި ހުރި ވަރުބަލިކަމުގައި ނިދުނީއެވެ.
ހެދުނު ހޭލެވުނު އިރު އަހަރެން އޮތީ މަޑު ތަންމައްޗެއްގައެވެ. އޮވެވުނީ ހައިކަލްގެ އެނދުގައި ކަން ސިކުނޑި ބުނެލުމާއެކު އަވަސް އަވަހަށް ލޯ ހުޅުވާލައި އެނދުގެ އަނެއްފަރާތަށް ބަލާލެވުނެވެ. ސިހިގެން ދިޔައީ އަހަންނާއި ދިމާއަށް ބަލަން އޮތް ހައިކަލް ފެނިފައެވެ. އަހަންނާ ނަޒަރު ސީދާކޮށްލައިގެން އޮތް އިރު އެ ތުންފަތުގައި ވަނީ މަޢުނަވީ ހިނިތުންވުމެކެވެ. ހީވަނީ އަހަރެންގެ މައްޗަށް އޭނާއަށް ކުރި ލިބުނީތީ ހިނިތުންވެލައިގެން އޮތްހެނެވެ. އެ ހިނިތުންވުން ފެނުމުން އަހަންނަށް މޫނު ހަދާލެވުނެވެ. އެހިނދު ސިކުނޑި އެހެންކަމަކަށް އިޝާރާތްކުރިއެވެ. އެހެންވެ އަވަސް އަވަހަށް އަހަރެންގެ ހަށިގަނޑު ނިވާކޮށްލާފައި އޮތް ރަޖާގަނޑު ހިއްލާ ހަށިގަނޑަށް ބަލާލެވުނެވެ. ރޭގައި ހައިކަލް ބީހުނުކަމުގެ އެއްވެސް ނިޝާނެއްނެތެވެ. އަހަންނަށް ޤަބޫލުކުރަން އުނދަގޫވިއެވެ. ހިތަށް ހަމަޖެހުމެއްލިބުނެވެ. ނަމަވެސް މޫނު އަނބުރާލެވުމާއެކު އަނެއްކާ ވެސް ފެނުނީ ހައިކަލްގެ މޫނެވެ. އެ ހިނިތުންވުމެވެ. އެއާއެކު ހެދުނުގެ ތާޒާކަން ގެއްލި މުޅި ނަފްސަށް ފޫހިކަން ވެރިވެގެން ދިޔައެވެ.
ދުވާލުގެ ގިނަ ވަގުތު ހައިކަލް އުޅުނީ ބޭރުގައެވެ. އަހަރެންގެ ޕާސްޕޯޓު ހެއްދުމުގައި އޭނާއާއެކު ވަގުތު ހޭދަކުރަން ޖެހުނެވެ. ހައިކަލްގެ ރަޙުމަތްތެރިއަކަށް ގުޅައިގެން ވީ އެންމެ އަވަހަކަށް އަހަރެންގެ ޕާސްޕޯޓު ލިބޭނޭ ގޮތް ހަމަޖެއްސިއެވެ. އެމަޖެންސީ ކަމެއްގައި ފުރާން ޖެހޭތީއޭ ކިޔާ އޭނާ ލިޔުންތަކެއް ވެސް ހޯދިއެވެ. އޭނާ އެކަންކަން ކުރަނީ ކިހިނެއްކަމެއް އަހަންނަކަށް ނޭނގެއެވެ. ހައިކަލްގެ ނުފޫޒު ނުފޯރާތަނެއް ހުރެދާނެބާއޭ ވެސް ބައެއްފަހަރު ހިތަށް އެރިއެވެ.
ހަވީރުވެފައި ވަނިކޮށް ކޮޓަރިއަށް ވަދެގެން އައި ހައިކަލް އޭނާގެ އަތުގައި އޮތް އެއްޗެއް ދައްކާލިއެވެ. އަހަރެންގެ ޕާސްޕޯޓާއި ޓިކެޓު ހަމަޖެހުނީއެވެ. އެނދުގައި އޮށޯވެލައިގެން އޮވެފައި އަހަރެން ތެދުވެ އިށީނީމެވެ.
ހައިކަލް: "ފުރަންވީ... މާދަން ހަވީރު... އިރުއޮއްސޭއިރު ޗެކިންގ... އިންޑާއަށް. މާ ބޮޑު ޕެކިންއެއް ކުރާނެކަމެއްނެތް. އެކޮޅުގައި ހުންނާނެ ތަން އަހަރެން ހަމަޖައްސާފައި ހުންނާނީ. އެއްޗެއް ހޯދަންވެއްޖެނަމަ އެކޮޅުން ވެސް ލިބޭނެ"
ހައިކަލް އައިސް އަހަރެންގެ ކުރިމަތީ ހުއްޓިލިއެވެ. އޭނާ ބުނި އެއްޗަކަށް އަހަރެން ޖަވާބެއް ނުދިނުމުން އަހަންނަށް ގޮވާލާފައި މަޑުމަޑުން އަހަރެންގެ ކޯތާފަތުގައި ޝަހާދަތްއިނގިލީގެ ނުފުށުން ފިރުމާލިއެވެ. އޭނާގެ ކުޑަކުޑަ ބީހުމެއް ވެސް އަހަރެންގެ ގަޔަށް އޮއްސާލާ އަލިފާނުގެ އާރެއް ފަދައެވެ. ހައިކަލްގެ އަތުގައި ޖަހާ ފޮޅުވާލެވުނީ ކިހާ ބާރަށް ކަމެއް އަހަންނަކަށް ބުނާކަށް ނޭނގެއެވެ. އެނދުން ތެދުވެ އެއްފަރާތަކަށް ހިނގައިގަތުމާއެކު ހައިކަލްއާ ވާހަކަދެއްކީމެވެ. ނަފުރަތާއި ރުޅިވެރިކަން އެކުލެވޭ ހަރުކަށި ބަސްތަކުންނެވެ. އަހަރުމެންގެ ކައިވެނި ގިނަ ދުވަހަކަށް ދެމިއެއް ނޯންނާނޭކަން ހައިކަލްއަށް ހަނދާންކޮށްދިނީމެވެ. އަހަރެންގެ ބަނޑުގައިވާ ދަރިފުޅު ވައްޓާލާނަން ކަމުގައި ބުނީމެވެ. އަދި އަހަރެންގެ ވަޒީފާއަށް ވީގޮތެއް ވެސް ނޭނގެއެވެ. އެތަނުން އަހަންނަށް ނުގުޅާކަމާއި އޮފީހަށް އެއްވެސް އެއްޗެއް އަންގާލުމަކާ ނުލާ ފުރައިގެންދާންވީތޯ ސުވާލު ކުރީމެވެ. އަހަރެންގެ އުމުރުގެ ބާކީ އޮތް ދުވަސްތައް ވަނީ ހައިކަލްއާ ގުޅިފައި ނޫންކަން ވެސް ހާމަކުރީމެވެ.
ހައިކަލް: "މިންނު ބޭނުން ގޮތެއް އަހަރެން ހަދައިދޭނަން. މިންނު ވަޒީފާއަށް ދާން ބޭނުންތަ؟ މިހާރު ތި އިން ގޮތުން އަހަރެން ބޭނުމެއްނޫން މިންނު ވަޒީފާއަކަށް ފޮނުވާކަށް"
ހައިކަލްގެ މޫނުގެ ކުލަ ފަނޑުވެގެން ދިޔައެވެ. އޭނާ ވާހަކަ ދެއްކީ އިސްޖަހާލައިގެން ހުރެއެވެ. ހައިކަލްގެ ވާހަކައާ ދެކޮޅު ހަދާ ހިތް ވިއެވެ. އެހެންނަމަވެސް ކުއްލިއަކަށް ހަނދާންވީ އަޒާންގެ މަތިންނެވެ. އޭނާއާއި އަހަރެން މަސައްކަތް ކުރަނީ އެއް އޮފީހެއްގައި ކަމެވެ. ހައިކަލްއާ ދެކޮޅު ހެދިދާނެއެވެ. އެހިތްވަރު އަހަންނަށް ލިބޭނެއެވެ. އެހެންނަމަވެސް އަޒާންއާ ކުރިމަތިލާނޭ ހިތްވަރެއް އަހަރެންގެ ނެތެވެ. ހައިކަލް ބޭނުންވި ގޮތަށް ވަޒީފާއިން ވަކިވުމަށް އަހަރެން ސިޓީ ލާން އެއްބަސްވީމެވެ. އެ ސިޓީ އޮފީހާ ހަމައަށް ގެންދިއުމުގެ ޒިންމާ ނެގީ ހައިކަލްއެވެ.
ޖެހިގެން އައި ރެޔާއި އެ ދުވަހުގެ ހެނދުނު ވެސް އަހަންނާއި ހައިކަލްއާ ދެމެދު ގާތްކަމެއް ނުހިނގައެވެ. ހައިކަލް އިސްނަގައެވެ. އެހެންނަމަވެސް އަހަރެން އޭނާއަށް ފުރުޞަތެއް ނުދެމެވެ. ރުޅިވެރި ބަސްތަކުން އޭނާއާ ދިމާއަށް އެއްޗެހި ކިޔެއެވެ. ހަޤީޤަތުގައި ފިރިމީހާއާ ދިމާއަށް އަނބިމީހާ ބުނެގެންނުވާނޭ ފަދަ ބަސްތަކުން މުޚާޠިބު ކުރެވެއެވެ. ހައިކަލް ބައެއްފަހަރު އަހަރެންގެ ކަންތައްތައް ހުންނަގޮތުން ހިތްހަމަނުޖެހުނަސް އެ މޫނަށް ވަރަށް އަވަހަށް ހިނިތުންވުން އެނބުރިއާދެއެވެ. މީހާ ފެންނަނީ ހަމަޖެހިފައި ހުންނަ ތަނެވެ. އެކަމާ ހެދި ވެސް އަހަރެންގެ ހިތުގައި އަނދަމުންދިޔަ ނަފުރަތުގެ އަލިފާން އިތުރުވިއެވެ.
ހަވީރުގެ ފުލައިޓުން އަހަންނާއި ހައިކަލް އިންޑިއާއަށް ފުރައިގެން ދިޔައީއެވެ. މިހާރު އަހަރެން މިހިރީ އިންޑިއާގައެވެ. ޢާއިލާގެ އެންމެނާ ދުރުގައެވެ. އެކަކަށްވެސް އަހަރެންގެ ޚަބަރެއް ނާންގަމެވެ. ސުހައްތައަށް އަހަރެންނަށް ދަރިއަކު ލިބެން އުޅޭކަން ވެސް ނޭގޭނެއެވެ. ބުނާނީ ކޮން ދުލަކުން ހެއްޔެވެ. އަހަރެން ކައިވެނި ކުރި އިރު ވެސް އިނީ ބަލިވެއޭ ބުނުމުން އެ ދައްތަގެ މޫނުމަތިން އަހަރެން އުންމީދު ކުރާ ފަދަ އުފާވެރިކަމެއް ނުފެންނާނޭކަން ގައިމެވެ.
ހައިކަލް އަހަރެން ގޮވައިގެން ދިޔައީ ވަރަށް އާދައިގެ ގޮތަކަށް ހުރި ހޮސްޕިޓަލަކަށެވެ. އަހަރެން ބޭނުންނަމަ ބަނޑުގައިވާ ދަރި ވައްޓާލުމަށެވެ.
ހައިކަލް: "މިންނު! އަދި އެއްފަހަރު ވިސްނާލަބަލަ... އަހަރެން ބޭނުން މިންނުގެ ބަނޑުގައިވާ ބޭބީ. ދަރިފުޅު ލިބުނީމާ މިންނު ޑިވޯޒްވާން ބޭނުންވާނަމަ އެކަން ކޮށްދީފާނަން. އަހަންނަށް ބޭބީ ބެލޭނެ... ޕްލީޒް... މިންނު"
ހޮސްޕިޓަލުގެ ދޮރުން ވަނުމުގެ ކުރީން އަހަރެންގެ އަތުގައި ހިފާލުމާއެކު ހައިކަލް ވާހަކަދެއްކިއެވެ. އޭނާގެ އަޑުގައިވާ އާދޭސް އަހަންނަށް އިހުސާސް ކުރެވުނެވެ. ޚުދު އަހަރެން ވެސް ބޭނުންވަނީ ދަރިފުޅު ވައްޓާލާ ބަނޑު ދޮވެލާކަށް ނޫނެވެ. އެއީ ފާފައެއްކަން ވެސް އެނގެއެވެ. އެހެންވިޔަސް ހައިކަލް ފެނުމުން އަހަންނަށް އެވާގޮތެއް ނޭނގެއެވެ. ބޭނުންވަނީ އަހަންނަށް ލިބުނު ފަދަ ވޭނެއް އޭނާއަށް އިހުސާސް ކުރުވާށެވެ. އަހަރެންވީ ދެރަ އޭނާ ވެސް ވާށެވެ. ދެބުމަގޮށްޖަހާލެވުމާއެކު ހައިކަލްގެ އަތުން އަތް ދަމައިގަތީމެވެ. އަދި ހޮސްޕިޓަލުގެ ދޮރުން ވަނީމެވެ. ހިތްވަރުގަދަ އަޒުމް ވަރުގަދަ މީހަކު ފަދައިންނެވެ. ފަހަތުން ހައިކަލް އައެވެ.
އަހަރެން ޑަކްޓަރުގެ ކޮޓަރިއަށް ވަދެ އިށީނުމާއިއެކު ހައިކަލް ވާހަކަދައްކަން ފެށިއެވެ. އޭނާގެ މޫނުމަތިން މާޔޫސްކަން ފާޅުވޭވޭ ހުއްޓެވެ. ބޭނުންވެގެން އުޅޭކަމެއް ޑަކްޓަރަށް ސާފުކޮށްދިނީ ހައިކަލްއެވެ. ޑަކްޓަރާއި ހައިކަލް ވަރަށް ގިނަ ވާހަކަ ދެއްކުމަށްފަހު ހައިކަލް ގާތުން ޑަކްޓަރު އެދުނީ އަހަރެންނާއި ވަކިން ވާހަކަ ދައްކާލުމުގެ ހުއްދައަކަށެވެ. ހައިކަލް ނުކުމެ ބޭރުގައި މަޑުކޮއްލިއެވެ. ޑަކްޓަރު އަހަރެން ގާތު ބިރުގަންނަނީތޯ ސުވާލުކުރިއެވެ. އަހަރެންގެ ސިފައަށް ބަދަލު އައިސް ހަށިގަނޑުގެ ސައިޒަށް ބަދަލު އަންނާނެތީތޯ ސުވާލުކުރިއެވެ. އަހަރެންގެ މައްސަލައަކީ ކޮބާތޯ ސުވާލުކުރިއެވެ. ދަރިއަކަށް ބަލިވެ އިނުމަކީ ވަރަށް ތަފާތު އިހްސާސްތަށް ކުރެވޭ ކަމެއްކަން ޑަކްޓަރު ވިސްނާދޭންފެށިއެވެ. ހައިކަލްއަކީ ޚަރަދުތައް ބެލެހެއްޓޭނޭ ވަރުގެ ފިރިއަކަށް ނުވަނީތޯ ވެސް ޑަކްޓަރު ސުވާލު ކުރިއެވެ. ދަރިވައްޓާލުމަކީ އެއްގޮތަކަށް ވެސް ހައްލެއްކަމުގައި އޭނާ ނުދެކޭ ވާހަކަ ބުންޏެވެ. ކޮންމެ ކުއްޖަކީ ވެސް ކަލާނގެ ދެއްވާ ނިޢުމަތެއްކަމުގައި އޭނާ ބުންޏެވެ. އަހަރެން އެއްޗެއް ނުބުނެ އިންނަން ފެށުމުން އޭނާ އަހަރެންގެ ބަރުދަން ބަލައި އުމުރު އޮޅުން ފިލުވިއެވެ. އަހަރެންގެ އުމުރު އެނގުމާއިއެކު ޑަކްޓަރ ދެންކުރީ ވަރަށް ތަފާތު ސުވާލެކެވެ. އަހަރެން ބަލިވެއިނީ ދެމީހުން ރަނގަޅަށް އެކަމަށް ތައްޔާރު ނުވަނިސްތޯ އެހިއެވެ. އަހަންނަށް ތިރީތުންފަތުގައި ދައިގަނެވުނެވެ. ބުނަން ބޭނުންވާ ހަޤީޤަތް ހާމަކުރެވެން ނެތީއެވެ. ނަމަވެސް އެންމެފަހުން އާއެކޭ ބުނީމެވެ. ހައިކަލް ބޭނުންވާ ފަދައިން ޑަކްޓަރު ވެސް ބޭނުންވަނީ އަހަރެންގެ ނިންމުން ބަދަލު ކުރާށެވެ. އޭރު ހަމަ ރަނގަޅަށް ވެސް އަހަރެން ބިރުގަނެއްޖެއެވެ. އަހަރެން އިސްޖަހައިގެން އިންނާން ފެށުމުން ޑަކްޓަރު އަހަންނަށް ގޮވާލާފައި ތެދުވެގެން އައުމަށް އެދުނެވެ. އޭނާ އަހަރެން ގޮވައިގެން ވަނީ މާބަނޑު އަންހެނެއްގެ ސްކޭން ކުރިއަށް ދާ ކޮޓަރިއަކަށެވެ. ސްކޭން ކުރާ އެނދުގައި އޮތް އަންހެންކުއްޖާއަށް ބަލާލާފައި ޑަކްޓަރު އަހަރެން ތަޢާރަފު ކޮށްދިނީ އޭނާގެ ރަޙުމަތްތެރިއެއްގެ ގޮތުގައެވެ. އަދި އަހަރެން ވެސް ބަލިވެ އިންކަމުގެ ޚަބަރު އެ އަންހެންކުއްޖާއަށް ދިނެވެ.
ޑަކްޓަރު ސްކޭން ކުރިއަށް ގެންދިޔައެވެ. އެއާއެކު މޮނީޓާއިން ހިތްތެޅޭ ފަދަ އަޑެއް އިވެންފެށިއެވެ. އޭރު އިސްކުރީނުން ތުއްތު ކުއްޖެއް ފެންނަމުންދިޔައެވެ. އެސްފިޔަ ޖަހާލަން ހަނދާންނެތިފައި އަހަރެން ހުއްޓާ ޑަކްޓަރު ތަފުސީލު ކިޔައިދިނެވެ. އަހަންނަށް އިވެމުންދިޔައީ މި ދުނިޔެއަށް އުފަންނުވާ ތުއްތު ކުއްޖެއްގެ ހިތުގެ ތެޅުމުގެ އަޑެވެ. އަރިމަތީ ހުރި އިސްކުރީނުން ބަނޑުގައި އޮވެ އެ ތުއްތު ކުއްޖާ ހަރަކާތްކުރާތަން އަހަންނަށް ފެނެއެވެ. އަމިއްލަ ބަނޑުގައި ދެއަތް ވަށާލެވުނީ ބޭއިޚްތިޔާރުގައެވެ. އެނދުގައި އޮތް އަންހެންކުއްޖާ އަހަރެންގެ އަތުގައި ހިފާލާ ފިރުމާލީ ހިނިތުންވެލަމުންނެވެ. އެހެންނަމަވެސް އަހަރެންގެ ދެ ލޯ ފުރި ބަންޑުންވީއެވެ. އެތަނުގައި އިތުރަށް ހުރުން ފަސޭހަކަމަށް އަހަންނަށް ނުވިއެވެ. މޫނުގައި ދެއަތް އަޅައި ރޯން ފެށުމުން ޑަކްޓަރު އަހަރެންގެ ގާތަށް އައެވެ. އަހަރެންގެ ހިތަށް ވަނީ ބަޔާންކުރާން ދަތި އިހުސާސްތަކެއް ކުރުވާފައެވެ.
ހޮސްޕިޓަލުން ނުކުމެގެން އަހަރުމެން ތިބޭ ހޮޓަލަށް އައިއިރު އަހަރެންގެ ނަފްސަށާއި މުޅި ހަށިގަނޑަށް ވަނީ ބުނެދޭން ނޭނގޭ ގޮތްތަކެއް ވެއެވެ. ބަސްމަދުވެފައި އަހަރެން އިން އިރު ހައިކަލްގެ މޫނުމަތިން ފެންނަނީ އިންތިހާ ދަރަޖައިގެ އުފާވެރިކަމެވެ.
* * * *
ދުވަސްތައް ފާއިތުވަމުން ދެއެވެ. އަހަންނާއި ހައިކަލްގެ ދެމެދުގައިވަނީ ހުސްކަމެވެ. އަހަރެން އިންތިހާއަށް އޭނާއަށް ނަފުރަތު ކުރާއިރު ވެސް އޭނާ ފެންނަނީ އުފާވެރިކަމާއި ހިތްހަމަޖެހިފައި ހުންނަ މީހަކު ފަދައިންނެވެ. އަހަންނާއި ގާތްވާން އޭނާއަށް ކުޑަ ވެސް ފުރުޞަތެއް ނުދޭއިރު ވެސް މެއެވެ. އަހަންނާއި ހައިކަލް މިހާރު އިންތިޒާރު ކުރަމުން މި ދަނީ އަހަރެންގެ ބަނޑުގައި މިވާ ހައިކަލްގެ ދަރިފުޅު އުފަންވާނޭ ދުވަހަކަށެވެ. އަހަރެންގެ ބަނޑުގައިވާ ދަރިފުޅަށް ގެއްލުމެއް ލިބޭ ފަދަ އެއްވެސް ކަމެއް އަހަރެން ނުކުރަމެވެ. އެހެންނަމަވެސް ހައިކަލްދެކެ އަންނަ ރުޅި އެންމެ ތަންފުކެއް ވެސް ބަދަލެއްނުވެއެވެ. އަހަންނަށް ފަހަކަށް އައިސް ހައިކަލް ދުރުގައި ހުންނާތީ ހީވަނީ އޭނާ އެ މަޑުކުރަނީ އަހަރެން ވިހާ ގަދަވާންދެން ހެނެވެ. އެއަށްފަހު އަހަރެންގެ ކިބައިން އޭނާގެ ބޭނުންތައް ފުއްދާނޭކަން ޔަގީނެވެ. އަހަރެންގެ ނުރުހުމުގައި ވިޔަސްއެވެ. ހުރިހާ ކަމެއް މިވަނީ ހައިކަލް ބޭނުންވާ ގޮތަށެވެ.
އަހަރެން ވިހަން ވަންދެން އިންޑިއާގައި މަޑުކުރަން ހައިކަލް ބޭނުންވެއެވެ. އެހެންވެ އަހަރުމެން ފުރަތަމަ ތިބި ހޮޓެލް ދޫކޮށްލާފައި އިންޑިއާއިން ހައިކަލް ވަނީ ގެއެއް ކުއްޔަށް ނަގާފައެވެ. އަހަރުމެން މިހާރު އުޅެނީ އެ ގޭގައެވެ. އަހަރެންގެ ބަނޑަށް ވެސް ހަތް މަސް ވެއްޖެއެވެ. މި ހުރިހާ ދުވަސްތައް ފާއިތުވެގެން ދާއިރު އަދިވެސް އަޒާންގެ ހަނދާންތައް އުނދަގޫ ނުކުރާ ދުވަހެއް ނުދެއެވެ. އޭނާގެ މަތީން ވަރަށް ހަނދާން ވެއެވެ. އަހަރެންގެ ހަޔާތް ބަދަލުވެގެން ދިޔަ ގޮތް އަހަރެންގެ ލޯ ކުރިމަތިން އަބަދުމެ ސިފަވެއެވެ. ބޮޑުވެފައިވާ ބަނޑަށް ބަލަން އިނދެ ރުއިމުގައި އަހަރެންގެ ދުވަހުގެ ގިނަވަގުތު ހޭދަކުރެވެނީ އެހެންވެއެވެ.
އަހަންނާއި ހައިކަލް އާއި ދެމެދުވާ ހަމަހިމޭންކަމަށް ބަދަލެއް ގެންނަން އޭނަ މަސައްކަތް ކުރެއެވެ. އަހަރެންގެ ގާތުގައި އެތައް ފަހަރަކު މާފަށް ވެސް އެދެއެވެ. އަހަރެންގެ ހިތް ހިލަގަނޑަކަށްވީ ކަންނޭގެއެވެ. ކަންފަތް ވެސް ބީރުވީއެވެ. ހައިކަލް ބުނާ އެއްވެސް އެއްޗެއް އަހަންނަށް އިވޭކަމަށް ނުވެއެވެ. އޭނައަށް ޓަކައި ހަމްދަރުދީ ކީއްކުރަން، ކުލުނެއްގެ ޒައްރެއްގެ މިންވަރު ވެސް ހިތަށް ނުކުރެއެވެ. މާފުކުރާނަމޭ ހިތަށް ވެސް ނާރަނީއެވެ. މި ހިތުން އެ އަނިޔާވެރިކަން ފިލުވާލާނީ ކިހިނެއް ހެއްޔެވެ. ކިތައް ރޭ އަހަރެން އާދޭސް ކުރިންހެއްޔެވެ. އަދިއަދަށް ވެސް މި ދެލޮލުން ކަރުނަ ނުހިކެއެވެ. ނުރޯން ހުއްޓަސް އެކަމަށް ބާރެއް ނުފޯރުވެއެވެ. ކޮންމެކަމަކަށް ވަރިހަމަ ބުނެވެން ވެސް ފެށިއްޖެއެވެ. އެކަނިވެރިކަމާއި ހަމަހިމޭން ވަގުތުކޮޅުތަކަކީ އަހަރެންނަށް ކުޑަނަމަވެސް ހިތްހަމަޖެހުމެއް ގެނެސްދޭ އެކުވެރިންކަމުގައި ވެ ނިމެއްޖެއެވެ. ވެއްޓުނު އަނދަވަޅު ހައްތަހާ ވަނީ ފުނެވެ. ވަށައިގެންވާ އަނދިރިކަން އަލިކަން ފަނޑުކުރަމުން ދަނީއެވެ. -- (ނުނިމޭ)