ދުނިޔެ

ބަޔަކަށް ބަޑިން ބިރުދެއްކި ޕްރިންސަކު ސައުދީގައި ހައްޔަރުކޮށްފި

ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޒުގެ ސްކޫލެއްގެ ކުރިމަތީގައި ހިނގި އަރައިރުމެއްގައި ތަޅާ ފޮޅައި، ބަޑިން ބިރު ދެއްކި ކަމުގެ ތުމަތަށް އެގައުމުގެ އަމީރަކު ހައްޔަރުކޮށްފިއެވެ.

ސައުދީ ގެޒެޓް ނޫހުން ބުނީ ރިޔާޒުގެ އުތުރު ސަރަހައްދުގަައިވާ ސްކޫލެއްގެ ކުރިމަތީ ހިންގި މާރާމާރީއާ ގުޅިގެން އަމީރު ހިމެނޭ ގޮތުން ފަސް މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ހައްޔަރުކުރި މީހުންގެ ތެރެއިން އެކަކު ފިޔަވައި އެންމެންނަކީ ވެސް ސައުދީ މީހުންނެވެ. ފަސްވަނަ މީހާއަކީ ސޫދާނު މީހެކެވެ.

ނޫހުން ބުނީ ހާދިސާގައި މެޝިން ބަޑިއަކުން ބިރު ދެއްްކީ އަމީރުގެ އަރިސް ބޭފުޅަކު ކަމަށެވެ. ސައުދީ ފުލުހުންގެ ފަރާތުން ވާހަކަދެއްކެވި ފަވާޒް އަލް މައިމަން ނޫހަށް ވިދާޅުވެފައި ވަނީ އެމީހުން ގެންގުޅުނު ބަޑި ހޯދައި އަތުލައިގެންފައިވާ ކަމަށާއި އެހާދިސާ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.

މީގެ 80 ވަރަކަށް އަހަރު ކުރިން އަލް ސައުދު އާއިލާއިން އުފެއްދި ސައުދީ ރަސްކަން ތިން ވަނަ ޖީލަށް ވާރުތަވާން ކައިރިވެފައި ވާއިރު ޝާހީ އާއިލާގައި ، އަމީރުންނާއި އަމީރާއިން ހިމެނޭ ގޮތުން 7000 އަށް ވުރެ ގިނަ ބޭފުޅުން އެބަ ތިއްބެވިއެވެ. އެ ހުރިހާ ބޭފުޅުންހެން މީގެ ކުރިން އުޅުއްވަމުން ގެންދެވީ މުއްސަނދިކަމާއި އާރާއި ބާރުގައި އެގައުމުގެ ގާނޫނުތަކަށް ވުރެެ މަތީގައެވެ. ނަމަވެސް އެކަން ފަހަކަށް އައިސް ވަނީ ބަދަލުވެފައެވެ.

އެގޮތުން ކޮރަޕްޝަނުގެ ތުހުމަތަށް ޝާހީ އާއިލާގެ 11 ބޭފުޅަކު މިހިނގާ ނޮވެމްބަރުމަހުގެ ކުރީކޮޅު ހައްޔަރު ކުރިއެވެ. އޭގެ ތެރޭގައި ބިލިޔަނަރު ވަލީދު ބިން ތަލާލުވެސް ހިމެނިވަޑައިގަންނަވައެވެ.