ހަބަރު

ޖިނާއީ އަދުލުގެ ނިޒާމަށް ވުރެ މަދަނީ އަދުލުގެ ނިޒާމާ މެދު އިތުބާރު ބޮޑު: މުޖްތާޒް

ރާއްޖޭގައި ޖިނާއީ އަދުލުގެ ނިޒާމަށް ވުރެ މަދަނީ އަދުލުގެ ނިޒާމާ މެދު ރައްޔިތުންގެ އިތުބާރު މާ ބޮޑު ކަމަށް ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ރިޓަޔާޑް ޖަސްޓިސް މުޖްތާޒް ފަހުމީ މިއަދު ވިދާޅުވެއްޖެ އެވެ.

ހައި ކޯޓުން ނިންމާ މައްސަލަތައް އެއް ފޮތަކުން ލިބޭނެ ގޮތް ހެދުމަށް "ހައި ކޯޓު ރިޕޯޓާ" ގެ ނަމުގައި މިއަދު ފޮތެއް ނެރެ ދެއްވުމަށް ހައި ކޯޓުގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށް ދެއްވާ ވާހަކަ ދައްކަވަމުން މުޖްތާޒް ވިދާޅުވީ ޖިނާއީ އަދުލުގެ ނިޒާމަށް ވުރެ ބޮޑަށް މަދަނީ އަދުލުގެ ނިޒާމުގައި އިޖްރައާތުތައް ރަނގަޅު ފުރިހަމަ ކުރާ ކަމަށާއި އެކަން އޭނާއަށް ވެސް ތަޖުރިބާ ކުރެވިފައިވާ ކަމަށެވެ. އެހެންވެ ރައްޔިތުންގެ އެންމެ ބޮޑު އިތުބާރެއް މިހާރު އޮތީ މަދަނީ އަދުލުގެ ނިޒާމަށް ކަމަށް މުޖްތާޒް ވިދާޅުވި އެވެ. ނަމަވެސް އެ ނިޒާމުގައިވެސް ރަނގަޅު ކުރަންޖެހޭ ކަންތައްތަކެއް އެބަހުރި ކަމަށާއި އޭގެ ތެރޭގައި މަދަނީ އަދުލުގެ ނިޒާމާ ބެހޭ އިޖްރައާތެއް އައުން މުހިންމު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މަދަނީ އަދުލުގެ ނިޒާމަށް އެންމެ ބޮޑަށް ދިމާވާ މައްސަލައަކީ މިދެންނެވިހެން ލަސްވުމުން މައްސަލަ، އެހެންވެ އެކަންކަމާ މެދު ސަމާލުވާން އެބަޖެހޭ." ކުރިން މަދަނީ ކޯޓުގެ ގާޒީކަން ވެސް ކުރެއްވި މުޖްތާޒް ވިދާޅުވި އެވެ.

ކުރިން ޖުޑިޝަލް ސާވިސްގެ ކޮމިޝަންގެ ރައީސްކަން ވެސް ކުރެއްވި މުޖްތާޒް ވިދާޅުވީ ޝަރުއީ ނިޒާމަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ މައްސަލަތައް ލަސްވުން ކަމަށާއި އެހެންވެ މައްސަލަތައް އަވަސްކުރަން ފަނޑިޔާރުން މިހާރަށް ވުރެ ބޮޑަށް މަސައްކަތް ކުރަންޖެހޭނެ ކަމަށް ވިދާޅުވި އެވެ. އަދި މައްސަލަ ނިންމި ގޮތުގެ ރިޕޯޓް ނުނިމި ލަސްވުމަކީ ވެސް ވަރަށް ބޮޑަށް ގޮންޖެހުމެއް ކަމަށާޢި އެހެންވެ މުވައްޒަފުން އެކަމަށް އަހުލުވެރި ކުރުވަންޖެހޭ ކަމަށެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި މައްސަލަތައް ލަސްވުމުގެ 50 އިންސައްތަ ހިއްސާއަކީ މައްސަލަ ނިންމި ގޮތުގެ ރިޕޯޓް ނުލިބުން، އެ ތަޖްރިބާ އަޅުގަނޑަށް ވެސް ކުރެވިފައިވޭ،" މުޖްތާޒް ވިދާޅުވި އެވެ.

އެ ހަފުލާގައި ވާހަކަ ދައްކަވަމުން ހައި ކޯޓު ހިންގުމާ ހަވާލުވެ ހުންނެވި ފަނޑިޔާރު އަލީ ސަމީރު ވިދާޅުވީ ހައި ކޯޓު ރިޕޯޓާގެ ނަމުގައި މިއަދު ނެރުނު އެ ފޮތަކީ ޔުނިސެފްގެ އެހީތެރިކަމާ އެކު ނެރެން ފެށި ފޮތެއް ކަމަށެވެ. ފޮތެއް ސިފައިގައި އެ ފޮތް ރަސްމީކޮށް ނެރުނު ނަމަވެސް އޮންލައިންކޮށް ވެސް އެ ފޮތް ލިބެން ހުންނާނެ ކަމަށް ވިދާޅުވި އެވެ.

އެ ފޮތް ނެރުމުގައި އިސްކޮށް ހަރަކާތްތެރިވާ ހައި ކޯޓުގެ ފަނޑިޔާރު އައްބާސް ޝަރީފް ވިދާޅުވީ ކޮންމެ އަދަދެއްގައި ހުންނާނީ އެއް ބާވަތެއްގެ މައްސަލަތައް ކަމަށާއި އެގޮތުން މިފަހަރުގެ އަދަދުގައި ހުންނާނީ މުޅިން ވެސް އާއިލީ މައްސަލަތަކާ ގުޅިގެން އެ ކޯޓުން މިހާތަނަށް ނިންމި މައްސަލަތައް ކަމަށެވެ. ދެން ނެރޭ އަދަދެއްގައި ހިމަނާނީ ކުޑަކުދިންނާ ބެހުމުގެ މައްސަލަތަކާ ގުޅިގެން އެ ކޯޓުން ނިންމާފައި ހުރި ނިންމުންތައް ކަމަށް ވެސް ފަނޑިޔާރު އައްބާސް ވިދާޅުވި އެވެ.