ކުޅިވަރު

ޕީއެސްޖީއަށް ޗެމްޕިއަންސް ލީގްގެ ބޮޑު ރެކޯޑެއް

Nov 23, 2017

ސްކޮޓްލޭންޑްގެ ސެލްޓިކް އަތުން 7-1 ން ރޭ މޮޅުވި މެޗުގައި ޔޫއެފްއާ ޗެމްޕިއަންސް ލީގްގެ ގުރޫޕް ސްޓޭޖްގައި އެންމެ ގިނަ ލަނޑު ޖެހުމުގެ ރެކޯޑެއް ޕީއެސްޖީން މުގުރާލައިފި އެވެ.

މީގެކުރިން މި ރެކޯޑް އޮންނަނީ ބުރޫޝިއާ ޑޯޓަމުންޑް އަތުގަ އެވެ. އެ ޓީމުން ވަނީ 2016 ވަނަ އަހަރު ގުރޫޕް ސްޓޭޖްގައި 21 ލަނޑު ޖަހާފަ އެވެ. ގުރޫޕް ސްޓޭޖްގައި ބާކީ އެއް މެޗު ކުޅެން އޮތްވައި ޕީއެސްޖީން މީހަތަނަށް ވަނީ 24 ލަނޑު ކާމިޔާބު ކޮށްފަ އެވެ.

ޗެމްޕިއަންސް ލީގްގައި، ސެލްޓިކް ކޮޅަށް އެންމެ ގިނަ ލަނޑު ޖެހި ޓީމަކީވެސް ޕީއެސްޖީ އެވެ. އެ ޓީމުން ވަނީ ދެ ލެގްގައި ސެލްޓިކް ކޮޅަށް 12 ލަނޑު ޖަހާފަ އެވެ.

ރޭ ޕިއެސްޖީގެ ދަނޑުގައި ކުޅުނު މެޗުގައި، ފުރަތަމަ ލީޑް ނެގީ، ސެލްޓިކުންނެވެ. މެޗު ފެށިގެން ފުރަތަމަ މިނެޓްގައި އެ ޓީމަށް ލަނޑު ޖަހައިދިނީ މޫސާ ޑެމްބެލޭ އެވެ. މެޗަށް ފަހު ވާހަކަ ދައްކަމުން ޕީއެސްޖީގެ ކޯޗް އުނައި އެމްރީ ބުނީ، މެޗުގައި ނުރަނގަޅު ކޮށް ދިޔައީ ބައިކޮޅަށް ވަން ލަނޑު އެކަނި ކަމަށެވެ. ޕީއެސްޖީން މާގިނަ ވަގުތެއް ނުދީ، ނަތީޖާ އަތުލުމުން އޭނާ ހުރީ ވަރަށް ބޮޑަށް ހިތްހަމަޖެހިފަ އެވެ.

ޕީއެސްޖީއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ، ނޭމާއެވެ. މެޗުގައި ނޭމާ އާއި ކަވާނީ، ކޮންމެ ކުޅުންތެރިޔަކު ވަނީ ދެ ލަނޑު ޖަހާފަ އެވެ. އަދި އެ ދެ ކުޅުންތެރިންނާއެކު އެޓޭކްގައި ހަރަކާތްތެރިވާ ކިލިޔަން އެމްބަޕޭވެސް ވަނީ ލަނޑު ޖާހަފަ އެވެ. ޕީއެސްޖީގެ އަނެއް ދެ ލަނޑު ކާމިޔާބު ކުރީ މާކޯ ވެރާޓީ އާއި ޑެނީ އަލްވޭސް އެވެ.

އެ ގުރޫޕްގައި ހިމެނޭ އަނެއް ދެ ޓީމު ކަމަށްވާ އަންޑާލެކްޓް އާއި ބަޔާން މިޔުނިކް ކުޅުނު މެޗު، ބަޔާން ކާމިޔާބު ކުރީ 2-1 ންނެވެ.

ބާސެލޯނާ އާއި ޗެލްސީ ވަނީ ރޭ ކުޅުނު މެޗުތަކުން ގުރޫޕްގެ އެއް ވަނައިގައި ދެ ވަނަ ބުރަށް ދަތުރު ކޮށްފަ އެވެ. ޔުވެންޓަސްއާ ދެކޮޅަށް ބާސާ ކުޅުނު މެެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ. ބާސާގެ ކޯޗް އެރުނަސްޓޭ ވަލްވެރުޑޭ މެޗަށް ނިކުތީ ލިއޮނަލް މެސީ ބެންޗުގައި ބަހައްޓައިގެންނެވެ. ވަލްވެރުޑޭ ބުނީ މެސީ އަށް ރެސްޓެއް ބޭނުންވާ ކަމަށެވެ. ނަމަވެސް ދެ ވަނަ ހާފުގައި އޭނާ ވަނީ މެސީ ކުޅެން އަރުވާފަ އެވެ.

އެއް ކުޅުންތެރިޔަކު މަދުކޮށް ކުޅުނު ގަރަބާޖް އާ ދެކޮޅަށް ޗެލްސީ މޮޅުވީ 4-0 ންނެވެ. އެ ޓީމުން ޖެހި ހަތަރު ލަނޑުގެ ތެރެއިން ދެ ލަނޑު ކާމިޔާބު ކުރީ ޕެނަލްޓީންނެވެ. ފުރަތަމަ ލަނޑު ލިބުނު ޕެނަލްޓީ އަކުން ކާމިޔާބު ކުރީ އެޑެން ހަޒާޑް އެވެ. ދެ ވަނަ ލަނޑު ކާމިޔާބު ކުރީ ވިލިއަން އެވެ. ތިން ވަނަ ލަނޑު ޕެނަލްޓީ އަކުން ފެބްރިގާސް އެވެ. ހަތަރު ވަނަ ލަނޑު ކާމިޔާބު ކުރީ ވެސް ވިލިއަން އެވެ.

އެ ގުރޫޕްގައި ހިމެނޭ އެތުލެޓިކޯ މެޑްރިޑާއި ރޯމާ ކުޅުނު މެޗު އެތުލެޓިކޯ ކާމިޔާބު ކުރީ 2-0 ންނެވެ. އެ ޓީމުގެ ލަނޑުތައް ކާމިޔާބު ކުރީ އެންޓޯން ގްރީޒްމަން އާއި ކެވިން ގަމޭރޯ އެވެ.

ރޭގެ މެޗުން ދެ ވަނަ ބުރުގެ ޖާގަ ކަށަވަރު ކުރެވެން އޮތް މެންޗެސްޓާ ޔުނައިޓަޑް ސްވިޒަލޭންޑްގެ ބަޒެލް އަތުން 1-0 ން ބަލިވުމުން، ދެ ވަނަ ބުރުގެ ޖާގަ ކަށަވަރު ކުރަން އެ ޓީމު ޖެހޭނީ އެންމެ ފަހު މެޗަށް މަޑު ކުރާށެވެ.