ދުނިޔެ

އިގުތިސާދީ ގަދަ ފަހަކުން އިނގިރޭސިން ކަޓައިފި

ދުނިޔޭގެ ފަސް ވަނައަށް އެންމެ ވަރުގަދަ އިގުތިސާދުގެ މަގާމު އިނގިރޭސިލާތަށް ގެއްލިއްޖެއެވެ.

އެ މަގާމު އިނގިރޭސިވލާތަށް ގެއްލިއްޖެ ކަމަށް އެގައުމުގެ ޓްރެޝަރީ ސެކްރެޓަރީ ފިލިޕް ހެމޮންޑް އިއްޔެގައި ވަނި ރަސްމީކޮށް އިއުތިރާފުވެވަޑައިގެންްފައެވެ. އިގުތިސާދީ ރޭންކިންގައި އެގައުމު އޮތް ހިސާބު އޭނާ ހާމަކުރެއްވީ އިގުތިސާދުގައި ހުރި ބާރާ ބެހޭ ގޮތުން ދެއްވި ބަޔާންތަކެއްގައެވެ.

"ބްރިޓުން އަކީ ދުނިޔޭގެ ހަ ވަނައަށް އެންމެ ބޮޑު އިގުތިސާދު،" ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނު ބަޖެޓް ތަގުރީރުގައި ހެމޮންޑް ވިދާޅުވި ކަމަށް ސީއެންއެންގެ ރިޕޯޓުގައި ވެއެވެ.

އިގުތިސާދެއްގެ ސައިޒު ދެނެގަންނާނެ ގިނަ ގޮތްތަކެއް ހުރި ނަމަވެސް އިނގިރޭސި ސަރުކާރުން އެގައުމުގެ އިގުތިސާދާ މެދު ގޮތެއް ކަނޑައެޅުމުގައި ބަލާފައި ވަނީ އިންޓަނޭޝަނަލް މަނިޓަރީ ފަންޑް ( އައިއެމްއެފް) އިން ޝާއިއުކޮށްފައިވާ ޖީޑޕީ ފޯކާސްޓްތަކަށެވެ. އެ މައުލޫމާތުތަކުން އެނގޭ ގޮތުގައި އިނގިރޭސިން އޮތް މަގާމަށް މިހާރު ޖެހިލާފައި ވަނީ ފްރާންސެވެ. އަދި ފްރާންސަށް އޮތް ފުރުސަތު އަންނަ 2018 ވަނަ އަހަރު އިތުރަށް ފުޅާވާނެ ކަމަށް ވެސް ވަނީ ބެލެވިފައެވެ.

މިއީ 2013 ވަނަ އަހަރުގެ ފަހުން، އިގުތިސާދީ ގޮތުން އިނގިރޭސިވިލާތަށް ވުރެ ފްރާންސް ކުރިއެރި ފުރަތަމަ ފަހަރެވެ. މިކަމުން ދައްކައި ދެނީ ޔޫރަޕްގެ އިއްތިހާދުން ވަކިވާން އިނގިރޭސިން ނިންމި ފަހުން އިގުތިސާދު ދަށް ގޮސްފައިވާ މިންވަރެވެ. އެ ނިންމުމަށް ފަހު ކުރިމަތިވި ކަންތައްތަކުގެ ތެރޭގައި ޕައުންޑުގެ އަގު ދަށްވުމާއި ހަރަދުކުރާ މިންވަރު މަދުވުމާއި ތަކެތީގެ އަގު އުފުލުން ހިމެނެއެވެ.

އިގުތިސާާދަށް މިހިނގާ 2017 ވަނަ އަހަރު ދެ ޕަސެންޓުގެ ކުރިއެރުން ލިބޭނެ ކަމަށް ކުރިން ލަފާކޮށްފައި ވިޔަސް، އިނގިރޭސިވިލާތުގެ ދަ އޮފީސް އޮފް ބަޖެޓް ރެސްޕޮންސިބިލިޓީން މިހާރު އެ މިންވަރު ވަނީ 1.5 ޕަސެންޓަށް ކުޑަކޮށްފައެވެ. އަދި އެ މިންްވަރު އަންނަ އަހަރު 1.4 ޕަސެންޓަށް ވެއްޓޭނެ ކަމަށް އަންދާޒާކޮށްފައި ވާއިރު 2019 ވަނަ އަހަރާއި 2020 ވަނަ އަހަރު 1.3 ޕަސެންޓަށް ވެއްޓޭނެ ކަމަށް ވެސް ވަނީ އަންދާޒާކޮށްފައެވެ.

ގަދަ ފަހަކުން އިނގިރޭސިން ކެޓި އިރު އެމަގާމަށް ޔޫރަޕްގެ އިއްތިހާދުގައި ހިމެނޭ ގައުމެއް އައުމަކީ ސިޔާސީ ބޭފުޅުންނަށް ބޮޑު ހިތާމައަކަށް ވާނެއެވެ. އެއީ އެ އިއްތިހާދުން ވަކިވުމުން އިގުތިސާދީ ގޮތުން ވާނީ ރަނގަޅެއް ކަމަށް އެބޭފުޅުން ކުރިން ދައުވާ ކުރައްވާފައި ވާތީއެވެ.

މިހާރުގެ ރޭންކިން އޮތް ގޮތް:

1- އެމެރިކާ. 19.4 ޓްރިލިއަން ޑޮލަރު
2- ޗައިނާ. 11.9 ޓްރިލިއަން ޑޮލަރު
3- ޖަޕާން. 4.9 ޓްރިލިއަން ޑޮލަރު
4- ޖަރުމަނު. 3.7 ޓްރިލިއަން ޑޮލަރު
5- ފްރާންސް . 2.575 ޓްރިލިއަން ޑޮލަރު
6- އިނގިރޭސިވިލާތް. 2.565 ޓްރިލިއަން ޑޮލަރު
7- އިންޑިއާ 2.4 ޓްރިލިއަން ޑޮލަރު


މިހާރު އަންދާޒާ ކުރެވިފަައިވާ ގޮތުގައި 2019 ވަނަ އަހަރާ ހަަމައަށް ދާއިރު އިނގިރޭސިވިލާތާއި ފްރާންސް އަަށް ވުރެވެސް އިންޑިއާގެ އިގުތިސާދު ބޮޑުވާނެއެވެ. އެހެންވީމާ އިނގިރޭސިވިލާތް އަދި މިއަށް ވުރެ ވެސް ދަށަށް ވެއްޓޭނެ ކަަމަށް ބެލެވެއެވެ. -- ސީއެންއެން