ދުނިޔެ

ރޯޙިންޔާ މީހުން އަނބުރައި ގެންދަން މިޔަންމާއިން އެއްބަސްވެއްޖެ

މިޔަންމާގެ ރާޚައިން ސްޓޭޓުގައި އެގައުމުގެ ސިފައިން ހިންގި ޖަރީމާތަކުން ސަލާމަތްވާން އަވަށްޓެރި ބަންގްލަދޭޝަށް ގޮސް ތިބި ރޯހިންޔާ ދަރިކޮޅުގެ ހަލައްކަ އަށް ވުރެ ގިނަ މީހުން އަނބުރައި ގެންދިއުމުގެ އެއްބަސްވުމެއްގައި ދެގައުމުން ސޮއިކޮށްފިއެވެ.

ބަންގްލަދޭޝްގެ ޑާކާ ޓްރައިބިއުން ނޫޙުން ބުނީ އެ އެއްބަސްވުމުގައި ސޮއިކުރީ އެގައުމުގެ ފޮރިން މިނިސްޓަރު އޭއެޗް މަހުމޫދު އަލީއާއި މިޔަންމާގެ ސްޓޭޓް ކައުންސިލާ އަންސަން ސޫކީ މިއަދު ހެނދުނު ބޭއްވި ބައްދަލުވުމަކަށް ފަހު ކަަމަށެވެ.

އެއްބަސްވުމުގައި ބަންގްލަދޭޝް ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރު އޭއެޗް މަހުމޫދު އަލީއެވެ. މިޔަންމާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް ކައުންސިލާގެ ސްޓޭޓް މިނިސްޓަރު ކިޔާބޫ ޓިންޓް ސްވީއެވެ. ބަންގްލަދޭޝްއާ މިޔަންމާއާ ގުޅޭ ސަރަހައްދީ ރޮނގާ މެދު 1998 ވަނަ އަހަރު ވެފައިވާ އެއްބަސްވުން ވެސް މިއަދުގެ ބައްދަލުވުމުގައި އާކުރިއެވެ.

ރޯހިންޔާ މީހުން އަނބުރާ ގެންދަން އެއްބަސްވިޔަސް އެކަމުގައި ބަންގްލަދޭޝުން ހުށަހެޅި ހުރިހާ ކަމަކަށް މިޔަންމާއިން އެއްބަހެއް ނުވެއެވެ. އެގޮތުން މީހުން ގެންދަން ފަށާނެ ތާރީހަކާ މެދު އެއްބަސް ވިޔަސް އެކަން ނިންމާނެ ތާރީހެއް އެއްބަސްވުމުގައި ނުވެއެވެ. ބަންގްލަދޭޝުން އެދެމުން އައީ އެއް އަހަރު ދުވަހުގެ ތެރޭގައި ރޯހިންޔާ މީހުން ގެންގޮސް ނިންމުމަށެވެ.

ރޯހިންޔާ މީހުންގެ މައްސަލައިގަައި މިޔަންމާއާއި ބަންގްލަދޭޝުން އެއްބަސްވުމަކަށް އައީ ޗައިނާއިން އެކަމުގައި އެ ދެގައުމަށް ވަރަށް ބޮޑަށް ބާރު އަޅައިގެންނެވެ.