ދުނިޔެ

އިންޑިއާ ސިފައިންގެ މީހަކު ނޫސްވެރިއަކަށް ބަޑިން ހަމަލާދީ މަރާލައިފި

އިންޑިއާ ސިފައިންގެ މަރުކަޒެއްގެ އިސްވެރިއަކު ހިންގި ކޮރަޕްޝަނުގެ އަމަލުތަކަކާ ބެހޭ ގޮތުން ލިއުނު ނޫސްވެރިއެއްގެ ގަޔަށް ސިފައިންގެ މީހަކު ބަޑި ޖަހައި މަރާލައިފިއެވެ.

ބެންގާލީ ބަހުން ނެރޭ ނޫހެއް ކަމަށްވާ ސަޔީޑާން ޕެޓްރިކާގެ ސީނިއާ ރިޕޯޓަރެއް ކަމަށްވާ ސަންދީޕް ދައްތާ ބޯމިކް ގެ ގަޔަށް ބަޑި ޖަހައި މަރައިލީ ޓްރިޕޫރާ ނަމަކަށް ކިޔާ ސްޓްޓޭޓުގެ ވެރިރަށް އަގަރްޓަލާގެ ކައިރީގައިވާ ސިފައިންގެ މަރުކަޒެއްގެ ތެރޭގައެވެ. އޭނާގެ ގަޔަށް ބަޑި ޖެހީ އެމަރުކަޒުގައި އޮންނަ ' ޓްރިޕޫރާ ސްޓޭޓް ރައިފަލްސް' ނަމަކަށް ކިޔާ ލަޝްކަރުގެ ކޮމާންޑެންޓަކަށް ހުރި ޓަޕާން ޑިބަރްމާ ނަމަކަށް ކިޔާ މީހެއްގެ އަމުރަށް އޭނާގެ ބޮޑީގާޑެއް ކަމަށް ޓްރީޕޫރާ ފުލުހުންނާ ހަވާލާދީ ނޫސްތަކުން ބުންޏެވެ.

އަންގާރަދުވަހު ނުރުހުން ފާޅުކުރުމުގެ ގޮތުން އެ ސަރަހައްދުގެ ނޫސްތަކުގެ އެޑިޓޯރިއަލް ލިޔާ ގޮޅިތައް އިއްޔެގައި ދޫކޮށްލާފައި ވަނީ އެއްޗެއް ނުލިޔެ ހުސްކޮށެވެ. ސަންދީޕަކީ ޓްރިޕޫރާ ސްޓޭޓުގައި ފާއިތުވި ދެ މަސްދުވަހުގެ ތެރޭގައި މަރައިލި ދެވަނަ ނޫސްވެރިޔާއެވެ. ސަންދީޕް މަސައްކަތް ކުރާ ނޫހުގެ އެޑިޓަރު ނޫސްތަކަށް ބުނެފައިވާ ގޮތުގައި ސަންދީޕް މަރައިލީ ޑިބަރްމާ ހިންގި ކޮރަޕްޝަނުގެ އަމަލެއްގެ ވާހަކަ ލިއުނީމައެވެ.

ސަންދީޕްގެ މަރާ ގުޅިގެން ފުލުހުން ވަނީ ޑިބަރްމާއާއި އޭނާގެ ބޮޑީގާޑު ހައްޔަރުކޮށްފައެވެ.

އުމުރުން 52 އަހަރުގެ ސަންދީޕަކީ ނޫސްވެރިކަމުގައި ކުރި މަސައްކަތަކާއި ގުޅިގެން ، 1992 ވަނަ އަަހަރުންް ފެށިގެން މިހައިތަނަށް މަރައިލި 41 ވަނަ ނޫސްވެރިޔާއެވެ.