ދެހާސް އަށެއް ނުވަތަ 2009 ހިސާބުގައި ކުޑަކުދިންނަށް އަމާޒުކޮށްގެން ނެރުނު ކުރު ފިލްމުތައް ކަމަށްވާ "ކުޑަފޫޅު"ގެ ބައިތައް ވީ ކުޑަކުދިން އަދި ބޮޑެތި މީހުންނަށްވެސް މަގުބޫލު ފިލްމުތަކަކަށެވެ. ކުޑަ ފޫޅު، 1،2،3 އަދި ކުޑަ ފޫޅާއި ޕަރީ ދައްތަ ފަދަ ފިލްމުތައް މާބޮޑަށް ކަމުދިޔައީ އެވެ. އެހެން ނަމަވެސް 2011 ވަނަ އަހަރުގެ ފަހުން ކުޑަ ފޫޅުގެ އާ ފިލްމެއް ބަލައިލުމުގެ ފުރުސަތެއް ނުލިބެ އެވެ.
ގިނަ ބައެއްގެ އެދުމުގެ މަތިން މަހުމާ ހުސެން ރަޝީދު ޕްރޮޑިއުސްކޮށް ފަރިވާ އާއި ސަން ޝައިން ޕްރޮޑަކްޝަން ގުޅިގެން އަނެއްކާވެސް ކުޑަ ފޫޅުގެ އާ ބައެއް ގެނެސްދޭން މިވަނީ ނިންމާފަ އެވެ. ޑިސެމްބަރު މަހު ރިލީޒްކުރާނެ އެވެ. ކުދަ ފޫޅުގެ ބައިން ފެނިގެންދާނީ މީގެ ކުރިންވެސް އެ ރޯލު ކުޅުނު ހުސެން މުނައްވަރު (ކުޑަފޫޅު) އެވެ.
އެ ފިލްމާ ބެހޭ ގޮތުން ހުސެން ބުނީ މި އަހަރު ގެނެސްދެނީ "ކުޑަފޫޅުގެ ވަސްވާހުން" ކަމަށެވެ. އަދި އެންމެ ފުރަތަމަ ބައިގައި ފެނިގެން ދިޔަ ޝެއިހް ވެސް ފެނިގެންދާނެ ކަމަށެވެ. އޭގެ އިތުރުން ފިލްމުގައި 30 އަށްވުރެ ގިނަ ކުޑަކުދިން އުޅޭނެ ކަމަށެވެ. އެ ކުދިންނަކީ ފިލްމު ނަގާ ހދ. ކުޅުދުއްފުށީގެ ކުދިންނެވެ. ފިލްމުގެ ޝޫޓިން މިހާރު ވަނީ އެ ރަށުގައި ފަށާފަ އެވެ.
ހުސެން ބުނީ ފިލްމު އެންމެ ފުރަތަމަ އަޅުވާނީ ހދ. ކުޅުދުއްފުށީގައި ކަމަށާއި އޭގެ ފަހުން އަތޮޅު ތެރޭގައި އަޅުވާނެ ކަމަށެވެ. މާލޭގައި އޮލިމްޕަހުގައި ފިލްމު އަޅުވާނީ ޖެނުއަރީ މަހު ސްކޫލްތައް ފެށުނީމަ ކަމަށެވެ.
"އެންމެ ފުރަތަމަ ފިލްމު އަޅުވާނީ ކުޅުދުއްފުށީގައި ހަމަ ބޮޑު އިވެންޓަކާ އެކު، އެއަށްފަހު ރިކުއެސްޓް އަންނަ ވަރަކުން އަތޮޅުތެރޭގައި އަޅުވާފަ ސްކޫލްތައް ފެށޭ ފަހުން ޖެނުއަރީ މަހުގެ ތެރޭގައި މާލޭގައި އޮލިމްޕަހުގައި އަޅުވާނީ، ކުރީގަ ގޮތަށް ޑީވީޑީ ނެރޭކަށް އަދި ނުވިސްނަން،" ހުސެން ބުންޏެވެ.
"ކުޑަފޫޅުގެ ވަސްވާހުން"ގެ ސްކްރިޕްޓް ލިޔެފައި ވަނީ އަމްޖަދު އިބްރާހިމް (އަމްޖޭ) އެވެ. ޑައިރެކްޓު ކުރަނީ އަލީ ސީޒަން އެވެ.