ދުނިޔެ

މިސްކިތުގައި 235 މީހުން މަރައިލި މީހުންނަށް ހަރުކަށި ރައްދެއް ދޭނަން: ސީސީ

މިސްރުގެ ސީނާ ޕްރޮވިންސްގެ ވެރިރަށް އަލް އަރީޝްގެ މިސްކިތަކަށް އިއްޔެގެ ހުކުރު ވަގުތު ބަޔަކު ދިން ހަމަލާފައި 235 މީހުން މަރައިލުމުން، އެކަން ކުރި ބަޔަކަށް ހަރުކަށި ރައްދެއް ދެއްވާނެ ކަމަށް އެގައުމުގެ ރައީސް އަބުދުލް ފައްތާރު އަލް ސީސީ ވިދާޅުވެއްޖެއެވެ.

ސީސީ ވިދާޅުވީ އިއްޔެގެ ހަމަލާއަކީ މިސްރު ސަރުކާރުގެ ސަލާމަތީ ބާރުތުގެ ގާބިލިއްޔަތާ މެދު ރައްޔިތުންގެ ހިއްތަކުގައި ޝައްކު އުފަންދަން ދިން ހަމަލާއެއް ކަމަށެވެ.

ރޮއިޓާސް ބުނީ އިއްޔެގެ ހުކުރު ވަގުތު ދިން ހަމަލާގައި ފުރަތަމަ ގޮއްވައިލީ ބާރުގަދަ ބޮމެއް ކަމަށެވެ. އަދި އެއަށް ފަހު މިސްކިތުގެ ބޭރުގައި ތިބި ސާޅީހަކަށް ހަނގުރާމަވެރިން ، ބަޑީގެ ހަމަލާތައް ވެސް ދިނެވެ. އެ ހަމަލާއަކީ ފަހުގެ ތާރީހެއްގައި މިސްރުގެ އާއްމުންނާ ދެކޮޅަށް ދިން އެންމެ ނުރައްކާތެރި ހަމަލާއެވެ.

އިއްޔެގެ ހަމަލާގެ ޒިންމާ އަދި އެއްވެސް ބަޔަކު އުފުލާފައެއް ނުވެއެވެ.

މިސްރުގެ ސީނާ ސަރަހައްދުގައި ހަރަކާތްތެރިވާ އިިސްލާމިކް ސްޓޭޓް ( އައިއެސް)ގެ ސީނާ ގޮފީގެ ހަނގުރާމަވެރިންނާ ދެކޮޅަށް އެގައުމުގެ ސިފައިން އަންނަނީ 2013 ވަނަ އަަހަރުން ފެށިގެން ވަރުގަދަ ހަނގުރާމައެއް ކުރަމުންނެވެ. ފާއިތުވި އަހަރު ތަކުގައި އެ ޖަމާއަތުން މުޅިން ވެސް ހަމަލާ ދީފައި ވަނީ މިސްރުގެ ސިފައިންނަށާއި ފުލުހުންނަށެވެ.

ނަަމަވެސް އިއްޔެގެ ހަމަލާތައް އަމާޒުވީ ގަބުރު މަތީގައި ބޮޑެތި ބިނާތައް ހަދައި، އެތަން ތަނަށް ނަދުރުބުނެ ދުއާކޮށް ހަދާ ސޫފީންގެ މިސްކިތަކަށެވެ. އައިއެސް ފަދަ ޖަމާއަތްތްތަކުން ގަބޫލުކުރަނީ އެއީ ޝިރުުކުގެ އަމަލުތަކެއް ކަމަށެވެ.