ދުނިޔެ

އެއްވެސް ގައުމަކާ ދެކޮޅުވެރިކަމެއް ނެތް: ޒިމްބާބްވޭގެ އާ ރައީސް

ދުނިޔޭގެ އެއްވެސް ގައުމަކާ މެދު ޒިމްބާބްވޭ އިން ދެން ނުބައި ނިޔަތެއް ނުގެންގުޅޭނެ ކަމަށް އެގައުމުގެ އާ ރައީސް އެމާސަން ނަން ގަގްވާ ވިދާޅުވެއްޖެއެވެ.

ޒިމްބާވްވޭގެ ރައީސް ކަމުގެ ހުވައި އިއްޔެގައި ކުރެއްވުމަށް ފަހު ގައުމާ މުހާތަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ނަންގަގްވާ ވިދާޅުވީ ޒިމްބާބްވޭ މިހާރު އޮތީ އެހެން ގައުމުތަކާ އަލުން މުއާމަލާތް ކުރަން ތައްޔާރަށް ކަމަށެވެ.

" އަޅުގަނޑު އެދެނީ ކުރިން އަޅުގަނޑުމެންނަށް އަދަބު ދިން ގައުމުތަކުން ކުރިން އަޅާފައިވާ އިގުތިސާދީ ، ސިޔާސީ ދަތިކުރުމުގެ ފިޔަވަޅުތަކާ މެދު އަލުން ވިސްނަން،" މުޅިން އާ ގައުމެއްގެ ގޮތުގައި ދުނިޔޭގެ ސަފަށް ޒިމްބާބްވޭ ނުކުންނަން ބޭނުންވާކަން ހަމަކުރައްވަމުން ނަންްގަގްވާ ވިދާޅުވިއެވެ.

ޒިމްބާބްވޭގެ އިގުތިސާދު އަލުން ހަމައަކަށް އަޅުވަން ހާއްސަ އިގުތިސާދީ ސަރަހައްދުތައް ގާއިމް ކުރުމުގެ މަސައްކަތް އަވަސްކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ވިދާޅުވީ އޭގެ ބޭނުމަކީ ބޭރުގެ އިންވެސްޓްމެންޓްތައް އެގައުމަށް ހޯއްދެވުން ކަމަށެވެ.

ހުވައިކުރެއްވުމަށް ފަހު ކުރެއްވި ތަގުރީރުގައި ނަންގަގްވާ ވަނީ ކުރީގެ ރައީސް ރޮބަޓް މުގާބޭގެ ދުވަސްވަރު ސަރުކާރުން އަޅާފައިވާ ނާ އިންސާފު ބައެއް ފިޔަވަޅުތަކުން ގެއްލުންވެފައިވާ މީހުންނަށް ބަދަލު ދެއްވާނެ ކަމަށް ވިދާޅުވެފަައެވެ. އެގޮތުން އެގައުމުގެ ދޮން މީހުންގެ އަތުން އަތުލާފައިވާ ބިންތަކަށް ބަދަލު ދެއްވާނެ ކަމަށް ވިދާޅުވިއެވެ. އަދި ވިދާޅުވީ އޭނާ ވެރިކަން ކުރަައްވާނީ ނަސްލަކަށް ދީނަކަށް ސިޔާސީ ވިސްނުމަކަށް ނުބައްލަވައި ޒިމްބާބްވޭގެ އެންމެހައި ރައްޔިތުންނަށް ޓަކައި ކަމަށެވެ.

ޒިމްބާބްވޭގެ ރައީސް ކަން ނަންގަގްވާއަށް ލިބިވަޑައި ގަތީ އެގައުމުގެ ސިފައިން ގެނައި ލޭ އޮހޮރުވުމެއް ނެތް އިންގިލާބެއްގައިި މުގާބޭގެ ވެރިކަން ވައްޓައިލުމުންނެވެ. ރައީސްކަމުން މުގާބޭ އިސްތިއުފާ ދެއްވީ ސިފައިން އޭނާ ގޭބަންދުކޮށްފައި ހުންނަތާ އެތައް ދުވަހެއް ފަހުންނެވެ. އޭނާ އިސްތިއުފާ ދެއްވަން އެއްބަސްވެވަޑައިގެންނެވީ އޭނާއާ ދެކޮޅަށް ދައުވާ ނުކުރުމަށާއި ރައްކާތެރިކަން ދިނުމަށް ސިފައިން އެއްބަސްވުމުންްނެވެ.

މުގާބޭ އިސްތިއުފާ ދެއްވަން މަޖުބޫރުވ ހާލަތު ކުރިމަތިވީ ނައިބުރައީސްކަމުން ނަންގަގްވާ ދުރުކުރުމުންނެވެ. އުމުރުފުޅުން މިހާރު 93 އަހަރު ވެފައިވާ މުގާބޭ އެ ފިޔަވަޅު އެޅުއްވީ އަނބިކަނބަލުން ގްރޭސް މުގާބޭއަށް ވެރިކަން ހޯއްދަވައިދެއްވުމަށެވެ.

އުމުރު ފުޅުން 75 އަހަރުގެ ނަންގަގްވާއަކީ މުގާބޭ ފަދައިން ، އިނގިރޭސިންގެ އަތްދަށުން ޒިމްބާބްވޭ މިނިވަންވި ހަނގުރާމައިގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅެކެވެ. - ދަ ހެރަލްޑް( ޒިމްބާބްވޭ)