ދުނިޔެ

"އެނބުރި މިޔަންމާއަށް ދާނީ ހައްގުތައް ކަށަވަރުކޮށްދޭނަމަ"

މިޔަންމާގެ ރާޚައިން ސްޓޭޓުގައި އެގައުމުގެ ސިފައިން ހިންގި ޖަރީމާތަކުން ސަލާމަތްވާން އަވަށްޓެރި ބަންގްލަދޭޝްއަށް ގޮސް ތިބި ރޯހިންޔާ ދަރިކޮޅުގެ މީހުން އަނބުރައި ގައުމަށް ގެންދަން މިޔަންމާ ސަރުކާރުން މިހާރު ވަނީ އެއްބަސްވެފައެވެ.

ރޯހިންޔާ ރެފިއުޖީން އަނބުރައި ގެންދަން މިޔަންމާއާއި ބަންގްލަދޭޝް ސަރުކާރުން މިދިޔަ ބުދަ ދުވަހު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. ޗައިނާއިން ބާރު އަޅައިގެން އެ ދެގައުމުން ސޮއިކުރި އެއްބަސްވުމުގައި ރޯހިންޔާ މީހުން ގެންގޮސް ނިންމާނެ ތާރީހެއް ކަނޑައަޅާފައެއް ނުވެއެވެ. ނަމަވެސް އެއީ އެއްބަސްވުމުގައި ހިމަނަން ބަންގްލަދޭޝުން ވަރަށް ބޮޑަށް ބާރު އަޅަމުން ދިޔަ ކަމެކެވެ.

އެއްބަސްވުމުގައި ސޮއިކުރުމުން އެކަމުގައި ރޯހިންޔާ މީހުންގެ ހިޔާލު ހުރިގޮތް ބަލަން ބަންގްލަދޭޝްގެ ޑާކާ ޓްރައިބިއުން ނޫހުން ވަނީ މަސައްކަތް ކޮށްފައެވެ. އެނޫހުން ބުނީ ހިޔާލު ހޯދަން އެނޫހުގެ ކަރެސްޕޮންޑެންޓުން ކޮކްްސް ބާޒާރުގައިވާ ރެފިއުޖީ ކޭމްޕަށް ގޮސް 100 އަށް ވުރެ ގިނަ މީހުންނާ ސުވާލުކޮށްފައިވާ ކަމަށެވެ. އެ ނޫހާ ވާހަކަ ދެއްކި ގިނަ މީހުން ބުނެފައި ވަނީ އަލުން މިޔަންމާއަށް ދާނީ އެމީހުންގެ އަސާސީ އިންސާނީ ހައްގުތަކާއި ނަސްލީ އައިޑެންޓިޓީއަށް އިހުތިރާމްކުރާނެކަން މިޔަންމާ ސަރުކާރުން ކަށަަވަރު ކޮށްދިނުމުން ކަމަށެވެ.

"އަހަރެމެންނަކީ މިޔަންމާ ރައްޔިތުންގެ ގޮތުގައި ބަލައިގަންނަން ސަރުކާރުން އެއްބަސްވާނަމަ، އަދި ރޯހިންޔާ މީހުންގެ ގޮތުގައި އަހަރެމެންގެ އައިޑެންޓިޓީ ދަމަހައްޓަން ފުރުސަތު ދޭ ނަމަ، އެނބުރި ދިއުމުގެ ދަތުރު އަހަރެން ވަގުތުން ފަށާނަން. ފަހަކަށް އައިސް ހިންގި ހަމަނުޖެހުންތަކުގައި އަހަރެންނަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދާކަށް ވެސް ނޫޅޭނަން،" ރާޚައިން ސްޓޭޓުގައި ބިންވެރިއެއްގެ ގޮތުގައި އުޅުނު އަންވަރު ހުސައިން ނޫހަށް ބުނެފައި ވެއެވެ.

ރާޚައިިންސްޓޭަޓު ދޫކޮށް ދިޔަ، އަންވަރު ފަދަ އެތައް ބައެއްގެ ބިންތައް މިޔަންމާ ސަރުކާރުން މިހާުރ ވަނީ ދައުލަތަށް ނަގާފައެވެ. އަދި ބުނެފައިވަނީ އެ ތަންތަނުގައި ދެން ކުރާނީ ދަނޑުވެރިކަން ކަމަށެވެ.

ޑާކާ ޓްރައިބިއުންއާ ވާހަކަ ދެއްކި ބައެއް މީހުން ބުނެފައި ވަނީ އެމީހުންނާ ދެކޮޅަށް މިޔަންމާ ސަރުކާރުން ހިންގާފައިވާ ޖަރީމާތަކަާށް މައާފަށް ވެސް އެދެން ޖެހޭނެ ކަަމަށެވެ. އެމީހުން އެންމެ ބޮޑަށް އެދޭ ކަމަކީ އެމީހުންނަކީ މިޔަންމާ ރައްޔިތުންގެ ގޮތުގައި ސަރުކާރުން ބަލައިގަތުމެވެ.

"އަހަރެމެން އެދެނީ އަހަރެމެންނަކީ މިޔަންމާ ރައްޔިތުންކަން ސަރުކާރުން ގަބޫލުކުރަން. ރަށްވެހިކަމުގެ ހައްގުތައް ހޯދަން އޭރުންް އަހަރެމެންނަށް ފަސޭހަވާނެ،" އުމުރުން 55 އަހަރުގެ ބާބުލް މިއާ ނޫހަށް ބުނެފައި ވެއެވެ.

ރޯހިންޔާ ދަރިކޮޅުގެ މީހުންނާ ދެކޮޅަށް މިޔަންމާ ސިފައިން ހިންގި ޖަރީމާތަކުގެ އަސްލަކީވެސް އެއީއެވެ. އެއީ މިޔަންމާ ބައެއް ކަމަށް ސަރުކާރުން ނުދެކުމެވެ. މިޔަންމާ ސަރުކާރުން ބަލަނީ އެމީހުންނަކީ ' ބަންގާޅީން " ކަމަށެވެ.

ރެފިއުޖީންނަށް އެހީވުމަށާއި އެމީހުން އަނބުރައި ގެންދިއުމުގެ ކަންތައްތައް ބަލަހައްޓަން އުފައްދާފައިވާ ކޮމިޝަނުގެ ތަފާސް ހިސާބުތައް ދައްކާ ގިތުން ރާޚައިން ސްޓޭޓުގައި ސިފަައިން ހިންގި ހަމަނުޖެހުންތަކުން ސަލާމަތްވާ އޮގަސްޓްމަހުގެ 25 ވަނަ ދުވަހުން ފެށިގެން މިހިނގާ ނޮވެމްބަރުމަހުގެ 24 ވަނަ ދުވަހާ ހަމައަށް ބަންގްލަދޭޝަށް އައި މީހުންގެ އަދަދަކީ 631500 (ހަލައްކަ ތިރީސް އެއްހާސް ފަސްސަތޭކަ) އެވެ.

ސެޓެލައިޓް ފޮޓޯތަކަށް ބިނާކޮށް، ހިއުމަން ރައިޓްސް ވޮޗް އިން ބުނެފައި ވަނީ ރޯހިންޔާ މީހުން ދިރިއުޅުނު 288 އަވަށެއް ވަނީ އެކުގައި ނުވަތަ ވަކި ވަރަކަށް އަންދާލާފައެވެ.

ރޯހިންޔާ މީހުންނަކީ ބައިމަދު ނަސްލުތަކުގެ ތެރެެއިން އެންމެ ބޮޑު އަނިޔާއަކާ ކުރިމަތިވެފައިވާ ނަސްލު ކަމަށް އދ. އިން ވަނީ ކަނޑައަޅާފައެވެ. އެމީހުންނަކީ މިޔަންމާ ރައްޔިތުން ކަމަކަށް އެގައުމުގެ ސަރުކާރުން ނުބަލައެވެެ.