ކުޅިވަރު

މެސީއާ އެއްބަސްވުމުގައި ސޮއިކުރުން ރަސްމީކޮށް ބާއްވައިފި

Nov 25, 2017

މިއަދު ރަސްމީކޮށް ސޮއި ކުރުމުގެ ރަސްމިއްޔާތު ބޭއްވި ނަމަވެސް، މެސީ ވަނީ މީގެ ކުރިން ބާސާގެ އެއްބަސްވުމުގައި ސޮއި ކޮށްފަ އެވެ. މަދު ވަނީ ބާސާގެ ރައީސް ޖޯސެފް މާރިއާ ބާޓޮމެއު އާއެކު ނަގަންޖެހޭ ފޮޓޯ ގަނޑެވެ.

މިދިޔަ މަހު ބާޓޮމެއު ވިދާޅުވެފައި ވަނީ މެސީ ބާސާއަށް ސޮއި ކޮށްފައިވާ ކަމަށެވެ. ބާސާގެ އެއްބަސްވުން އާ ކުރަން މެސީ އެއްބަސްވީ މި ސީޒަން ފެށުމުގެ ކުރިންނެވެ. ކުރީގެ އޮތް އެއްބަސްވުމުގެ މުއްދަތު މި ސީޒަންގެ ނިޔަލަށް ހަމަ ވާނެ އެވެ.

މެސީ ސޮއި ކޮށްފައިވާ ކަން، ބާޓަމައު ވިދާޅުވި ނަމަވެސް، އެ ރަސްމިއްޔާތުގެ ފޮޓޯ އެއް ނެތުމުން ބައެއް ފަރާތްތަކުން އެވާހަކަ ގަބޫލެއް ނުކުރި އެވެ. އެންމެ ބޮޑަށް އެކަމާ ސުވާލު އުފެއްދީ، ބާޓޮމެއު ބާސާގެ ރައީސް ކަމުން އިސްތިއުފާ ދިނުމަށް ގޮވާލާ ޕެޓިޝަނެއް އެކުލަވާލި ފަރާތްތަކުންނެވެ. އެންމެ ފަހުން ބާސާ ބޭނުންވާ ފޮޓޯ އެކުލަބުން އާންމުކޮށް ދައްކާލައިފި އެވެ.

މެސީގެ އާ ކޮންޓްރެކްޓްގެ މުއްދަތަކީ 2021 ވަނަ އަހަރުގެ ނިޔަލަށެވެ. އެ މުއްދަތާ ހަމަޔަށް ބާސާގައި އޭނާ ދެމިހުރެއްޖަނަމަ އެ ކުލަބުގައި 17 ސީޒަންގައި އޭނާ ހޭދަ ކުރާނެ އެވެ. ކޮންޓްރެކްޓްގައިވާ ގޮތުން، އެއްބަސްވުމުގެ މުއްދަތު ހަމަވުމުގެ ކުރިން އެހެން ކުލަބަކުން މެސީ ގެންދަން ބޭނުންވެއްޖަނަމަ 700 މިލިއަން ޔޫރޯ (12.855 ބިލިއަން ދިވެހި ރުފިޔާ) ހުށަހަޅަން ޖެހޭނެ އެވެ.

ކޮންޓްރެކްޓް އާ ކުރުމަށްފަހު މެސީ ބުނީ އޭނާ ކެރިއާ ނިންމާލަން ބޭނުމީ ބާސާގައި ކަމަށާއި އެއީ އޭނާ އަބަދުވެސް ބުނަމުންދާ ވާހަކައެއް ކަމަށެވެ.