ކުޅިވަރު

ޔުނައިޓެޑަށްމޮޅެއް، ޓޮޓެންހަމް އެއްވަރު

Nov 26, 2017

އިންގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑު ބްރައިޓަން ހޯވް އަލްބިއަންގެ މައްޗަށް 0-1 ކުރި ހޯދިއިރު އަމިއްލަ ދަނޑުގައި ޓޮޓެންހަމް އެއްވަރުވެ މުހިންމު ޕޮއިންޓްތަކެއް ގެއްލުވާލައިފި އެވެ.

ޔުނައިޓެޑަށް ލިބުނު ތިން ޕޮއިންޓާއެކު އެޓީމު ލީގު ތާވަލުގެ އެއްވަނަ މަގާމުގައި އޮތް ވާދަވެރި ސިޓީ އާއި މިވަނީ ފަސް ޕޮއިންޓަށް ގާތްކޮށްފައެވެ. ޔުނައިޓެޑަށް މިހާރު ލިބިފައިވަނީ 13 މެޗުން 29 ޕޮއިންޓެވެ. ނަމަވެސް ސިޓީ އަތުގައި މެޗެއް އެބައޮތެވެ. ޓޮޓެންހަމް އެއްވަރުވުމާއެކު އެޓީމު އޮތީ ތާވަލުގެ ހަތަރުވަނަ މަގާމުގައި 24 ޕޮއިންޓާއެކު އެވެ.

ޔުނައިޓެޑުން މެޗުގެ ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް އެންމެ އެދެވޭ ހަމަލާތަކެއް އުފެއްދިފައެއްނުވެ އެވެ. އެއާ ހިލާފަށް ބްރައިޓަންއަށް ލިބުނު ފުރުސަތުތަކުގައި އެޓީމު ޔުނައިޓެޑުގެ ގޯލަށް މާބޮޑަށް ނުރައްކާކޮށްފައިވެ އެވެ.

ޔުނައިޓެޑާއި ބްރައިޓަން ބައްދަލުކުރި މެޗުގެ ހަމައެކަނި ލަނޑު ފެނިގެންދިޔައީ މެޗުގެ 66 ވަނަ މިނިޓުގަ އެވެ. ޔުނައިޓެޑަށް ލިބުނު ކޯނަރެއް ބްރައިޓެންގެ ކުޅުންތެރިޔަކު ސާފުކޮށްލި ނަމަވެސް އެބޯޅަ ލިބުނީ އޭރިޔާ ބޭރުގައި ހުރި އެޝްލީ ޔަންގް އަށެވެ. އޭނާ ކޮންޓްރޯލްކޮށްލުމަށްފަހު ފޮނުވާލި ބޯޅަ ގޯލްގެ ތެރެއަށް އޮއްސުނީ ބްރައިޓަންގެ ލުއިސް ޑަންކް ފައިގައި ޖެހިފައެވެ.

ޔުނައިޓެޑުން ގޯލް ޖެހުމާއެކު ބްރައިޓައިން ޓީމު ކުރިއަށް ޖައްސައިގެން ކުޅެން ފެށި ނަމަވެސް ގޯލެއް ކާމިޔާބުކުރެވޭ ގޮތެއް ނުވި އެވެ. މެޗުގެ ފަހު ކޮޅު ޔުނައިޓެޑަށްވެސް ކައުންޓާ އެޓޭކުގައި ނަތީޖާ ފުޅާ ކުރުމަށް ރަނގަޅު ފުރުސަތުތަކެއް ލިބުނު ނަމަވެސް އެޓީމަށްވެސް އެފުރުސަތުތަކުގެ ބޭނުން ހިފޭގޮތެއް ނުވި އެވެ.

ޓޮޓެންހަމް އާއި ވެސްޓް ބްރޮމް ބައްދަލުކުރި މެޗުގައި ވެސްޓް ބްރޮމްއިން ވަނީި މެޗުގެ ވަރަށް ކުރީ ކޮޅު ލީޑު ނަގާފަ އެވެ. މެދުތެރެއިން ޑެލީ އަލީ އަތުން ބޯޅަ ހޯދުމަށްފަހު ވެސްޓް ބްރޮމްގެ ކުޅުންތެރިޔަކު ކުޅުނު ބޯޅަ ހިފައިގެން ޓޮޓެންހަމްގެ އޭރިޔާ ތެރެއަށް ވަދެ މަޑުމަޑުން ގޯލްގެ ދުރުކަނަށް ބޯޅަ ފޮނުވާލައިގެން ސޮލޮމޮން ރޮންޑޮން ވެސްޓް ބްރޮމްއަށް ލީޑު ނަގައިދިނެވެ.

ޓޮޓެންހަމް ބަލިވާން ދަނިކޮށް މެޗުގެ 74 ވަނަ މިނިޓުގައި ޑެލީ އަލީ ނަގައިދިން ހުރަހަކުން ކޭން ޓޮޓެންހަމް މެޗުގެ ތެރެއަށް އަލުން ގެނެސްދިނެވެ. ނަތީޖާ އެއްވަރުކުރުމަށްފަހު ޓޮޓެންހަމްއިން އިތުރު ގޯލެއް ކާމިޔާބުކުރުމަށް މަސައްކަތް ކުރި ނަމަވެސް ވެސްޓް ބްރޮމްއިން ވަނީ ޓޮޓެންހަމް ހިފަހައްޓާފަ އެވެ.