ވާހަކަ

މިންނުގެ ޑައިރީ

(23 ނޮވެމްބަރ 2017 އާ ގުޅޭ)
އެކަނިވެރިކަމާއި ހަމަހިމޭން ވަގުތުކޮޅުތަކަކީ އަހަރެންނަށް ކުޑަނަމަވެސް ހިތްހަމަޖެހުމެއް ގެނެސްދޭ އެކުވެރިންކަމުގައި ވެ ނިމެއްޖެއެވެ. ވެއްޓުނު އަނދަވަޅު ހައްތަހާ ވަނީ ފުނެވެ. ވަށައިގެންވާ އަނދިރިކަން އަލިކަން ފަނޑުކުރަމުން ދަނީއެވެ.



ހައިކަލް ބޭނުންވި ފަދައިން އޭނާގެ ހައްޤަކަށް އަހަރެން ވެ ނިމުނީއެވެ. އެހެންނަމަވެސް އަހަރެންގެ ހިތާއި އަހަރެންގެ ޚިޔާލުތަކާއި އަޒާން ވަތްކެއް ނުވެއެވެ. މި ފަހަކަށް އައިސް ހިތާއި ސިކުނޑީގައި އެނބުރޭ ޚިޔާލަކަށް ވެފައި އޮންނަނީ އަޒާން މިހާރު އުޅޭނީ ކޮންހާލެއްގައި ކަމެވެ. އޭނާ ހުންނާނީ އުފަލުން ބާއެވެ. އަހަރެންގެ މަތިން އަޒާން ހަނދާން ކުރާނެބާއެވެ. އަހަރުމެން ދެ މީހުން އެކުގައި ހޭދަކުރި ވަގުތުތައްމަތިން އޭނަ އަދިވެސް ހަނދާން ހުންނާނެ ބާއެވެ. އަޒާންގެ ކައިވެނި އުފާވެރިބާއެވެ. ނޫނީ އޭނާ އަދިވެސް ހުރީ އެ ކައިވެނި މަތީބާއެވެ. މިފަދަ ސުވާލުތަކުން އަހަންނަށް ލިބޭ ނުތަނަވަސްކަން އިންތިހާއަށް އިތުރުވެއެވެ. އަޒާންގެ ޚަބަރެއް ހޯދަން އަހަރެން ބޭނުންވަނީ އެހެންވެއެވެ. ބައެއްފަހަރަށް އޭނާގެ ކައިވެނި ރޫޅޭނެނަމައޭ ވެސް ހިތައް އަރައެވެ. އޭރުން ދަރިފުޅު ހައިކަލްއަށް ދީފައި އަޒާންގެ ގާތަށް ދާށެވެ. ހައިކަލްއަށް އެކަން ބުރައަކަށް ހެދުމަށެވެ. އޭނާގެ ކަސްދޮޅުތަކުން މިނިވަން ވާށެވެ. ނަމަވެސް އެހާ ހިތްވަރެއް އަހަރެންގެ ނެތެވެ. ދަރިއަކު ހުރިކަން އެނގި އެ ދަރިފުޅު އެއްލާލާފައި އަޒާންގެ ގާތަށް ހިނގައްޖެނަމަ އޭނާ އަހަންނާ މެދު ދެކޭނީ ކިހިނެއްކަން ހިތަށް އަރަނީއެވެ. ޔަގީނުން ވެސް ދަރިފުޅު މަރާލާކަށް އަހަންނަކަށް ނުކެރޭނެއެވެ. އެ ދަރިފުޅު ގޮވައިގެން އަޒާންގެ ގާތަށް ދާކަށް އަހަރެން ބޭނުމެއްނޫނެވެ. އަނެއްކޮޅުން ހައިކަލް އަހަރެން އެގޮތަށް މިނިވަންކަމާއެކު ދިޔަ ދޭނެއެކޭ އަހަރެންގެ ޟަމީރު އެއްބަހެއްނުވެއެވެ.

އަހަރެންގެ ފިކުރުތަކުން ދުރުކޮށްދޭ ފަރާތަކަށް ބަނޑުގައިވާ ދަރިފުޅު ވެއެވެ. އެ ދަރިފުޅު އަހަރެންގެ ހިތާމައިގައި ބައިވެރިވާހެން ވެސް އަހަންނަށް ބައެއްފަހަރު އިހްސާސް ކުރެވެއެވެ. އަހަރެން ހިތްދަތިވެ ރޮވޭ ވަގުތުތަކުގައި ބަނޑުގައި އޮވެ ތޮޅިލާ ތޮޅުލުމުން ވެސް އަހަރެންގެ ރުއިން ހުއްޓިގެންދެއެވެ. ފުރަތަމަ އެ ދަރިފުޅުގެ ހަރަކާތްތައް އިހުސާސް ކުރެވުނު ދުވަހުން ފެށިގެން އެއީ އާދައަކަށް ވެއްޖެއެވެ. އަހަރެން ގިނައިރު ރުއިމަކީ އެ ދަރިފުޅު ބޭނުންވާ ކަމެއް ނޫން ކަހަލައެވެ.

* * * *

އަހަރެންގެ ހަޔާތުން ދުވަސްތަށް ފާއިތުވެ އެބަދެއެވެ. ވާރޭވެހުމަށްފަހު އަވިދިން ދުވެހެކެވެ. ނަމަވެސް ފަޒާގައިވަނީ ހޫނުކަމުގެ ބަދަލުގައި ފިނިކަމެއް ހިފާލާފައެވެ. ގޭތެރޭގެ މަސައްކަތް ކުރަން ކޮންމެ ދުވަހަކު އިންޑިއާގެ ރައްވެއްސެއް އާދެއެވެ. ދެން އުޅޭނީ ގެ ބަލަހައްޓާ މީހާއެވެ. ގޭގައި އޮންނަ ބޮޑު ބަގީޗާ ބަލަހައްޓަނީ ވެސް އޭނާއެވެ. އަހަންނާއި ހައިކަލްއަކީ އެންމެންގެ ކުރިމަތީގައި ވެސް ދެމަފިރިންނެވެ. އެހެންނަމަވެސް އަހަރުމެން ދެ މީހުންނަކީ ހަޤީޤަތުގައި ދުރުހިލޭ ދެ މީހުން ފަދައެވެ.

ހެނދުނުގެ ސައި ކުރިއަށް ދިޔައީ ހެނދުނު ނުވައެއް ޖެހިފަހުން ކާކޮޓަރިތެރޭގައެވެ. ފަތިހު ހޭލެވުނެއްކަމަކު ދެ ފަހަރު ހޮޑުލެވި ބޮލުގައި ވެސް ރިއްސާތީ އަހަންނަށް ތެދުވެ އުޅޭން އުނދަގޫވީއެވެ. އަހަންނާއެކު ނޫނީ ސައިނުބޯން ހައިކަލް ވެސް މަޑުކޮށްގެން އިނީއެވެ. އެހެންވެ އަހަންނަށް ތެދުވޭވަރު ވުމުން އޭނާ އަހަރެންގެ ގޮވައިގެން ކާކޮޓަރިއަށް އައީއެވެ. އަހަންނާއެކު ކާމޭޒު ދޮށުގައި ހައިކަލް ވެސް އިނެވެ.

ހައިކަލް: "މިއަދު މޫސުން ވަރަށް ރީތި. ބޭރަށް ގޮސްލަން ހިނގާ. ޝޮޕިން ވެސް ކުރަންވެފައެއްނު ހުރީ. މިންނު ވިހަން ކައިރިވެފައި ތި އިނީ. އަހަރެން ބޭނުން މިންނުއަށާއި ބޭބީއަށް ބޭނުންވާނޭ އެއްޗެހި ހޯދާފައި ބަހައްޓަން"

ސައިބޯން އިނދެ ކާކޮޓަރީގައި ހުޅުވާފައި ހުރި ބޮޑު ކުޑަދޮރުން ބޭރު ބަލަހައްޓައިގެން އިނދެފައި ހައިކަލް ވާހަކަދައްކަން ފެށިއެވެ. އޭނާ ދެއްކި ވާހަކަތައް އަހަންނަށް ޤަބޫލުކުރެވެއެވެ. އަހަރެންގެ އަތުގައި މިހާރު ގިނައީ މާބަނޑު ހެދުންތަކެވެ. ވިހައިގެން ލާނޭ ހެނދުންތަކެއް ނެތެވެ. ދަރިފުޅަށް ބޭނުންވާ އެއްވެސް އެއްޗެއް އަހަރުމެން އަދި ނުގަންނަމެވެ. ހޮސްޕިޓަލަށް ދާ ދުވަހެއްގައި ވިއްޔާ ފިހާރަތަކަށް ވަންނާން ހައިކަލް އެދެއެވެ. އެއިން ކޮންމެ ފަހަރަކު ވެސް ދެކޮޅު ހަދަނީ އަހަންނެވެ. މިފަހަރު ވެސް ހައިކަލްގެ ވާހަކައަށް ނޫނެކޭ ބުނީ އަހަންނެވެ. ހަމަ ގަސްދުގައެވެ. ގޭގައި އިނދެއިނދެ އަހަރެން ވެސް ފޫހިވެއެވެ. ރާއްޖޭން ބޭރަށް އާދެވުނު ފުރަތަމަ ފަހަރުވިއްޔާއެވެ. އެކި ތަންތަން ބަލާލާ ހިތްވެއެވެ. އެހެންނަމަވެސް ހުރިހާ މައްސަލައަކީ އަހަންނާއެކު އެ ހުރިހާ ކަމެއް ކުރާން ހުރި މީހާއެވެ. ހައިކަލްއާއެކު ހިތް އުފާވާ ކަހަލަ އެއްވެސް ކަމެއް ކުރާން އަހަރެން ބޭނުންނުވަނީއެވެ. އަމިއްލަ ޟަމީރަށް އެކަމުން ތަކުލީފު ލިބޭތީއެވެ. އަހަރެން އެއްބަސް ނުވުމުން ދެވަނަ ފަހަރަށް ވެސް އަހަރެން ރުއްސަން އުޅޭ މީހަކު ފަދައިން ހައިކަލް ވާހަކަދެއްކިއެވެ.

ހައިކަލް: "މިންނު! އަހަންނަށް ވެސް ދަރިއަކު ލިބެން މިއުޅެނީ ފުރަތަމަ ފަހަރަށް. އެނގޭ އެހެން ދެމަފިރިންނަށް އަލަތު ދަރިފުޅު ލިބޭ ހާލަތާއި އަހަރުމެންގެ ހާލަތު ތަފާތުކަން. އަހަންނަށް... އަހަންނަށް ކުރެވުނީ ކުށެއްކަން އެނގޭ... ސްޓިލް މިންނު!... އައި ލަވް..."

ހައިކަލްގެ ވާހަކަތަކަށް އަހަންނަށް ކެތްނުކުރެވުނީއެވެ. މޭޒުމަތީ ހުރި ފެންތަށީގައި ޖެހުނީ އެއްޗެއް ފޮޅާލާ އުސޫލުންނެވެ. ތަޅުންމަތީ ޖެހުމާއެކު ބިއްލޫރިތައް ފުނޑުފުނޑުވެގެން ދިޔަ އަޑު އިވިގެން ދިޔައެވެ. ހަމައެވަގުތު ހައިކަލްގެ ކަންބޮޑުވުމުގެ އަޑުން އަހަރެންގެ ނަން ބާރަށް ކިޔާލިއެވެ. ހައިކަލް ކުރި މުޑުދާރު ޢަމަލުގެ މަތިން އަހަރެން ހަނދާނެއްނުނެތޭނެއެވެ. އެއީ އަހަރެންގެ ހަށިގަނޑުގައި އުފެދުނު ރޯ ފާރުގަނޑެކެވެ. ފަސޭހަވުމެއްނެތެވެ. އޭނާގެ ދުލުން އެ ވާހަކަ އިވުމަކީ އަހަރެންގެ ކެތްތެރިކަމާއި ރުޅީގެ މައްޗަށް އޮންނަ ބާރު ނެތިގެންދާ ކަމެވެ. އެ ބިއްލޫރި ތަށިން ބޭނުންވީ ހައިކަލްގެ މޫނުގައި ޖަހާށެވެ. އައި ގަދަ ރުޅީގައި މުޅި މީހާ ތުރުތުރު އަޅާލިއެވެ. ފުންމައިގެން ތެދުވި ގޮތަށް އަހަރެން އައީ ކޮޓަރިއަށެވެ.

ގަދަ ރުޅިއަކީ އިންސާނާއަށް ހެވެއް އެދޭނޭ އެއްޗެއް ނޫނެވެ. އެނދުގައި އިށީނދެ އިނދެ ފުންނޭވާތަކެއް ލަމުން ދިޔައީ މީހާ ހަމައަށް އެޅޭށެވެ. އެހެން އިންދާ ކޮޓަރީގެ ދޮރު ހުޅުވާލާފައި ވަނީ ހައިކަލްއެވެ. އޭނާގެ މޫނުމަތިން ހިތްހަމަނުޖެހިފައި ހުރި ކަމުގެ އަސަރު ފާޅުވޭވޭ ހުއްޓެވެ. ނަޒަރު ސީދާވިހާ އަވަހަކަށް އަހަރެން އިސްޖަހާލީމެވެ. އެއާއެކު ހައިކަލް ވާހަކަދައްކަން ފެށިއެވެ.

ހައިކަލް: "އެންމެ ފަހަރަކު ވެސް އަހަރެން ބުނާގޮތް ހެދިއްޔާ ކީއްތަވާނީ. އަހަރެން މިންނުއަށް މަޖުބޫރެއް ނުކުރަމެންނު. އަހަންނާ ވާހަކަ ދައްކަބަލަ... މިންނުއަށް އަޑުއިވޭތަ؟ ބޭބީ ލިބެންވާއިރަށް އެއްޗެހި ވެސް ހޯދަން ޖެހޭނެއެއްނު"

ހައިކަލްއާ ދިމާއަށް އަހަރެން ބަލާލީ ނުރުހުމާއެކުއެވެ. އޭނާއާ ވާހަކަދައްކަން ބޭނުންނުވާ ވާހަކަ ބުނެ ހަޅޭލަވައިގަތީމެވެ. ހައިކަލް ނުރުހޭނެހެން ހީވާ ހުރިހާ އެއްޗެއް އޭނާއާ ދިމާއަށް ގޮވީމެވެ. ކުއްލިއަކަށް ދޮރުހުޅުވާލާފައި ހައިކަލް ނުކުމެ ބަންލާފައި ދޮރުޖެހިއެވެ. އޭނާ އެ ދިޔައީ ރުޅި އައިސްގެންކަން އަހަންނަށް ޔަގީންވެއެވެ. އަހަރެން ވެސް އިނީ އިންތިހާއަށް ރުޅި ގަދަވެއެވެ. އެހެންވެ އެންމެފަހުން އެނދުގައި އޮށޯވެލީ ރުޅި މަޑުކުރުމަށެވެ. އެހެން އޮތްވާ އަހަންނަށް ނިދުނީއެވެ.

ފަހަކަށް އައިސް މުޅި ދުވަސް އެކުގައި މިދަނީ މިކަހަލަ ގޮތަކަށެވެ. ކޮންމެވެސް ކަމަކާ ކޮންމެދުވަހަކު ވެސް އަހަރެން ދެބަސްވަމެވެ. ހައިކަލް ރުޅިއަރުވާލަމެވެ. އެކަމުން އަހަންނަށް ހިތްހަމަޖެހުން ލިބެއެވެ.

އަހަރެންގެ ހަޔާތާ ބެހޭ ހުރިހާ ވާހަކައެއް ތިޔަ އެކުވެރިޔާގެ ސަފުހާ ތަކުގައި ބަރާބަރަށް ނުލިޔެވެނީ އެއްވެސް ކަމެއް ކުރާހިތްނުވެފަ ހުންނާތިވެގެންނެވެ. އެކަނިވާނޭ ކިތަންމެ ވަގުތެއް ލިބެއެވެ. ތި އެކުވެރިޔާއާ ޚިއްޞާކޮށްފައިވާ އަޒާންގެ ހަނދާންތައް ކިތަންމެ ދުވަހަކު ކިޔާލެވެއެވެ. އެއީ ކިހާ އުފާވެރި ދުވަސްތަކެއްހެއްޔެވެ. ހިނިތުންވެލެވުނަސް އެ ހިނިތުންވުމަކީ އަޒާންގެ ހަނދާންތަކާއި ގުޅިފައިވާ ރަމްޒެކެވެ.

* * * * *

މިއަދު ޚިއްޞާ ކުރާން މިއުޅެނީ ވަރަށް ޚާއްޞަ ކެމެވެ. އެތައް ދުވަހެއްގެ ވާހަކަތައް މެދު ކެނޑުމަށްފަހު ހަޔާތުގެ ދަތުރު މުޅިން އާ ދިމާއަށް މިސްރާބު ފެށީއެވެ. އެތަށް ދުވަހެއްގެ އިންތިޒާރު ނިމުމަކަށް އައުމުން އަހަރެން ވަރަށް އުފާވިއެވެ. ނަމަވެސް ނުވަ މަސް ފުރެން ދެ ދުވަސް އޮތެވެ. އަހަރެން މަންމައަކަށް ވީއެވެ. ފަތިހުގެ ވަގުތުގައި އަހަރެންނަށް ލޯބިލޯބި ފިރިހެން ދަރިއަކު ލިބިއްޖެއެވެ. ބުނެދޭން ނޭގޭހާ ވޭނުގައި އުޅެނިކޮށް އެ ދަރިފުޅުގެ ރޯލުމުގެ އަޑު ކަންފަތުގައި ޖެހުމުން އެ ވަގުތު އެ ކުރެވުނު އިހްސާސް ބަޔާން ކޮއްދިނުމަށް އަހަރެންގެ ދޫ ނުކުޅެދުންތެރިވިއެވެ. އެ ވަގުތު ހިތަށް ލިބުނު ހިތްހަމަޖެހުން އަހަރެން އެ ދަރިފުޅު ދުނިޔެއަށް ގެނައުމަށް ހޭދަކުރި ބުރަދުވަސްތައް މަތިން ވެސް ހަނދާންނައްތާލި ކަހަލައެވެ.

ސާފު ކޮއްލާފައި ގެނެސް އަހަރެންގެ މޭމަތީ ބާއްވާލި ދަރިފުޅު ފެނުމާއިއެކު އަހަރެންގެ ދެ ލޮލުން ކަރުނަ އައީ އެއްވެސް އިޚުތިޔާރެއް ނެތިއެވެ. ގާތުގައި ތިބި ނަރުސް ކުދީންނާއި ޑަކްޓަރު ވެސް އުފާ ފާޅުކުރިއެވެ. ދުރުގައި ހައިކަލް ބަލަން ހުއްޓެވެ. އޭނާގެ ދެ ލޯ ވެސް އެ ތުއްތު ކުއްޖާ ތެތްމާލައިފިއެވެ. ކުރިން އަހަރެން ތަހައްމަލު ކުރަމުންދިޔަ ވޭނުގެ ސަބަބުން ކަންބޮޑުވެފައިވި ހައިކަލްގެ މޫނުމަތިން ހިނިތުންވުން ފެންނަމުންދިޔައެވެ.

ވިހެއިތާ އިރުގަނޑެއް ފަހުން ހޮސްޕިޓަލުގެ ކޮޓަރިއަކަށް އަހަރެން ބަދަލުކުރިއެވެ. ހައިކަލް ދަރިފުޅާ ދުރަށް އެންމެ ހިނދުކޮޅަކަށް ވެސް ނުދެއެވެ. އަހަންނަށް ހިތާ ހިތުން އެއީ އަހަރެންގެ ދަރިއެކޭ ބުނެލެވުނީ ކީއްވެކަމެއް ނޭނގެއެވެ. އެ ކުއްޖާއަށް ލޯބިދޭނީ އަހަރެން އެކަނިކަމުގައި ހިތަށްއެރީއެވެ.

ވިހައިގެން ހޮސްޕިޓަލިގައި ހޭދަވި ދުވަސްތަކަކީ އަހަރެންގެ އުދާސްކަން ކުޑަވެ ހިސާބެއްގެ ހަމަޖެހުމެއް ނަފުސަށް ވެރިކުރުވި ދުވަސްތަކެކެވެ. އަހަރެން ބޭނުންވަނީ އަވަހަށް މާލެ ދާށެވެ. އުފަންވި ދަރިފުޅު އަހަންނަށް ދިން އުފާވެރިކަން ސުހައްތައާ ޚިއްޞާކުރަން އަހަރެން ބޭނުންވަނީއެވެ. އެތަށް ދުވަހަކަށްފަހު އަހަންނަށް ހިތްހަމަޖެހުމެއް ލިބުނީމައެވެ. މިހާރު ސުހައްތަ ވެސް ވިހާނެކަން ޔަގީނެވެ. ލިބުނީ ކޮންކަހަލަ ކުއްޖެއްތޯ ބަލާލަން ވަރަށް ބޭނުމެވެ. އަނެއްކާ އަހަރެންނަށް ލިބުނު ފަދަ ފިރިހެން ކުއްޖެއް ބާއެވެ. ނޫނީ އަންހެން ކުއްޖެއް ބާއެވެ.

* * * * *

އަހަރެންގެ އުންމީދުތައް ފުރިހަމަ ކޮށްދިނުމަށް ހައިކަލް މަސައްކަތްކުރެއެވެ. އަހަރެން އެވަރު ނުދަނަސް އެކަމާ ފަރުވާލެއް ނުހުރެއެވެ. ހޮސްޕިޓަލުން ގެއަށް ބަދަލުކުރިތާ މާ ގިނަ ދުވަހެއް ނުވެއެވެ. އަހަރުމެން ދެމައިން ގޮވައިގެން ހައިކަލް މާލެ ބަދަލުވީއެވެ. ހައިކަލްގެ ގެއަށެވެ. ނަމަވެސް އަހަރެންނަށް ސުހައްތައާ ބައްދަލުކުރަން ދާކަށް ނުކެރުނެވެ. އެތަކެއް ސުވާލެއް ކުރިމަތިވާނެކަން އެނގޭތީއެވެ. ސުހައްތައަކީ ނުވިސްނޭ މީހެއްނޫނެވެ. އަހަންނަށް ލިބިފައިވާ ކުޑަކުޑަ ހިތްހަމަ ޖެހުމާ އުފާވެރިކަން އެ ސުވާލުތަކުން ގެއްލިދާނެ ކަމުގެ ބިރުހީވީއެވެ. ޢާއިލާ މީހަކަށް ސުހައްތަ ނޫނީ އަހަރެންގެ ދެވަނަ މީހަކު ނުހުންނާނެއެވެ. އެކުވެރިންތަކެއް އަހަރެންގެ ނެތެވެ. އަނެއްކާ ވެސް އަހަރެންގެ އެކަނިވެރިކަން ހަޔާތަށް އަތްގަދަ ކުރީއެވެ. ހިމޭން ދިރިއުޅުމަށް އެނބުރި އަންނަން މަޖުބޫރުވީއެވެ.

މާލެ އައިތާ ހަފުތާއެއް ފަހުން ދަރިފުޅަށް ނަންކީމެވެ. އެއްވެސް ޚާއްޞަ ކަމެއް ނެތެވެ. ޙަފުލާއެއް ބޭއްވުމެއްނެތެވެ. ގާތް ތިމާގެ މީހުން އައުމެއް ނެތެވެ. ނަމަވެސް ކުރަންޖެހޭ ހުރިހާ ކަމެއް ހައިކަލް އެންމެ ފުރިހަމައަށް ކުރިއެވެ.

އަހަރެންގެ ދަރިފުޅަށް ކީ އަހަންނަށް ކަމުދިޔަ ނަމެކެވެ. އަހަރެންގެ އެއްވެސް ނިންމުމަކަށް ހައިކަލް ދެކޮޅެއް ނަހަދައެވެ. ހައިކަލްއަށް ވެސް ނަން ވަރަށް ކަމުދިޔައެވެ. އަހަރެންގެ ހިތްހަމަޖެހުން ކަމުގައިވި އެ ލޯބިލޯބި ފިރިހެން ދަރިފުޅަށް ޒޭންގެ ނަމުން ނަންދިނީއެވެ. އެ ހަފްލާގައި އެ ދަރިފުޅަށް ޓަކައި ޒޭންގެ މަންމައާއި ބައްޕަ އޭނަގެ ގާތުގައި ތިއްބެވެ. ޒޭން އުރާލާ ކޮންމެ ފަހަރަކު ހައިކަލްގެ މޫނުމަތިން ބައްޕައަކަށް ވުމުގެ އުފާވެރިކަން ފާޅުވެއެވެ. ތަފާތު ހިނިތުންވުމެއް ވާއިރު އެ ދެލޮލުގެ ވިދުން ގަދަވެއެވެ. އޯގާތެރިކަމުގެ ސިފަ ފާޅުވާހެން ހީވެއެވެ. އެ ދަރިފުޅު ދުނިޔެއަށް އުފަންވުމާއެކު އަހަންނާއި ހައިކަލްގެ ހުރިހާ ސަމާލުކަމެއް އަތުލައިފިއެވެ. ޒޭން އުރާލައިގެން އެ ދަރިފުޅަށް ލޯބިކުރާން ހައިކަލް އިންނަ މަންޒަރު ބަލަން އަހަންނަށް އިނދެވެއެވެ. އަހަރެން ޤަބޫލުކުރާން ބޭނުންނުވިޔަސް އެއީ ހިތްގައިމު މަންޒަރެކެވެ. ހިތަށް އުފާވެރިކަން ގެނެސްދޭފަދަ މަންޒަރެކެވެ.

* * * * *

މިންނުގެ ޑައިރީ ކިޔަމުންދިޔަ ޔާނާ ކުއްލިއަކަށް ޑައިރީ ކިޔުން ހުއްޓާލިއެވެ. ޒޭންއާ ދުރަށް ޔަނާ ޖައްސާލުމުންނެވެ. ޑައިރީ ހިފަހައްޓާލައިގެން އިނދެ ޒޭންގެ މޫނަށް ޔާނާ ބަލާލިއެވެ. ކަކުލުގައި ދެ އުޅަންބޮށިކޮޅު ވިއްދާލުމާއެކު ޒޭން ނިކަން އަވަހަށް ދެއަތުގެ ތެރޭ މޫނު ފޮރުވާލިއެވެ. ދެފަރާތަށް ބޯހޫރުވާލިއެވެ. މިވަގުތު ޒޭންގެ ހިތާއި ސިކުނޑިއަށް އެތައްކަމެއް އަރާފައިބަމުންދިޔައެވެ. ހިފަހައްޓަން މަސައްކަތްކުރި ކަމުގައިވިޔަސް ޒޭންގެ ދެ ލޯ ދިޔައީ ކަރުނުން ފުރެމުންނެވެ. ޔާނާ އަވަސް އަވަހަށް އަތުގައި އޮތް ޑައިރީ އެއްފަރާތް ކޮއްލުމާއިއެކު ޒޭންގެ ކޮނޑުގައި ހިފާލިއެވެ.

"ޒޭން، ވަޓް ހެޕަން؟... ވާހަކަ ދައްކަބަލަ، ބުނެބަލަ ކޮންމެވެސް އެއްޗެއް، ޕްލީޒް ޒޭން..." ޒޭންގެ ކޮނޑުގައި އެއް އަތުން ހިފާ ތަޅުވާލަން މަސައްކަތް ކުރަމުން ޔާނާ ބުންޏެވެ. ޒޭން އެއްޗެއް ނުބުނެ އިނުމުން ޔާނާ ކަންބޮޑުވަނީއެވެ. ފަނަރަވަރަކަށް މިނެޓު ފާއިތުވެގެން ދިޔައިރު ވެސް ޒޭން އިސްއުފުލާ ބަލާނުލިތާ ދުލުން ބަހެއް ވެސް ބޭރުކޮށްނުލިއެވެ. ޒޭން ރޮނީކަން ޔާނާއަށް ޔަގީންވެއެވެ. އޭނަގެ މަޑު ގިސްލުމުގެ އަޑު ޔާނާގެ ކަންފަތުގައި ޖެހުނީ އެވަގުތުއެވެ. ޔާނާ ހާސްވެ ކަންބޮޑުވުމުގެ އިތުރުން ދެރަ ވެސް ވެއްޖެއެވެ. އޭނާގެ ލޮލުން ވެސް ކަރުނަ ހިލިއްޖެއެވެ. ޔާނާ ތެދުވެ ޒޭންގެ ކުރިމަތީ ހުއްޓި އޭނަގެ ބޮލުގައި ފިރުމަންފެށިއެވެ. ނުރޯށޭ ބުނަން ވެސް ޔާނާއަށް ނުކުރުނެވެ. ޒޭންގެ ހިތުގައި މިވަގުތު ހިނގަމުން އެ ދަނީ ކޮންފަދަ އޮއެވަރެއްކަމެއް ޔަގީން ކުރަން ނޭގުނު ނަމަވެސް ޑައިރީގައި ވާ ހަޤީޤަތަކީ ޔާނާއަށް ވެސް މިހާރު އެނގިފައިވާ އެއްޗެކެވެ. މިންނު އެ ބުނާ ޒޭންއަކީ އޭނާގެ ކުރިމަތީގައި އިން ޒޭނެވެ. މިހާ ދުވަހު ދޮންމަ ކަމުގައި ޒޭން މުޚާތިބު ކުރަމުން އައި އަންހެން މީހާއަކީ ޒޭންގެ އަސްލު މަންމައެވެ.

"ޔާން!... އަހަރެންގެ... މަންމަ..." ގިސްލުމަކާއެކު ލީ ފުންނޭވާ ހީވީ ޒޭންގެ އަނގައިން ނުކުތް އާހެއްހެންނެވެ. އޭނާ ކުއްލިއަކަށް ކުރިމަތީ ހުރި ޔާނާގެ އުނަގަނޑުގައި ބައްދައިގަތެވެ. އެ ހިނދި ބަނޑާ ދިމާލުން ޒޭންގެ މޫނު ފޮރުވާލިއެވެ. އެއާއެކު ޒޭންގެ ކަރުނައިން ޔާނާގެ ނަރުސް ޔުނީފޯމުން ބައެއް ތެމެމުންދިޔައެވެ. ނަމަވެސް ޒޭން ހުއްޓުވާކަށް ޔާނާ ބޭނުމެއްނޫނެވެ.

އިރުކޮޅެއްފަހުން ޒޭންގެ އަމިއްލަ ނަފްސަށް އޭނަ ބާރު ފޯރުވާ މިހާ ހަމައަކަށް އެޅުނެވެ. ޔާނާގެ އުނަގަނޑުން ދޫކޮއްލުމަށްފަހު ކުރިން ވެސް އިންގޮތަށް ދެކަކޫގައި އުޅަންބޮށި ވިއްދާލައިގެން އެއްއަތް އަނެއްއަތުގެ ތެރެއަށް ލައި ޖޯޑުކޮށްލައިގެން އިސްޖެހިފައި ޒޭން އިނެވެ. އޭނާގެ ސިކުނޑީގައި އެނބުރެމުން ދިޔަ މަންޒަރަކީ މިންނު ބަލިއެނދުގައި އޮތް މަންޒަރުތަކެވެ. ޒޭންގެ ކަންފަތުގައި ގުގުމަމުން ދިޔައީ މިންނު މާފަށް އެދި ދެއްކި ވާހަކަތަކުގެ އަޑެވެ. މިއޮއްހުރިހާ ދުވަހު އޭނާ ދޮންމަންމަ ކިޔަމުން ދިޔައީ ޚުދު އޭނަ ބަނޑުއަޅައި ވިހެއި މައިމީހާއަށްކަން އެނގުމުން އަނެއްކާ ވެސް އެ ދެ ލޮލުން ކަރުނައައެވެ. އެކަމަކު އެއްއަތުން އެކަރުނަތައް ފޮހެމުން ޒޭން ދިޔައެވެ. ޒޭންދެކެ މިންނު އެހާ ލޯބިވާ ކަމަށް ބުނާއިރު އޭނާ ބާކީ ކޮއްލީ ކީއްވެބާއޭ އަދިވެސް އެ ހިތް ސުވާލުކުރެއެވެ. މިންނުގެ އެ ޢަމަލުގެ ހަޤީޤަތް ހޯދަން ޒޭން ބޭނުންވެއެވެ.

ހަށިފުރާ ލީ ފުންނޭވާއާއެކު ޒޭންގެ ހިތުގައިވި ހުރިހާ ކަމެއް ޔާނާއަށް ފޮރުވާލިއެވެ. އަދި އިންގޮތަށް އިނދެ ޔާނާގެ ގާތުން އެދުނީ މިންނުގެ ޑައިރީ ކުރިއަށް ގެންދިއުމަށެވެ. ޒޭންއަށް އިރުކޮޅަކު ބަލަން އިނދެފައި މެދުކެނޑުނު ހިސާބުން ޑައިރީގައިވާ އެއްޗެއް ޔާނާ ކިޔަންފެށިއެވެ.

* * * * *

މިންނުގެ ޑައިރީ:
އަހަރެން މާލޭގައި އުޅޭކަން އެންމެނަށް ސިއްރުކުރުމަށް ހައިކަލް ލައްވާ ވަޢުދުކުރުވީމެވެ. އެއީ ޚޚާއްޞަކޮށް އަހަރެންގެ ޢާއިލާގެ މީހަކަށް އެއްވެސް ކަމެއް އަންގަން ބޭނުންނުވާތީއެވެ. ހައިކަލްއާ ހަފިއްތައަކީ ރައްޓެހިންނެވެ. ޖައުބެއާ ބައްދަލުކުރާން އެގެއަށް ނުދާކަމެއް ވެސް ނޭނގެއެވެ. ވީއިރު އެ މީހުންނަށް އަހަރެން އުޅޭ ތަނެއް އެނގި އަހަންނާ ބައްދަލު ކުރާން އަންނާން ބޭނުންނުވަނީއެވެ. އަހަރެންގެ ދިރިއުޅުން އެ މީހުންނަށް ސިއްރުކުރާން ބޭނުންވަނީ އެކަކަށް ވެސް އަހަރެންގެ އަނދިރި ހަޔާތުގެ ހަޤީޤަތް އެނގެން ބޭނުންނުވާތީއެވެ. ހީވެސް ނުކުރާހާ ބާރުމިނެއްގައި ދިރިއުޅުންމިވަނީ ބަދަލުވެފައެވެ. އަހަރެން ޒޭނަށް މަންމައެއްގެ ލޯބި އެންމެ ފުރިހަމައަށް ދިނުމަށް މަސައްކަތްކުރިއިރު ހައިކަލްއަށް އަހަރެންގެ ފަރާތުން ލިބބެންޖެހޭ އަނތްބެއްގެ ލޯބި ވަނީ އުނިވެފައެވެ. އެންމެ ކުޑަމިނުން އަހަރެން އޭނާ ލާ އަންނައުނެއްހާ ހިސާބު ވެސް އިސްތިރިކޮށްނުދެމެވެ. ކާގަޑީގައި ކާންތައްޔާރު ވެސް ނުކުރަމެވެ. ކައްކާފައި ބެހެއްޓީފައި އަމިއްލައަށް ގޮސް އަޅައިގެން ކާން އޮންނާނީ ބުނެފައެވެ. އެ ހުރިހާ ކަމެއް އެގޮތަށް ކުރުމަކުން ހައިކަލް ރުޅިގަދަވެފައި ނުހުރެއެވެ. އެހެންނަމަވެސް އަހަރެން ހަމަ ފޫހިވަނީއެވެ. ޒޭން ލިބުނޭ ކިޔާފައިވަކި އަހަރެންގެ ހިތެއް ހައިކަލްއާ މެދު ބަދަލެއްނުވިއެވެ. (ނުނިމޭ)