ދުނިޔެ

ހުވައެއްގެ އިބާރާތާ ހެދި މުޅި ޕާކިސްތާނުގައި ހަމަނުޖެހުން

ބައެއް މަގާމުތަކަށް އިންތިހާބުވާ މީހުން ކުރުމަށް އަލަށް ކަނޑައެޅި ހުވައެއްގެ އިބާރާތާ މެދު ޕާކިސްތާނުގައި އުފެދުނު ދެބަސްވުމެއް ބޮޑު ހަމަނުޖެހުމަކަށް ބަދަލުވެއްޖެއެވެ.

"ތަހުރީކޭ ލައްބައިކަ ޔާ ރަސޫލަﷲ" ގެ ނަމުގައި ޕާކިސްތާނުގައި އަލަށް އުފައްދައިގެން އުޅޭ ޕާޓީއަކުން ފުރަތަމަ މުޒާހަރާ ކުރީ ހުވާގެ އިބާރާތުގެ މައްސަލައިގައި އެގައުމުގެ ލޯ މިނިސްޓަރު ވަކިކުރުމަށް އެދިއެވެ. ހުވާގައި އިބާރާތުގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ ނަންފުޅު ނުހިމެނި މައްސަލައިގައި އެމީހުން މުޒާހަރާ ކުރަން ފެށުމާއި އެކު ލޯ މިނިސްޓަރު ވަނީ އެއީ އޮޅުމަކުން ވީ ކަމެއް ކަަމަށް ވިދާޅުވެ މައާފަށް ވެސް އެދި ވަޑައިގެންފައެވެ.

ނަމަވެސް އޭނާއާ ދެކޮޅަށް ނުކުތް ޕާޓީން އަދިވެސް އެދެމުން ދަނީ އޭނާ ވަކި ކުރުމަށެވެ. އެއީ އޭނާއަކީ ރަސުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ގަދަރު ކުޑަކޮށްލި މީހެއް ކަމަށް ބުނެއެވެ. އެމީހުން ވަނީ ޕާކިސްތާނުގެ ވެރިރަށް އިސްލާމް އާބާދަށް ދާން އޮންނަ މައި މަގަކާއި ފާއިޒް އާބާދަށް ދާން އޮންނަ މައި މަގާ ގުޅޭ ހަތަރުއަނގޮޅި ބަންދުކޮށްފައެވެ. އެތަނުން މީހުން ދުރަށްލާން ފުލުހުން މީގެ ދެދުވަހެއް ވަރު ކުރިން މަސައްކަތް ފެށުމުން މުޒާހަރާ ކުރާ މީހުން ވަނީ ގަލާއި އެނޫންވެސް ބައެއް ތަކެތި ބޭނުންކޮށްގެން ފުލުހުންނާ ކުރިމަތިލާފައެވެ.



ބީބީސީ ބުނީ އެ ހަމަ ނުޖެހުންތަކުގައި 200 އަށް ވުރެ ގިނަ މީހުން ޒަހަމްވި އިރު އެތައް ބަޔަކު މަރުވެސް ވެފައިވާ ކަަމަށެވެ. ނަމަވެސް މަރުވި މީހުންގެ ސީދާ އަދަދެއް އަދި އޮޅުމެއް ނުފިލައެވެ. މަގު ބަންދުކޮށްގެން ތިބި މީހުން އެތަނުން ދުރަށް ލުމަށް ޕާކިސްތާނު ފުލުހުން މިހާރު ވަނީ ސިފައިންގެ އެހީއަށް އެދިފައެވެ.

ލޯ މިނިސްޓަރު ޒާހިދު ހާމިދުގެ ގެކޮޅު ހުންނަނީ ޕަންޖާބް ޕްރޮވިންސްގައެވެ. ޕާކިސްތާނުގެ ނޫސްތަކުން ބުނީ އެ ޕްރޮވިންސްގައި މުޒާހަރާ ކުރަމުން ދިޔަ މީހުން އޭނާގެ ގެކޮޅަށް ވެސް ވަދެގަނެފައިވާ ކަމަށެވެ.

ހަމަނުޖެހުންތައް މިހާރު ވަނީ ބޮޑެތި ރަށްތައް ކަމަށްވާ ކަރާޗީއާއި ލާހޯރަށް ވެސް ފެތުރިފައެވެ.