ދުނިޔެ

ވެރިކަން ދޫކޮށްލަން މުގާބޭ އެއްބަސް ކުރުވީ ކިހިނެއް؟

ޒިމްްބާބްވޭގައި 37 އަހަރު ވެރިކަން ކުރެއްވި ރޮބަޓް ބުގާބޭ އެ މަގާމު ދޫކޮށްލައްވަން އެއްބަސްކުރުވަން ސިފައިންނާއި އޭނާއާ ދެމެދު މެދުވެރިްއެއްގެ ގޮތުގައި ހިންގެވީ ރެވް ފިޑެލިސް މުކޮޮނޯރީ ނަމަކަށް ކިޔާ ނާސާރާ ފާދިރީއެކެވެ.

ޒިމްބާބްވޭ ސިފައިން އެގައުމުގެ ކޮންޓްރޯލް އަތުލުމަށް ފަހުގައި ވެސް އިސްތިއުފާ ނުދެއްވަން ހުންނެވި މުގާބޭ އެކަމަށް އެއްބަސްވެވަޑައިގެންނެވި ގޮތާ ބެހޭ ގޮތުން މުކޮނޯރީ މިހާރު ވަނީ ސީއެންއެންއަށް ހާއްސަ އިންޓަވިއު އެއް ދެއްވާފައެވެ.

ސީއެން އެން އިން މިއަދު ޝާއިއުކުރި އިންޓަވިއުގައި މުކޮނޯރީ ވިދާޅުވެފައިވާ ގޮތުގައި ވެރިކަން ދޫކޮށްލައްވަން މުގާބޭ އެެއްބަސްވެވަޑައިގަންނަވާތޯ ކޮންމެ ދުވަހަކު އެތައް ގަޑި އިރެއް ވަންދެން ވާހަކާ ދައްްވަން ޖެހިވަޑައިގަތެވެ. އެގޮތުން ކުރެއްވި މަޝްވަރާތައް އޮތީ ޒިމްބާބްގޭގެ ރިޔާސީ ގަނޑުވަރު ' ސްޓޭޓް ހައުސް' އާއި މުގާބޭގެ އަމިއްލަފުޅު ގެކޮޅުގައެވެ.

ސިފައިންނާއި މުގާބޭއާ ދެމެދު މެދުވެރިއެއްގެ ދައުރު އަދާކުރެއްވުމުގެ ފުރުސަތު މުކޮނޯރީއަށް ލިބިވަޑައިގެންނެވީ އޭނާއަކީ ދެފަރާތުން ވެސް އިތުބާރު ކުރާ ބޭފުޅަކަށް ވާތީއެވެ.


މުކޮނޯރީ ވިދާަޅުވެފައިވާ ގޮތުގައި އޭނާ ގެންގުޅުއްވީ މުގާބޭއާ ބަހުސް ނުކުރެއްވުމުގެ އުސޫލެވެ. އޭގެ ބަދަލުގަައި ކުރެއްވި ކަމަކީ މުގާބޭ ދައްކަވާ ވާހަކަފުޅު އަޑު އައްސަވައި، ޝަރަފުވެރިކަމާއި އެކު މަގާމު ދޫކޮށްލެއްވިދާނެކަން ވިސްނަވައި ދެއްވުމެވެ.

" އޭނާއަކީ ބަހުސްކުރައްވާ ބޭފުޅެއް. ވިސްނުންތެރިއެއް. އޭނާ ޒުވާބު ދެއްވާނީ ވިސްނުންތެރިކަމާ އެކީ. ފަލްސަފާވެރިކަމާ އެކީ،" މުކޮނޯރީ ވިދާޅުވެފައި ވެއެވެ.

އެނާ ވިދާޅުވެފައިވާ ގޮތުގައި ކުރައްވަން ޖެހިވަޑައިގެންނެވި ކަމަކީ ގައުމުގައި ހިނގަމުންދާ ކަންތައްތައް މުގާބޭއަށް ދެއްކެވުމެވެ. އިގުތިސާދީ ގޮތުންނާއި ސިޔާސީ ގޮތުން ގައުމަށް ވަމުންދިޔަ ގޮތެވެ. އަދި އެކަމުގައި ސިފައިންނަށް އޮތް ޒިންމާއެވެ.

" ސިފައިިން އެފިޔަވަޅު އެޅުމާއި މެދު މުގާބޭ ދެކޮޅެއް ނުހައްދަވާ. އެކަމަކު އެކަން އެގޮތަށް ކުރީ ކީއްވެތޯ ސުވާލު އުފެއްދެވި،" މުކޮނޯރީ ވިދާޅުވެފައި ވެއެވެ.

އޭނާ ވިދާޅުވެފައިވާ ގޮތުގައި ޒިމްބާބްވޭގެ ބައްޕައެއްގެ ގޮތުންނާއި ގައުމުގެ މިނިންކަމަށް ކުރެއްވި މަސައްކަތްތައް ސިފައިންނާއި ވެރިކަން ކުރާ ޕާޓީން އަދިވެސް ގަބޫލުކުރާކަމުގެ ޔަގީންކަން އޭނާއަށް ތަކުރާރުކޮށް ދެއްވަން ޖެހުނެވެ. އަދި މުގާބޭ ގޭބަންދުގައި ހުރި ނަމަވެސް ސިފައިން އޭނާއަށް ވަރަށް އިހުތިރާމްވެސް ކުރިއެވެ.

" މަޝްވަރާތައް ކުރިއަށް ދިޔަ އިރު ޖެނެރަލުން އޭނާއާ މެދު ކަންތައް ކުރީ އިހުތިރާމާ އެކީ. އެމީހުން އޭނާއަށް ސެލިއުޓްވެސް ކުރި. އޭނާއަށް އެނގިވަޑައިގެންނެވި އިހުތިރާމާ އެކީ މަގާމު ދޫކޮށްލައްވަން ޖެހިވަޑައިގަންނަވާ ކަން،" މުގާބޭ ބަންދުގައި ހުންނެވި އިރު އޭނާއާ މެދު ކަންތައް ކުރި ގޮތް ކިޔުއްވައި ދެއްވަމުން މުކޮނޯރީ ވިދާޅުވެފައި ވެއެވެ.

އެވާހަކަތައް ކުރިން އޮތީ މީހުންނަށް އެހާ ބޮޑަށް ނޭނގިއެވެ. އިސްތިއުފާ ދެއްވަން މުގާބޭ ކުއްލިއަކަށް އެއްބަސްވެވަޑައިގެންނެވުމުން ބައެއް މީޑިއާ ތަކުން އެކަމާ ސުވާލުވެސް އުފެއްދިއެވެ.

ގިނަ ވާހަކަތަކަކަށް ފަހު މަގާމު ދޫކޮށްލެއްވުމާއި މެދު މުގާބޭއާއި ސިފައިން އެއްބަސްވުމަކަށް އައެވެ. ނަމަވެސް ފަހުން ހިޔާލު ބަދަލު ކުރައްވައި މުގާބޭ މަސައްކަތްް ކުރެއްވީ އަދި އިތުރު ދެތިން ހަފުތާއަކު މަޑު ކުރެއްވުމަށެވެ. އިސްތިއުފާ ދެއްވާނެ ކަމަށް މީހުން އުއްމީދުކުރި ތަގުރީރުގައި އެކަން އެގޮތަށް ނުކުރެއްވީ އެހެންވެއެވެ. އެކަމުގަައި މުކޮނޯރީއާއި ސިފައިން ވެސް ވަރަށް ބޮޑަށް ކެތްތެރިވާން ޖެހުނެވެ.

" 93 އަހަރުގެ މީހަކު ދައްކާ ވާހަކަ އަޑު އެހުމަކީ 23 އަހަރުގެ މީހަކު ދައްކާ ވާހަކަ އެހުން ފަދަ ކަމެއް ނޫން،" މުކޮނޯރީ ވިދާޅުވެފައި ވެއެވެ.

މަގާމު ދޫކޮށްލައްވަން މުގާބޭ އެންމެ ފަހުން އެއްބަސްވެވަޑައިގެންނެވީ ރައްޔިތުން ލަވަމުން ދިޔަ ހަޅޭއް އަޑު އިވިވަޑައިގެންނެވުމުންނެެވެ.

" އެކަމުން އޭނާއަށް އިހުސާސްވެވަޑައި ގެންނެވި މީހުން އެބުނަނީ ދެން ފުދިއްޖެއޭ ކަން،" މުކޮނޯރީ ވިދާޅުވެފައިި ވެއެވެ.

އާ ރައީސް އެމާސަން ނަންގަގްވާ ހުވައި ކުރެއްވުމުގެ ރަސްމިއްޔާތަށް ވެސް މުގާބޭއަށް ދައުވަތު ދިނެވެ. ނަމަވެސް އޭނާ ވަޑައި ނުގެންނެވީ މީހުން އޭނާއާ ދެކޮޅަށް ކެކި އަރާ މާހައުލެއް އޮތީމައެވެ.