ޗައިނާގެ ޒީޖިއާން ޕްރޮވިންސްގެ ބަނދަރުމަތީ ރަށް ނިންގްބޯގައި ބާރުގަދަ ގޮވުމެއް ގޮވައި ދެމީހުން މަރުވެ އެތައް ބަޔަކު ޒަހަމްވެއްޖެއެވެ.
ސައުތު ޗައިނާ މޯނިން ޕޯސްޓް ނޫހުން ބުނީ މިއަދު ހެނދުނު ގޮވި އެގޮވުމުގެ ބާރުގަދަ ކަމުން އެކަން ހިނގި ތަނާ އެއްކިލޯމީޓަރު ދުރުގައި ހުރި އިމާރާތްތަކުގެ ބިއްލޫރިތައް ވެސް ތަޅައިގެން ދިޔަ ކަމަށެވެ. ގޮވީ ކޮން އެއްޗެއް ކަމެއް އަދި އޮޅުމެއް ނުފިލައެވެ.
ނިންގްބޯގެ އޮފިޝަލުންނާ ހަވާލާދީ ނޫހުން ބުނީ މަރުވިކަން މިހައިތަނަށް ކަށަވަރު ކުރެވިފައި ވަނީ ދެމީހުން ކަމަށެވެ. އަދި ބުނީ ޒަހަމްވެގެން ހޮސްޕިޓަލުގައި ފަރުވާދޭން ޖެހުނު މީހުންގެ އަދަދު 30 އަށް އަރާފައިވާ ކަމަށެވެ.
ނިންގްބޯގެ ސަރަހައްދީ ސަރުކާރުންް ހިންގާ ނޫހަކުން އާއްމުކޮށްފައިވާ ފޮޓޯތަކާއި ވީޑިއޯތަކުން ފެންނަ ގޮތުގައި ހާދިސާ ހިނގި ސަރަހައްދުން ދަނީ ބޯކޮށް ހަޅު ދުން އަރަމުންނެވެ. އަދި އެ ސަރަހައްދުގައިވާ އިމާރާތްތަކުގެ ފުރާޅުތަކާއި ކުޑަދޮރުތައް ވަނީ ހަލާކުވެފައެވެ. ހާދިސާ ހިނގި ސަރަހައްދަށް ގިނަ އަދަދެއްގެ އަލިފާން ނިވާ މީހުންނާއި ފުލުހުން ވަނީ ޖަމާވެފައެވެ.