މަލާގާ އާ ދެކޮޅަށް 3-2 ގެ ނަތިޖާ އަކުން ރެއާލް މެޑްރިޑް މޮޅުވީ ހަމަހަމަ ކިރިޔާ އެވެ. ރޭގެ ފަހު މެޗުގައި ލެވަންޓޭއާ ދެކޮޅަށް 5-0 ގެ ބޮޑު ނަތީޖާ އަކުން އެތުލެޓިކޯ މެޑްރިޑް މޮޅުވުމުން ލަނޑުގެ ތަފާތުން ތާވަލުގައި ރެއާލްއަށް ވުރެ ކުރިއަށް އެތުލެޓިކޯ ޖެހިލައިފި އެވެ.
ދެ ޓީމަށްވެސް ލިބިފައި ވަނީ 27 ޕޮއިންޓެވެ. ތާވަލުގެ ތިން ވަނަ އެތުލެޓިކޯ އަށް ލިބެނީ އެއް ލަނޑުގެ ތަފާތުން ކުރީގައި އޮތުމުން ނެވެ. އެތުލެޓިކޯއަށް ފައިދާ 15 ގޯލެވެ. ރެއާލްއަށް 14 ގޯލެވެ.
އަމިއްލަ ދަނޑުގައި މަލަގާ އާ ދެކޮޅަށް ކުޅުނު މެޗުގައި، ކްރިސްޓިއާނާ ރޮނާލްޑޯގެ ފަރާތުން މަސައްކަތުގެ އާ ރޫހެއް ފެނުނެވެ. މެޗުގެ ވަރަށް ކުރީ ކޮޅު އޭނާގެ ހަމަލާ އަކުން މަލަގާގެ ފަހަތަށް ބާރު ބޮޑު ކުރި އެވެ. ރެއާލްގެ ފުރަތަމަ ލަނޑު މެޗުގެ ނުވަ ވަނަ މިނެޓްގައި ބެންޒެމާ ކާމިޔާބު ކުރީވެސް ރޮނަލްޑޯ ބޮލުން ފޮނުވާލި ބޯޅަ ގޯލްގެ ދަނޑިއަށް އަމާޒުވުމުން ރީބައުންސަށް ނިކުތް ބޯޅަ ބޮލުން ގޯލްގެ ތެރެއަށް ފޮނުވާލުމުން ނެވެ.
އޭގެ ނުވަ މިނެޓްފަހުން މަލާގާއިން ވަނީ މެޗު އެއްވަރު ކޮށްފަ އެވެ. ރެއާލްގެ ޒުވާން ޑިފެންޑަރު ޖީސަސް ވަލޭހޯއަށް ހެދުނު މިސްޓެއްގެ ފައިދާ ނަގައި ލަނޑު ކާމިޔާބު ކުރީ ޑިއޭގޯ ރޮލާން އެވެ. އޭގެ ތިން މިނެޓް ފަހުން ކެސެމީރޯ ވަނީ ރެއާލްއަށް އަލުން ލީޑް ނަގައިދީފައެވެ.
ދެ ވަނަ ހާފުގައި، މަލާގާއިން ވަނީ އަނެއްކާވެސް ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. ފުރަތަމަ ހާފު ފެށުމުގެ ކުރިންވެސް އެ ޓީމުން ނަތީޖާ ހަމަހަމަ ކުރި އެވެ. ނަމަވެސް އެ ލަނޑު ޖެހުމުގެ ކުރިން އެ ޓީމުން ފައުލު ކޮށްފައިވާ ކަމަށް ބުނެ ރެފްރީ ނިންމީ ގޯލެއް ނޫން ކަމަށެވެ.
ރެއާލް މޮލުވި ލަނޑު ކާމިޔާބު ކުރީ ރޮނަލްޑޯ އެވެ. ރެއާލް އަށް ލިބުނު ޕެނަލްޓީ ރޮނާލްޑޯ ފޮނުވާލުމުން، މަލާގާގެ ކީޕަރު ރޮބޭޓޯ ހިމެނޭޒް ވަނީ ޕެނަލްޓީ ދިފާއު ކޮށްފަ އެވެ. ރޮނާލްޑޯ ގޯލް ޖެހީ ހިމެނޭޒް ދިފާއު ކުރުމުން ރީބައުންސްވި ބޯޅަ ގޯލް ތެރެއަށް ފޮނުވާލައިގެން ނެވެ. މަލާގާއާ ދެކޮޅަށް ރޮނާލްޑޯ ފާހަގަ ކުރެވެނީ ޕެނަލްޓީ ނާކާމިޔާބު ކުޅުންތެރިޔެއްގެ ގޮތުގަ އެވެ. ރޭގެ މެޗުގެ ޕެނަލްޓީ އަކީ މަލާގާ އާ ދެކޮޅަށް ރޮނާލްޑޯއަށް ނާކާމިޔާބުވި ހަތަރު ވަނަ ޕެނަލްޓީ އެވެ.
ލެވަންޓޭއާ ދެކޮޅަށް އެތުލެޓިކޯގެ އޮންޓޯން ގްރީޒްމަން އާއި ކެވިން ގެމީރޯ ވަނީ ކޮންމެ ކުޅުންތެރިޔަކު ދެ ލަނޑު ޖާހަފަ އެވެ. އަނެއް ލަނޑަކީ ލެވަންޓޭ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.
މިރޭ އެއް ވަނައިގައި އޮތް ބާސެލޯނާ އާއި ދެ ވަނައިގައި އޮތް ވެލެންސިއާ ބައްދަލު ކުރާ މެޗަކީ ފޯރިގަދަ ވާނެ މެޗެކެވެ. ބާސާ އާއި ވެލެންސިއާ މިހާތަނަށް އެއްވެސް މެޗަކުން ބަލިވެފަ އެއް ނުވެ އެވެ. ނަމަވެސް ބާސާ އެއް ވަނައިގައި އޮތީ ވެލެންސިއާ އަށް ވުރެ އިތުރަށް ހަތަރު ޕޮއިންޓް ހޯދައިގެންނެވެ.