ދުނިޔެ

ހަނގުރާމައަށް ފަހު ނޭޕާލުގައި ބާއްވާ ފުރަތަމަ އިންތިހާބު ފަށައިފި

ނޭޕާލުގެ މާއޮއިސްޓުންނާ ސަރުކާރާ ދެމެދު އަހަރުތަކެން ވަންދެން ހިނގި އަހުލީ ހަނގުރާމަ ނިމި، ރަސްކަން އުވައިލި ފަހުން ބާއްވާ ފުރަތަަމަ އިންތިހާބުގައި އެގައުމުގެ ރައްޔިތުން މިއަދު ވޯޓުލާން ފަށައިފިއެވެ.

ނޭޕާލު ޕާލަމެންޓާއި ޕްރޮވިންޝަލް ކައުންސިލްތަކާ އެކު ޖުމްލަ 275 މެމްބަރަކު އިންތިހާބު ކުރުމަށް މިއަދު ފެށި އިންތިހާބުގަައި ވޯޓުލުމުގެ ހައްގު ލިބިފައިވާ 15 މިލިޔަން މީހުން އެބަ ތިއްބެވެ.

މި އިންްތިހާބަކީ ނޭޕާލުގެ ސިޔާސީ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެނުވި އާ ގާނޫނު އަސާސީއަށް އަމަލުކުރަން ފެށި ފަހުން ބާއްވާ ފުރަތަމަ އިންތިހާބެވެ. އެގާނޫނު އަސާސީ ފާސްކޮށް އަމަލުކުރަން ފެށީ މާއޮއިސްޓުންނާ ސަރުކާރާ ދެމެދު 10 އަހަރު ވަންދެން ކުރި ހަނގުރާމަ ހުއްޓުމުން، އަހަރުތަކެއް ވަންްދެން ކުރި މަޝްވަރާތަކަށް ފަހުގައެވެ.

މި އިންތިހާބުގައި ސެންޓްރިސްޓް ކޮންގްރެސް ޕާޓީއާ ވާދަކުރަނީ ކުރިން ހަނގުރާމަވެރި ޖަމާއަތެއްގެ ގޮތުގައި އޮތް މާއޮއިސްޓް ޕާޓީއާއި ކޮމިއުނިސްޓް ޔޫއެމްއެލް ޕާޓީ ގުޅިގެން އުފައްދާފައިވާ އިއްތިހާދަކުންނެވެ.

އިންތިހާބު ފަށާފައި މިވަނީ އަހުލީ ހަނގުރާމައާއި 2015 ވަަނަ އަހަރު އައި ބާރުގަދަ ބިންހެލުމުން ލިބުނު ގެއްލުންތަކުން އަދި އަރައި ނުގަނެވި ވަނިކޮށެވެ.

މިއަދު ފެށި އިންތިހާބުން ނޭޕާލަށް ސިޔާސީ ހަމަޖެހުން ލިބޭނެ ކަމަށް ބެލެވޭ އިރު، އިންތިހާބުގެ ދެވަނަ ބުރު އޮންނާނީ އަންނަ ޑިސެމްބަރުމަހުގެ ހަތްވަނަ ދުވަހުއެވެ. ނޭޕާލުގެ އިންތިހާބުތަކާ ބެހޭ އިދާރާއިން ބުނެފައި ވަނީ ވޯޓު ގުނުމުގެ މަރުހަލާގެ އުނދަގޫ ކަމާ ހެދި ،ލ، ނަތީޖާތައް އިއުލާނު ކުރަން ދުވަސްކޮޅެއް ހޭދަވާނެ ކަމަށެވެ. -- ބީބީސީ