ދުނިޔެ

ބާލީގެ އަލިފާން ފަރުބަދަ ގޮވައިފާނެ ކަމުގެ ބިރު ހީވެއްޖެ

އިންޑޮނޭޝިއާގެ މަޝްހޫރު ރިސޯޓްރަށް ' ބާލީ'ގައިވާ މައުންޓް އަގުންގް ގޮވައިފާނެކަމުގެ ބިރު ހީވެގެން، އެ ފަރުބަދައިގެ ކައިރީގައި ދިރިއުޅޭ އެތައް ހާސް ބަޔަކު އެހެން ހިސާބުތަކަށް ހިނގައްޖެއެވެ.

އިންޑޮނޭޝިއާ އޮފިޝަލުންނާ ހަވާލާދީ ޖަކާޓާ ޕޯސްޓް ނޫހުން ބުނީ އަގުންގް ފަރުބަދައިން އިއްޔެގައި އެތައް ސަތޭކަ މީޓަރު އުހަށް ދުމާއި އަޅި ބޭރުވަމުން ދިޔަ ކަމަށެވެ. އެ ފަރުބަދައަށް މިފަހަރު ހަރަކާތްތެރިކަން އައިސްފައި މިވަނީ ދުމާއި އަޅި ބޭރުވާތީ ސަރަހައްދު ދޫކޮށް ދިޔަ މީހުން އެނބުރި އައިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައެވެ.

އަގުންގް ފަރުބަދައިން ބޭރުވި ދުންގަނޑު ވަނީ އެފަރުބަދައިގެ ކުންނުން ފެށިގެން 4000 ފޫޓު އުހަށް އަރައިފައެވެ. އެހެންވެ އިއްޔެއިން ފެށިގެން އެ ސަރަހައްދު ދޫކޮށް ދިޔަ މީހުންގެ އަދަދު މިހާރު ވަނީ 25000 އަށް އަރާފައެވެ. އެމީހުން ދިޔައީ އެހެން ސަރަހައްދެއްގައި އިންޑޮނޭޝިއާ ސަރުކާރުން ގާއިމްކޮށްފައިވާ 200 ވަގުތީ ހިޔާވައްސަކަށެވެ.

މައުންޓް އަގުންގް އިން ދުން އަރާތީ ބާލީ އާއި އެ ސަރަހައްދުގަައިވާ އެހެން ބައެއް ރަށްތަކަށް ކުރާ ވައިގެ ދަތުރުތަކަށް ވަނީ ބުރޫ އަރާފައެވެ. ބައެއް އެއާޕޯޓްތައް އިއްޔެގައި ބަންދުކުރި ނަމަވެސް މިއަދު ވަނީ އަލުން ހުޅުވާފައެވެ. ނަމަވެސް ބައެއް އެއާލައިންތަކުހން ވަނީ އެ ސަރަހައްދަށް އުދުހުން ހުއްޓާލާފައެވެ. އެއީ އަލިފާން ފަރުބަދައިން ބޭރުވާ، އަޅިއާއި އެކުވެފައިވާ ދުމަކީ މަތިންދާބޯޓްތަކުގެ އިންޖީނު ފަސޭހައިން ހަލާުކޮށްލާ އެއްޗަކަށް ވާތީއެވެ.

މައުންޓް އަގުންގް އެންމެ ފަހުން ގޮވާފައި ވަނީ 1963 ވަނަ އަަހަރުއެވެ. އެފަހަރު ހާހަކަށް ވުރެ ގިނަ މީހުން މަރުވިއެވެ.