ފިނިޕޭޖް

ރިޝްމީ އެވޯޑް އުފުލާލީ މާހިރާ ހާންއާ ވެސް ވާދަކޮށް

ރާއްޖޭގެ އެކްޓްރެސްއަކު މިހާތަނަށް ހޯދި އެންމެ ބޮޑު ކާމިޔާބީ ހާސިލުކޮށްފައިމިވަނީ މޮޅު އެކްޓްރެސް އައިޝަތު ރިޝްމީ އެވެ. ސާކްގެ ގައުމުތަކުގެ މޮޅެތި ފިލްމްތައް ބައިވެރިކުރި ފެސްޓިވަލްގައި އެންމެ ރަންވަނަ، އެންމެ މޮޅު އެކްޓްރެސްގެ އެވޯޑް އުފުލާލާފައިވަނީ ރިޝްމީ އެވެ. ރިޝްމީއަށް ވެސް މިއީ މިހާތަނަށް ލިބުނު އެންމެ ބޮޑު ކާމިޔާބީއެވެ.

ރިޝްމީ މި އެވޯޑް ކާމިޔާބު ކޮށްފައިވަނީ، މި ސަރަހައްދުގައި އެންމެ މޮޅެތި އަދި ބޮޑެތި ފިލްމްތައް ހަދާ އިންޑިއާގެ ފިލްމަކާ ވެސް ވާދަކޮށެވެ. އެގޮތުން ރިޝްމީ ވާދަކޮށްފައިވަނީ ބޮލީވުޑްގެ ސުޕަސްޓާ ޝާހުރުކް ހާން ފެނިގެން ދިޔަ ބޮޑު ބަޖެޓްގެ ފިލްމެއް ކަމަށްވާ "ރައީސް"ގައި ވެސް މުހިންމު ރޯލަކުން ފެނިގެން ދިޔަ ޕާކިސްތާނުގެ އެކްޓްރެސްއެއް ކަމަށްވާ މާހިރާ ހާންއާ އެވެ. ރިޝްމީ އެވޯޑް އުފުލާލީ، މާހިރާއާ ވާދަކޮށެވެ.

"ހަމްސަފަރް" ކިޔާ ޕާކިސްތާނު ޓީވީ ޝޯއަކުން ބޮޑު މަގުބޫލު ކަމެއް ހޯދާފައިވާ މާހިރާ ވަނީ ޕާކިސްތާނުގެ ގިނަ ފިލްމްތަކެއް ވެސް ކުޅެފަ އެވެ.

މާހިރާގެ އިތުރުން ވެސް ރިޝްމީ ވަނީ، އިންޑިއާގެ އިތުރު އެހެން އެކްޓްރެސްއަކާ ވާދަކޮށްފަ އެވެ. އެއީ، ސުލަގްނާ ޕަނިގްރަހީއާ އެވެ. އޭނާއަކީ އިންޑިއާގެ ޑްރާމާ، "އަންބަރު ދަރާ"ގައި ފެނިގެން ދިޔަ ތަރިއެކެވެ. މިހާރު އެއީ މަރާތީ ފިލްމްތައް ކުޅެމުން އަންނަ ތަރިއެކެވެ.

ނޭޕާލްގެ އެކްޓްރެސްއެއް ކަމަށްވާ ބެނީޝާ ހަމަލް އާއި ބަންގްލަދޭޝްގެ އެކްޓްރެސްއެއް ކަމަށްވާ ނުސްރަތު ފާއިޒާ އާއި ޖިއޯތިކާ ޖޯތީ އާއި ޕާކިސްތާނުގެ އެކްޓްރެސްއެއް ކަމަށްވާ ސަނަމް ސައީދާއި އީމަން އަލީއާ ވެސް ރިޝްމީ ވަނީ ވާދަކޮށްފަ އެވެ.

ރިޝްމީ ހޯދި ބޮޑު ކާމިޔާބީއަށް މުޅި ފިލްމީ ދާއިރާ ތައުރީފުކުރަމުންދާއިރު، ރިޝްމީ އެ އެވޯޑަކީ ހުވަފެނެއް ހަގީގަތަކަށްވުން ކަމަށް ބުނެފަ އެވެ. އިންސްޓަގްރާމްގައި ރިޝްމީ ބުނީ، އެ އެވޯޑަކީ އޭނާ އުއްމީދުކުރަމުން ދިޔަ ކަމެއް ކަމަށެވެ. އަދި އެ ލަނޑުދަނޑި ހާސިލުކުރުމުގައި އޭނާއަށް އެހީތެރިވި އެންމެންނަށް ވަނީ ޝުކުރު އަދާކޮށްފަ އެވެ.

ރަވީ ފާރޫގު ޑައިރެކްޓުކޮށް ރިޝްމީ ޕްރޮޑިއުސްކުރި "ވިޝްކާ" އަކީ މި އަހަރު ތެރޭގައި ނުކުތް އެންމެ ވާދަވެރި ފިލްމުތަކުގެ ކުރީގައި ހިމެނޭ ފިލްމެކެވެ. ގިނަ ބައެއްގެ މެދުގައި މަގުބޫލު ފިލްމަކަށްވި އެވެ. ހާއްސަކޮށް ޒުވާނުންނަށެވެ. މިދިޔަ މާޗު މަހު އެ ފިލްމު ރިލީޒްކޮށް ޝްވެކް ސިނަމާގައި ގިނަ ޝޯތަކެއް ދެއްކި އެވެ.

ވިޝްކާ އަކީ މަހުދީ އަހުމަދުގެ ސްކްރީންޕްލޭއަކަށް ރަވީ ޑައިރެކްޓްކޮށް ރިޝްމީއާ އެކު ލީޑް ރޯލު ކުޅެފައިވާ ފިލްމެކެވެ. ފިލްމުގެ ވަރަށް މުހިންމު ސަޕޯޓިން ރޯލަކުން އަހުމަދު ސައީދު ވެސް ފެނިގެންދެ އެވެ. އެ ފިލްމަކީ ކްރައިމް ޑްރާމާއެއް ގޮތަށް ފިޓްކޮށްފައިވާ ރާއްޖޭގެ މިހާރުގެ މުޖުތަމައުގައި ހުރި މައްސަލަތަކުގެ މައްޗަށްވެސް އަލިއަޅުވާލާފައިވާ ފިލްމެކެވެ.

މީގެކުރިން ވެސް މި ފެސްޓިވަލްގައި ދިވެހި ފަންނާނުން ކާމިޔާބީތައް ހޯދާފައިވެ އެވެ. އެގޮތުން 2014 ވަނަ އަހަރު އިސްމާއީލް ރަޝީދު (ކޮޕީ އިއްސެ)އަށް ފިލްމް "އިނގިލި" އެންމެ މޮޅު އެކްޓަރުގެ އެވޯޑް ލިބިފައިވެ އެވެ. އަދި ފިލްމް "އިނގިލި"އަށް ބްރޯންޒް މެޑެލް ލިބިފައިވެ އެވެ.

އޭގެއިތުރުން 2015 ވަނަ އަހަރު އަލީ ސީޒަންގެ "އިންސާނާ"އަށް ވެސް ބްރޯންޒް މެޑަލް ލިބިފައިވެ އެވެ. މިދިޔަ ވާދަކުރި ރިޝްމީގެ މިކޮއެ ބައްޕަ ބައޭބައޭ"އަށް އެއްވެސް ކާމިޔާބެއް ލިބިފައެއް ނުވެ އެވެ.