ގިންޓޯޓާގަައިވާ އޭނާގެ ގެއަށް ސިންގަޅަ ބުޑިސްޓުން ހަމަލާ ދިންތާ ހަފުތާއެއް ފާއިތުވެ ދިޔަ އިރުވެސް މުހައްމަދު އަބްރާރު ހުރީ ބޮޑު ޝޮކެއްގައެވެ.
މިހިނގާ ނޮވެމްބަރުމަހުގެ 17 ވަނަ ދުވަހު އޭނާގެ އަވަށްޓެެރިންގެ ގެތަކަށް ބުޑިސްޓުން އަރައިގަތް އަޑު އިވުނު އިރު އޭނާ އުޅުނީ އިޝާ ނަމާދުން އައިސް ނިދާށެވެ.
" އަހަރެމެންގެ ގެއަށް ފުރަތަމަ ދިން ހަމަލާގައި ހަލާކުކޮށްލީ ކުޑަދޮރުތައް. އެއީ ގާއުކައިގެން،" ދިރިއުޅުމަށް ކުރާ މަސައްކަތެއްގެ ގޮތުގަައި އޮޓޯ ރިކްޝޯއެއް ދުއްވާ މުހައްމަދު އަލް ޖަޒީރާއަށް ކިޔައިދީފައި ވެއެވެ.
" އެތަނުގައި ތިބި ގާތްގަނޑަކަށް 150 މީހުން. ދަގަނޑު ބުރިތަކާއި އެނޫންވެސް ހަތިޔާރު ހިފައިގެން. އެމީހުން ދޮރާށި ހަލާކުކޮށްލައިގެން ވަދެ. އޮޓޯ ރިކްޝޯއަށް ޕެޓްރޯލް އަޅައި އޭގައި ހުޅުޖެހި،" އޭނާ ބުނެފައި ވެއެވެ.
އަންދާލާފައިވާ އޮޓޯ ރިކްޝޯ ގޯތިތެރޭގައި އަދިވެސް އެބަ އޮތެވެ. އެއަށް ބަދަލެއް ލިބޭނެ ކަމުގެ އުއްމީދެއް ނެތެވެ. ރީތިކޮށް ފިޔާތޮށި ކުލަލާފައި ހުރި އޭނާގެ ގޭގެ ފެންޑާ މިހާރު ހުރީ ކަޅުވެފައެވެ. ފައިދޮށްތަކުގައި އަލިފާން ހިފުމުގެ ސަބަބުން އީޓުތައް ވެސް ވަނީ ފައިބަން ފަަށައިފައެވެ.
ޓްއަރިސްޓުން ގިނައިން ޒިޔާރަތްކުރާ ގޯލްއާ ހަތް ކިލޯމީޓަރު ދުރުގައިވާ ގިންތޯޓާގެ މުސްލިމުން ތިބީ މިހާދިސާތަަކަށް ފަހު ބިރުންނެވެ. އަންދާލާފައިވާ ގެތަކާއި ވިޔަފާރިތައް ، ހަމަނުޖެހުންތަކުގެ އަސަރުތަކުގެ ގޮތުގައި އަދިވެސް ފެންނަން އެބަހުއްޓެވެ.
ގިންތޯޓާގެ ގިނަ އިދާރީ ދާއިރާތަކަކަށް ފެތުރުނު އެ ހަމަނުޖެހުންތަކާ ގުޅިގެން އެ ސަރަަހައްދަށް ފުލުހުންގެ ސްޕެޝަލް ޓާސްކް ފޯސް( އެސްޓީއެފް) ގެ މެމްބަރުން ފޮނުވިއެވެ. ރަށު މީހުން ބުނާ ގޮތުގައި އާދައިގެ އެކްސިޑެންޓަކާ ގުޅިގެންް އުފެދުނު ޒުވާބަކަށް ފަހު ފުރަތަމަ ހިނގީ ގްރޫޕުތަކުން ދިން ހަމަލާތަކެކެވެ. އެއަށް ފަހު ހަމަ އެކީ އެކައްޗަކަށް މުސްލިމުންނާ ދެކޮޅު ހަރަކާތްތައް ފެށީއެވެ.
ބުޑިސްޓުންނާ މުސްލިމުންގެ ނުތަނަވަސްކަން ދަނީ ބޮޑުވަމުން
ލަންކާގެ ބައި މަދު މުސްލިމުންނާ އެގައުމުގެ ބުޑިސްޓުންނާ ދެމެދު މިއަހަރު ވަނީ ނުތަނަވަސްކަން ބޮޑުވެފައެވެ. އެކަން ފެށުނީ އދ. އިން ގާއިމްކޮށްފައިވާ ހިޔާވައްސެއްގައި ތިބި ރޯހިންޔާ ދަރިކޮޅުގެ މުސްލިމް ރެފިއުޖީންތަކަކާ ދެކޮޅަށް ބުޑިސްޓުން ތެދުވުމުންނެވެ. ސެޕްޓެމްބަރުމަހު ހިނގި އެހާދިސާގެ ކުރިންވެެސް މުސްލިމުންގެ ގެތަގައި ހުޅުޖެހުމުގެ ހާދިސާތައް ހިނގާފައި ވެއެވެ. އެހާދިިސާތައް ހިނގީ މިދިޔަ ޖޫންމަހުއެވެ.
ހަމަނުޖެހުންތަކުން ގެއްލުން ލިބިފައިވާ މުހައްމަދު ފައިޒަލް ބުނެގައިވާ ގޮތުގައި މިފަހަރުގެ ހަމަނުޖެހުންތައް ފެށުނީ ބުޑިސްޓް ފިރިހެނަކު ދުއްވި އުޅަނދެއް ޖެހި ހިނގި އެކްސިޑެންޓަކަށް ފަހުގައެވެ. އެހާދިސާގެ އަރައިރުން ތަޅައިފޮޅުމަކަށް ބަދަލުނުވަނީސް ފުލުހުން ވަނީ ހުއްޓުވާފައެވެ.
ފައިޒަލް ބުނެފައިވާ ގޮތުގައި ނޮވެެމްބަރުމަހުގެ 17 ވަނަ ދުވަހު އޭނާ ހުކުރަށް ގޮސްގައި އައި އިރުވެސް ސަރަހައްދު އޮތީ އާއްމު ހާލަތުގައެވެ. ނަމަވެސް ގިނަ އަދަދެއްގެ ފުލުހުން ހަރަކާތްތެރިވަމުން ދިޔައެވެ. އޭނާ ބުނެފައިވާ ގޮތުގައި ހަމަނުޖެހުމުގެ ކަންތައް މައިތިރި ނުކުރެވޭަ ހިސާބަށް ދިޔައީ ފުލުހުން އެކަން އެހެންވާން ދޫކޮށްލުމުންނެވެ.
ލަންކާ ޕާލަމެންޓުގައި ގޯލް ޑިސްޓްރިކްޓް ތަމްސީލުކުރައްްވާ މެމްބަރު މަނޫޝާ ނަނަޔައްކަރަ ވެސް އެކަމަށް އެއްބަސްވެވަޑައިގަންނަވައެވެ.
" އެސްޓީއެފް އިން އެ ސަރަހައްދު ދޫކޮށް ދިއުމަކީ ހެދި ވަރަށް ބޮޑު ގޯހެއް. މިހުރިހާ ހަރުކަށި ގްރޫޕްތަކަށް ފުރުސަތު ލިބުނީ އެހެންވެ،" އޭނާ ވިދާޅުވެފައި ވެއެވެ.
ނަމަވެސް އޭނާ ވިދާޅުވެފައިވަނީ އެކަން ފުރަތަމަ ފެށުނީ މުސްލިމުންނާ ބުޑިސްޓުންގެ ހަމަނުޖެހުމެއްގެ ގޮތުގައި ނޫން ކަަމަށެވެ. ނަަމަވެސް ފަހުން މައްސަލަ ބޮޑު ކުރުމުގައި ދެބައިމީހުން ވެސް ދައުރެއް އަދާކުރި ކަމަށް އޭނާ ތުހުމަތު ކުރައްވައެވެ.
މިހާރު އޮތް ބިރާއި ކުރިން ތަޖުރިބާ ކުރި ބިރު
ހަމަނުޖެހުންތައް ފެށުނު ތަނާ ފުލުހުން ވަނީ 22 މީހަކު ހައްޔަރުކޮށްފައެވެ. އަދި އެ ދުވަސްތަކުގައި 127 ހަމަލާއެއް ވަނީ ރިޕޯޓްކޮށްފައެވެ.
މިފަހަރުގެ ހަމަނުޖެހުންތަކާ އެކު މީހުންގެ ހަނދާނަށް އައީ 2014 ވަނަ އަހަރު އަތުލްގަމާގައި ހިނގި ބޮޑު ހަމަނުޖެހުމެވެ. އެފަހަރު ތިން މީހުން މަރުވެސް ވިއެވެ. އެހެނީ އެފަހަރު މުސްލިމުންނާ ދެކޮޅަށް ހަމަ ނުޖެހުން ހިންގަން އެންމެ ވަރުގަދައަށް ގޮވައިލި ހާމުދުރު ގަލޮގޮޑަތެ ގްނަނަސަރާ މިފަހަރުވެސް ވަނީ އެޒާތުގެ ވާހަކަ ދައްކަން ފަށާފައެވެ.
ބުޑިސްޓުންގެ ބޮޑު ޖަމާއަތެއް ކަމަށްވާ ބޮޑުބަލަސޭނާގެ އިސް މީހަކީ އޭނާއެވެ. އޭނާއަކީ މިޔަންމާގެ ހަރުކަށި ހާމުދުރު އާޝިން ވިރާތޫއާ ވެސް ގާތް ގުޅުމެއް އޮންނަ މީހެކެވެ.
ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހު ބޭއްވި ނޫސްކޮންފަރެންސެއްގައި ފޮނި ކަނޑަމުން އޭނާ ބުނީ ބޭނުން ވެއްޖެ ނަމަ ގަޑިއިރަކަށް ވުރެ މަދު ވަގުތުކޮޅެއްގެ ތެރޭގައި ބޮޑު ލޭ އޮހޮރުވުމެއް ފެށިދާނެ ކަމަށެވެ. އޭރު އޭނާގެ އައުވާނުންގެ ގޮތުގައި 500 އެއްހާ ބުޑިސްޓް ޒުވާނުން އެއްވެ ތިއްބެވެ.
އެހެންވީމާ ލަންކާގެ މުސްލިމުންނާ ދެކޮޅަށް ބުޑިސްޓުން ހިންގާ ހަަމަނުޖެހުންތައް އަދި ނިމުމަކަށް އައި ކަން ކަށަވަރެއް ނުވެއެވެ. އަމާންކަން ކަށަވަރު ނުވާތީ މުސްލިމުން ތިބީ ބިރުންނެވެ.