ވިޔަފާރި

ގްރީން ޓެކުހުން ލިބުނު އާމްދަނީ ނުވަ ޕަސެންޓް މައްޗަށް

މި އަހަރުގެ މިހާތަނަށް ގްރީން ޓެކުހުން ލިބުނު އާމްދަނީ ނުވަ ޕަސެންޓް އިތުރު ވެފައިވާ ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ހިސާބުތަކުން ދައްކައިފި އެވެ.

މީރާގެ ހިސާބުތައް ދައްކާ ގޮތުގައި މި އަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް ގްރީން ޓެކުހުން އާމްދަނީގެ ގޮތުގައި ދައުލަތަށް 570 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިއީ މިދިޔަ އަހަރު ލިބުނު 519 މިލިއަން ރުފިޔާއާ އަޅާ ބަލާއިރު ނުވަ ޕަސެންޓް އިތުރުވުމެކެވެ.

މި ޓެކުހުން މިދިޔަ މަހު އެކަނިވެސް ދައުތަލަށް 53 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. ނަމަވެސް މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނީ 49 މިލިއަން ރުފިޔާ އެވެ.

ގްރީން ޓެކުހަކީ ދައުލަތަށް އެންމެ ގިނައިން ޓެކުހުން އާމްދަނީ ލިބޭ ހަތަރު ވަނަ ދާއިރާ އެވެ.

ޓޫރިޒަމް ގާނޫނަށް ގެނައި އިސްލާހަކާއެކު ގްރީން ޓެކުސް ނަގަން ފަށާފައިވަނީ 2015 ވަނަ އަހަރު އެވެ. މި ޓެކްސް ނަގަނީ ރާއްޖޭގައި ހިންގާ ރިސޯޓުތަކާއި ޓޫރިސްޓު ހޮޓާތަކާއި ޓޫރިސްޓު އުޅަނދުތަކަށް އަންނަ ޓޫރިސްޓުން އެތަނެއް ނުވަތަ އުޅަނދެއްގައި ހޭދަކުރާ ކޮންމެ ދުވަހަކަށް ހަ ޑޮލަރުގެ ރޭޓުންނެވެ. އަދި ގެސްޓްހައުސް ތަކުން މި ޓެކްސް ނަގަނީ ޓޫރިސްޓެއްގެ ބޮލަކަށް ތިން ޑޮލަރެވެ.