ދުނިޔެ

މިނިސްޓަރު އިސްތިއުފާ ދިނުމުން ޕާކިސްތާނަށް ހަމަޖެހުން ލިބިއްޖެ

މަގާމުތަކަށް އިންތިހާބުވާމީހުން ކުރާ ހުވާގެ އިބާރާތާ ހެދި އަވަށްޓެރި ޕާކިސްތާނުގައި އުފެދުނު ހަަނުޖެހުން ހުއްޓުމަކަށް އަތުވެއްޖެއެވެ.

ބީބީސީ ބުނީ ޕާކިސްތާނުގެ ބޮޑެތި ޝަހަރުތަކުގައި މުޒާހަރާ ކުރަމުން ދިޔަ މީހުން މުޒާހަރާތައް ހުއްޓައިލާ، މުޒާހަރާ ކުރި ސަރަހައްދުތައް ދޫކޮށް ދާން ފަށައިފާ ކަމަށެވެ. ޕާކިސްތާނުގައި ދާދި ފަހުން އުފެދުނު އިސްލާމްދީނަށްޓަކައި މަސައްކަތް ކުރާ ކަމަށް ދައުވާކުރާ ޕާޓީއަކުން މުޒާހަރާތައް ކުރަމުން ދިޔައީ އެގައުމުގެ ލޯ މިނިސްޓަރު ޒާހިދު ހާމިދުގެ އިސްތިއުފާދިނުން އެދިއެވެ.

އެމީހުން މުޒާހަރާތައް މިއަދު ހުއްޓައިލީ ހާމިދު އިސްތިއުފާ ދެއްވުމުންނެވެ.

ހުވާފައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ނަންފުޅު ނެތުމުން ' ތަހުރީކޭ ލައްބައިކަ ޔާ ރަސޫލަﷲ' ނަމަކަށް ކިޔާ ޕާޓީން މުޒާހަރާ ކުރަން ފެށުމުން މިނިސްޓަރު ހާމިދު ކުރިން ވަނީ އެކަމަށް މައާފަށް އެދިވަޑައިގެންފައެވެ. އަދި އެއީ އޮޅުމަކުން ހިނގި ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ނަމަވެސް މުޒާހަރާއަށް ނުކުތް މީހުން ވެރިރަށް އިސްލާމް އާބާދާއި ކަރާޗީއާއި ލާހޯރު ފަދަ ބޮޑެތި ރަށްތަކުގެ މަގުތައް ބަންދުކޮށްގެން އިއްޔެވެސް ދިޔައީ މުޒާހަރާ ކުރަމުންނެވެ. މުޒާހަރާތައް ރޫޅާލައި މަގުތައް ހުޅުވަން ފުލުހުން މަސައްކަތް ކުރުމުން އެމީހުން ވަނީ ފުލުހުންނާ ކުރިމަތިލާފައެވެ. އެކަމުގެ ތެރޭގައި ހަމީހުން މަރުވެ، 200 އެތައް މީހަކު ޒަހަމްވިއެވެ.

އެހާލަތު މެދުވެރިވުމުން ޕާކިސްތާނު ފުލުހުން އިއްޔެގައި ވަނީ ސިފައިންގެ އެހީތެރިކަމަށް ވެސް އެދިފައެވެ.

ލޯމިނިސްޓަރު ހާމިދު އިސްތިއުފާ ދެއްވަމުން ވިދާޅުވީ އޭނާ އިސްތިއުފާ ދެއްވަނީ ގައުމަށް މިހާރު ކުރިމަތިވެފައިވާ ހާލަތުން ސަލާމަތްކުރެއްވުމަށް ކަމަށެވެ.