މިޔަންމާގެ ރާޚައިން ސްޓޭޓުގައި ރޯހިންޔާ ދަރިކޮޅުގެ މީހުންނާ ދެކޮޅަށް ހިންގި ޖަރީމާތަކާ ގުޅިގެން ބޮޑެތި ފާޑުކިއުންތަކެއް އަމާޒުވެފަައިވާ ލީިޑަރު އަން ސަން ސޫކީ ޗައިނާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވަން ޗައިނާއިން ދައުވަތު ދީފިއެވެ.
މިޔަންމާގެ ދައުލަތުގެ މީޑިއާއާ ހަވާލާދީ ރޮއިޓާސް ބުނީ ސޫކީ ވަރަށް އަވަހަށް ޗައިނާއަށް ވަޑައިގަންނަވާނެ ކަމަށެވެ. އަދި ބުނީ އޭނާ ޗައިނާގެ ވެރިރަށް ބެއިޖިންއަށް ވަޑައިގަންނަވަނީ ޗައިނާގެ ކޮމިއުނިސްޓް ޕާޓީން އިންތިޒާމުކޮށްގެން، ދުނިޔޭގެ ބައެއް ގައުމުތަކުގެ ސިޔާސީ ލީޑަރުންނަށް ބާއްވާ ހާއްސަ ފޯރަމެއްގައި ބަައިވެރިވަޑައިގެންނެވުމަށް ކަަމަށެވެ.
ސޫކީ ޗައިނާއަށް ވަޑައިގަންނަވާނެކަން މިޔަންމާއިން އިއުލާނުކޮށްފައި މިވަނީ އެގައުމުގެ ނުފޫޒު ގަދަ އަސްކަރީ ލީޑަރު މިން އައުން ލައިން ވެސް ޗަައިނާއަށް ދަތުރުފުޅެއް ކުރައްވާފައި ވަނިިކޮށެވެ. އޭނާއަށް ޗައިނާގެ ރައީސް ޝީޖިންޕިންއާއި ޗައިނާގެ އަސްކަރީ ލީޑަރުން ހޫނު މަރުހަބާއެއް ވިދާޅުވިއެވެ.
ރާޚައިން ސްޓޭޓުގައި ރޯހިންޔާ ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް މިޔަންމާ ސިފައިން ވަނީ އިންސާނިއްޔަތާ ހިލާފު އެތައް ޖަރީމާތަކެއް ހިންގާފައެވެ. އެގޮތުން ހިންގި ޖަރީމާތަކުގެ ތެރޭގައި މީހުން މެރުމާއި އިތްފަތްފޭރުމާއި ގެދޮރު އެންދުން ހިމެނެއެވެ. އެކަންތައްތަކާ ހެދި ދުނިޔޭގެ ގައުމުތަކުން މިޔަންމާ ސަރުކާރަށާއި ސޫކީއަށް ދަނީ ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ. ނަމަވެސް ޗައިނާއިން ބުނަމުން ދަނީ މިޔަން މާ ސިފައިން ހިންގީ ހަނގުރާމަވެރިންނާ ދެކޮޅަށް ހިންގަން ޖެހިގެން ގާނޫނާ އެއްގޮތަށް ހިންގި އޮޕަރޭޝަނެއް ކަމަށެވެ. އަދި އެގައުމުން ވަނީ މިޔަންމާއަށް އެހީވާ މިންވަރު އިތުރުކޮށްފައެވެ.