ވާހަކަ

މިންނުގެ ޑައިރީ

(26 ނޮވެމްބަރ 2017 އާ ގުޅޭ) -- ހައިކަލްއަށް އަހަރެންގެ ފަރާތުން ލިބެންޖެހޭ އަނތްބެއްގެ ލޯބި ވަނީ އުނިވެފައެވެ. އެންމެ ކުޑަމިނުން އަހަރެން އޭނާ ލާ އަންނައުނެއްހާ ހިސާބު ވެސް އިސްތިރިކޮށްނުދެމެވެ. ކާގަޑީގައި ކާންތައްޔާރު ވެސް ނުކުރަމެވެ. ކައްކާފައި ބެހެއްޓީމަ އަމިއްލައަށް ގޮސް އަޅައިގެން ކާން އޮންނާނީ ބުނެފައެވެ. އެ ހުރިހާ ކަމެއް އެގޮތަށް ކުރުމަކުން ހައިކަލް ރުޅިގަދަވެފައި ނުހުރެއެވެ. އެހެންނަމަވެސް އަހަރެން ހަމަ ފޫހިވަނީއެވެ. ޒޭން ލިބުނޭ ކިޔާފައެއް އަހަރެންގެ ހިތެއް ހައިކަލްއާ މެދު ބަދަލެއްނުވިއެވެ. ނަމަވެސް ހައިކަލްއަށް އަނތްބެއްގެ ފަރާތުން ލިބެން އެދޭ ކަމެއް އުނިވާކަން އޭނާ ފާހަގަ ކުރިއެވެ. އޭނާގެ އިސްނެގުންތަކަށް އަހަރެން ދެކޮޅު ހަދާކަން އެނގި ހުރެއެވެ. އޭރު ލޯބިލޯބި ޒޭންގެ އުމުރުން ދޮޅުއަހަރު ވެއްޖެއެވެ. ހައިކަލް އަހަންނަށް ބޭނުންވާ ވާހަކަ ބުނާ ކޮންމެފަހަރަކު އަހަރެން އެކަމަށް ބީރު ކަންފަތެއް ދިނީމެވެ. ޒޭންގެ ކަންތައްތަކުގައި އިހުނަށްވުރެ ވެސް ބޮޑަށް މަސްއޫލުވީމެވެ. ހައިކަލްއަށް އެކަން ވެސް ފާހަގަ ކުރެވުނެވެ. އޭނާގެ ކެތްތެރިކަން ކޮޅުން ލަމުން ދިޔައިރު ހައިކަލް ހިތްހަމަނުޖެހި ރުޅިއަންނަ ވަގުތުތައް ގިނަވިއެވެ. އޭނައަށް ލިބޭ ކޮންމެ ހިތްހަމަނުޖެހުމަކާއެކީ އަހަރެންގެ ހިތަށް އުފާވެރިކަމާއި ހިތްހަމަޖެހުމުގެ އިހްސާސްތައް ކުރެވެއެވެ. އަހަންނާއި ހައިކަލްގެ ދެބަސްވުންތަކުގެ އަޑު ގޭތެރޭގައި ހަރުލަން ފެށީ ދެނެވެ. އެގޮތުން ހައިކަލް އަހަންނަށް ބޭނުންވެގެން އުޅުނު ރެއެކެވެ. އަހަރުމެން ދެމީހުންގެ ދެމެދުގައި ކުރެވުނު އަރައިރުމުގެ ހޫނުކަމުގެ ތެރޭ އެހެން އަންހެނެއް ކައިރިން އުފާ ހޯދަން ދާށޭ ހައިކަލްއާ ދިމާއަށް އަހަންނަށް ބުނެވުނީއެވެ. އެ ޖުމްލައާއިއެކު އަހަރެންގެ ކަންފަތްމައްޗަށް އެރީ ހައިކަލްގެ ހޫނު އަތްތިލައެވެ. ދުވަހަކު ވެސް އެ ނުނީ ހައިކަލް އަހަރެންގެ ގަޔަކު ނުޖަހައެވެ. އޭނާ އުޅުނު ގޮތުން ހީވީ ހަމައިންނެއްޓިފައިވާ މީހަކު ހެނެވެ. ހުރީ ރުޅި އައިސް ރަތްވެފައެވެ. އޭރު ކުރިމަތީ ހަރަކާތްތެރިވަމުން ދިޔަ މީހަކީ ހައިކަލް ނޫން އެހެން މީހެއް ފަދައެވެ. އޭރޭ ހައިކަލް ގަދަބާރުގައި އަނިޔާވެރިކަމާއިއެކު އަހަރެންގެ ކައިރިން އުފާ ހޯދިއެވެ. އޭނަގެ ހިތްފުރޭވަރުވުމުން ތެދުވެ އަހަންނަށް އެއްޗެހި ކިޔެވެ. އިނދެގެން އުޅޭހާ ދުވަހަކު ފިރިމީހާގެ ބޭނުންތައް އަންބިމީހާ ފުއްދަދޭން ޖެހޭނެކަމުގެ ވާހަކައެވެ. ފިރިހެނުންނަށް ކެތްކުރެވޭނީ ވެސް ވަކިވަރެއް ވަންދެންކަމުގައި ބުންޏެވެ.

އަހަރެން އެ އޮތްގޮތަށް އެނދުމަތީ ބާއްވާފައި ހައިކަލް ނުކުމެގެން ދިޔައީއެވެ. ދިޔައީ ކޮންތާކަށްކަމެއް އަހަރެން ނުދެނަ ހުރީމެވެ. އެންމެ ފުރަތަމަ ހައިކަލް ދިމާކުރި ރޭ މަތީން އަހަރެން ހަނދާންވިއެވެ. އެއާއެކު ރުޅިއަށްވުރެ ބޮޑަށް އަހަރެންގެ ހިތަށް ކުރި އަސަރުން ބާރަށް ރޮވިއްޖެއެވެ. އަހަރެން ކުރިންވީ ފޫއްސަށްވުރެ ބޮޑަށް ހައިކަލްދެކެ ފޫހިވެ ރުޅި އާދެވުނެވެ. އެއަށްވުރެ އަހަރެންގެ ނިކަމެތިކަމާ އާރެއް ބާރެއް ނެތްކަމާއިމެދު ރުޅިއާދެވުނެވެ. އިރުއަރަންދެން ވެސް އަހަރެން އޮތީ ނުތެދުވާށެވެ. ޒޭންގެ ރުއިމުގެ އަޑު އަހަރެންގެ ކަންފަތުގައި ޖެހުނެވެ. އެހެނަސް އަހަރެން އޮތްތަނުން ގުޑައި ވެސް ނުލީމެވެ. ޒޭންގެ ރުއިމުގެ އަޑުގަދަވަމުންގޮސް ކޮޓަރީގެ ހަތަރުފާރު ވެސް އެ ކުއްޖާއަށް ހަމްދަރުދީފާޅުކުރާ ކަހަލައެވެ. އަހަރެންގެ ހިތް ވެސް އެ ރުއިމުގައި ބައިވެރިވަމުންދިޔައެވެ. އެހެންނަމަވެސް އަހަންނަށް ވެފައި އޮތީ ކިހިނެއްކަމެއް ނޭނގެއެވެ. ތެދުވަން ބޭނުންވެ ނުތެދުވެވިފައެވެ.
ކުއްލިއަކަށް ކޮޓަރިއަށް ވަން ހައިކަލް ކުޑައެނދުގައި އޮތް ޒޭން ނަގާ އުރާލިއެވެ. ޒޭންގެ ރުއިމުގައި ވެސް އެ ތުއްތު ދަރިފުޅު ގޮވަމުން ދިޔައީ އޭނަގެ މަންމައަށެވެ. އަހަރެންގެ ލޮލުން ހިފެހެއްޓުމެއްނެތި ކަރުނަފައިބަމުންދިޔައެވެ.

ހައިކަލް: "ޒޭން އެ ރޮނީ ބަނޑުހައިވެގެން ކަންނޭނގެ... މިންނު..."

ދަރިފުޅު މަސަލަސް ކުރެވޭތޯ މަސައްކަތް ކުރަމުންދިޔަ ހައިކަލް ބުނެލިއެވެ. އޭނާގެ އަޑު ޖެހުމާއެކު ވެސް އަހަރެންގެ އެތެރެ ހަށީގައި އަލިފާނުގެ ފަރުބަދައެއް ގޮވައިގެން ދިޔަ ކަހަލައެވެ. ހައިކަލްއާ ދިމާއަށް ލޯ އަޅާލުމާއެކު އެ ދަރިފުޅުގެ ބަނޑުހައިކަން އަހަރެންގެ ގާތުން ގަދަކަމުން ފުއްދަންވީނޫންހޭ ބުނީމެވެ. ނަމަވެސް ހައިކަލް ޖަދަލުކުރާކަށް ނޫޅުނެވެ. ދެން ވެސް އޭނާ އުޅުނީ ޒޭންގެ ރުއިން ހުއްޓުވާލެވޭތޯއެވެ.

ދަރިފުޅު އުރާލައިގެން ކޮޓަރިތެރޭ ދެކޮޅަށް ހިނގާލަހިނގާލާ ހައިކަލް ހުއްޓެވެ. މަޑުމަޑުން ޒޭންގެ އަޑު މަޑުވެ އެ ކުއްޖާގެ ގިސްލުމުގެ އަޑު ނޫނީ ނީވެއެވެ. އެ ދަރިފުޅުގެ ނިތްކުރީގައި ބޮސްދީފައި ކުޑައެނދުގައި ބޭއްވިތަން އަހަރެން ދުށީމެވެ. އެއާއެކު އެ ކުއްޖާއަށް އެންމެ ފަހުން ރޮއެރޮއެ ނިދުނީކަން އެނގުނެވެ. އިރުކޮޅަކު ކުޑައެނދުގެ ކައިރީ ހުރެފައި ހައިކަލް އެނބުރި އަހަރެންގެ ގާތުގައި އައިސް ހުއްޓިލިއެވެ. ވާހަކައެއް ބުނަން އަނގަހުޅުވާލާފައި އޭނާ ހިމޭންވިއެވެ. ދެ ލޯ މަރާލާފައި އެ ފަންއިސްތަށިގަނޑުގައި އަތް ހިންގާލާމުން ހަށިފުރާ ނޭވާއެއް ދޫކޮށްލިއެވެ. ދެން އޭނާ އައިސް އެނދުގައި އޮތް ރަޖާ ނަގާ އަހަރެން ނިވާކުރިއެވެ. ވާހަކަދެއްކީ އެއަށްފަހުއެވެ. ހައިކަލް މަޑުމައިތިރި ކަމާއެކު އަހަންނާ ވާހަކަދައްކަން މަސައްކަތްކުރިއެވެ. ހައިކަލްއަށް ދެވުނު ދެވަނަ ނަޒަރުން އޭނަގެ ދެލޯވެސް ރަތްވެ ދުޅަވެފައިވާކަން އަހަންނަށް ފާހަގަ ކުރެވުނެވެ. އެއާއެކު އޭނައަށް ވެސް ރޭގެ ހަމަނިދި ނުލިބެނީހެން ހީވެ އެކަމާ ހިތްހަމަޖެހުމުގެ ނޭވާއެއް ބޭރުކޮށްލެވުނެވެ. އެނދުން ތެދުވުމާއެކު ހަރުކަށިބަސްތަކުން ހައިކަލްއަށް އެއްޗެހި ކީމެވެ. މި ދުނިޔޭގައި ވެސް އޭނާ ވަރުގެ ބޮޑު ފިނޑިއެއް ނުހުންނާނޭ ބުނީމެވެ. އޭނާގެ ފިނޑިކަމުން ކުރާން އެނގޭހާ ވެސް ކަމަކީ އަހަރެންގެ ނިކަމެތިކަމުން ފައިދާނެގުމޭ ކިޔާ އެއްޗެއްހިކީމެވެ. ނަމަވެސް މިފަހަރު އޭނަ އެއްވެސް އެއްޗެއް ނުބުނެއެވެ. އަހަރެން ކިޔާނެހާ އެއްޗެއް ކިޔާންދެން ކުރިމަތީގައި ބަހެއް ވެސް ބުނެނުލާ ހުއްޓެވެ. އަދި މަޢުނަވީ ބަލާލުމަކުން އަހަންނަށް ހައިކަލް ބަލާލިއެވެ. އެ ބަލާލުމުން އަހަރެންގެ ހިތް ހިމޭންވެގެން ދިޔަ ކަހަލައެވެ. ކުރެވުނު އުނދަގޫ އިހުސާސްގެ ސަބަބުން އަވަސް އަވަހަށް ތެދުވެ ފާޚާނާއަށް ވަނުމަށް ހިނގައިގަތީމެވެ. އެހިނދު ހައިކަލް އަހަންނަށް ގޮވާލިއެވެ. ހުއްޓެން ބޭނުންނުވި ނަމަވެސް އަހަރެންގެ ޟަމީރު އެއަޑަށް ސަމާލުވިއެވެ. އަމިއްލަ އިޚްތިޔާރަކާއި ނުލާ އަހަރެންގެ ދެފައި ހުއްޓުމަކަށް އައެވެ.

ހައިކަލް: "މިންނު ބޭނުން އެއްޗެއް އަހަންނާ ދިމާއަށް ކިޔާ. ތި ހިތުގައި އޮތް ނަފުރަތުން އަހަރެން އަނދާ އަޅިއަށް ހަދާލިޔަސް ޝަކުވާއެއް ނުކުރާނަން. ދެން އިރާދަ ކުރެއްވިއްޔާ ދުނިޔޭގައި ހުރިހާ ދުވަހަކު ތި ހަށިގަނޑުގައި އަހަރެން އަތެއް ނުލާނަން. މިންނުގެ ނުރުހުމުގައި އެއްވެސް ކަމެއް ނުކުރާނަން. އެކަމަކު ދުވަހަކު ވެސް އަހަރެން ނުކުރާނެ ކަމެއް އޮންނާނެ. އަހަރެން ދުވަހަކު ވެސް މިންނު ވަރިއެއް ނުކުރާނަން. ދޫކޮށެއް ނުލާނަން. މިންނު ލޯބިނުވިޔަސް... އަހަރެން ހުރިހާ ކަމަކަށް ކެތްކުރާނަން. އެކަމަކު... ޒޭން... މިންނު! އެ ދަރިފުޅުގެ ކުށަކީ ކޮބާ؟ އަހަރެންދެކެ ރުޅި އަންނަ ފަހަރަކު އެ ދަރިފުޅުގެ ކިބައިން ބަދަލު ނުހިފާ. ޕްލީޒް! ޒޭންއަށް ގޮތެއް ހަދާތަން ބަލަން އަހަންނަކަށް ކެތެއްނުވާނެ. އަހަރެން މިންނުދެކެ ވަރަށް ލޯބިވޭ... ހަމައެގޮތަށް އެ ދަރިފުޅު ދެކެ ވެސް އަހަރެން ވަރަށް ލޯބިވޭ. ސޯ ޕްލީޒް... އަހަރެން ކުރިކަމެއްގެ ބަދަލު އެ ދަރިފުޅުގެ ކިބައިން ނުހިފާ"
ހައިކަލް އަޑުގައިވި މަޑުމައިތިރިކަމާއި އާދޭހުގެ އަސަރުން އަހަންނަށް ޔަގީންވީ އެންމެ ކަމެކެވެ. މިހާ ދުވަހު އޭނާއަށް އަހަރެން ކޮންމެ ކަމެއް ކުރި ނަމަވެސް ބަދަލެއް ނާދެއެވެ. އެހެންނަމަވެސް މިއަދު ހައިކަލްގެ ބަލިފަޔަކީ ޒޭންކަން އެނގިއްޖެއެވެ. އޭނާ އެ ދަރިފުޅަށް ޓަކައި ކޮންމެ ކަމެއް ވެސް ކޮށްފާނޭކަން އެނގެއެވެ.

އަހަރެންނަކީ ކޮންކަހަލަ މައެއް ހެއްޔެވެ. އެ ދުވަހުން ފެށިގެން އަހަރެން ހައިކަލްއާ ދެކޮޅަށް ނެގި އެންމެ ބާރުގަދަ ހަތިޔާރުކަމުގައި ޒޭން ހެދީމެވެ. އެ ދުވަހުން ފެށިގެން ޒޭން ބޭނުންނުވިކަމުގައިވިޔަސް ގާތުން ދިނުން ހުއްޓާލީމެވެ. އެކަމުގެ ސަބަބުން އަހަންނަށް ލިބެމުންދިޔަ ވޭނަށް ކެތްކުރަމުންނެވެ. އެ ދަރިފުޅު އަހަންނަށް ނުބެލޭނެކަން ވެސް ހައިކަލްއަށް އެންގީ ޚުދު އަހަރެން އަމިއްލަ އަށެވެ. އޭގެ އިތުރުން އަހަރެން ހައިކަލްއާ އެއްތަންމަތީ ނުނިދާނަންކަމުގައި ބުނެ އަހަރެން ބަހައްޓަން ބޭނުންނަމަ ވަކިން އަހަރެން އުޅުމަށް ތަނެއްދެއްކުމަށް ވެސް ބުނީމެވެ. އެ ހުރިހާ ކަމެއް އަހަރެން ހައިކަލްއާ ދެކޮޅަށް ކުރިމަކުގައިވިޔަސް އޭނާ އަހަންނާ ޒުވާބެއް ނުކުރިއެވެ. އަހަރެން ބޭނުންވިގޮތަށް ހުރިހާކަމެއް އޭނާ އައީ ކޮށްދެމުންނެވެ.

އަހަރެންގެ ނިންމުންތަކާއެކު ހަފްތާއެއްގެ ތެރޭ ގޭތެރޭގެ ހިމޭންކަން ގެއްލިގެން ދިޔައެވެ. ގޭގައި ކައްކާ ފޮޅާ ސާފުކުރުމަށް ދިވެހި ކޮށި ބިދޭސީއަކާއި ޒޭންގެ ކަންތައްތައް ބެލެއްހެއްޓުމަށް ކައިރި ރަށަކުން ބީރައްޓެހި ދިވެހި އަންހެން ކުއްޖަކު ގެއަށް އައުމުގެ ސަބަބުންނެވެ. އަހަންނަށް މީގެ ފަހުން ޒޭންގެ ކަންތައް ނުބެލެހެއްޓޭކަމުގައި ވާނަމަ ހުސްނާއާ ހަވާލުކުރުމަށް ހައިކަލް ބުންޏެވެ. ގޭތެރޭގެ އެއްވެސް މަސައްކަތެއް ކުރަން ޖެހިއްޖެނަމަ ބިދޭސީ އަންހެން މީހާ ލަކްޝުމީ ގާތު ބުނުމަށް ހައިކަލް އެދުނެވެ. އެ ހުރިހާކަމެއްގެ އިތުރުން ހައިކަލް އޭނަގެ ވިޔަފާރީގެ ކަންތައްތައް ފަހަކަށް އައިސް ހަމަޖައްސަމުން ދިޔައީ ފޯނުންނާ ފެކްސްގެ އެހީގައެވެ. އޮފީހަށް ދަނީ ވަރަށް މަދު ފަހަރަކުއެވެ. ގިނަ ވަގުތު ހޭދަ ކުރަނީ ދަރިފުޅު ޒޭން ފެންނަ ހިސާބުގައި ގޭގައެވެ.

ޒޭން އެކޭ އަހަންނެކޭ އުޅުމުގައި އެއްވެސް ތަފާތެއްނެތެވެ. އެ ކުޑަކުޑަ ދަރިފުޅުގެ ކަންތައްތައް އަހަރެން ނުކޮއްދޭއިރު ވެސް އޭނަގެ މަންމަގެ އުނގަށްވަންނަން އޭނަ ބޭނުންވެއެވެ. އަހަންނަށް ޒޭނަށް ކުދިކުދި ތާކުން ތާކުނުޖެހޭ ކަންތައްތަކުގައި އަތްއިސްކޮށް އެ ދަރިފުޅު ދެރަވާ ކަހަލަ އެއްޗެހި ބުނަންފެށީމެވެ. ސަބަބެއްކަމަށް އަހަރެންގެ ދިލަހިތަށް ފެނުނީ ޒޭންގެ ސިފައެވެ. ބޮޑުވަމުން އައިވަރަކަށް ހައިކަލް އެކޭ އެކުއްޖާއެކޭ ތަފާތެއްނެތެވެ. ހަމަ އެ ސިފައެވެ. އެއާއެކު އަހަރެންގެ އަމިއްލަ ދަރިފުޅުލައްވާ ހައިކަލްގެ ކުރިމަތީ އަހަންނަށް ދޮންމަންމަ ކިޔަން މަޖުބޫރު ކުރީމެވެ.

އެނގޭހެއްޔެވެ. އެ ހުރިހާ ކަމެއް އަހަރެން ޒޭނަށް ކުރިކަމުގައި ވިޔަސް އެ ދަރިފުޅަށް ޓަކައި އަހަރެންގެ ދެ ލޮލުން ކަރުނަ އޮހެއެވެ. އެ ދަރިފުޅަށް ހުސްނާގެ އޯގާތެރިކަން ދޭތަން ފެންނަ ހިނދު އަހަރެންގެ ހިތުގައި ހަސަދަވެރިކަން އުފެދެއެވެ. ޒޭން ނިދާފައި އޮންނައިރު އަހަންނަށް އެ ދަރިފުޅުގެ އެނދުކައިރި އެކުއްޖާގެ ގައިގާ ފިރުމަން އިނދެވުނީ ކިތައް ރޭކަމެއް ނޭގެއެވެ. އެކަމަކު އެ ގޭގައި އުޅޭ އެކަކަށް ވެސް އަހަރެންގެ އެ ސިފަ ދައްކާކަށް ބޭނުމެއްނޫނެވެ. އެންމެންގެ ކުރިމަތީ އަހަންނަކީ ހިލައިގެ ބުދެކެވެ.

ޒޭންގެ ރުއިމާ އެ ދަރިފުޅުގެ ކަންތައްތަކަށް ކެތްނުކުރެވިގެން ހައިކަލް ޒޭންގެ އުމުރުން ނުވައަހަރުގައި ރާއްޖޭން ބޭރަށް ފޮނުވާލި ދުވަހަކީ އަހަރެން ނުބުނިކަމުގައި ވިޔަސް އަހަރެންގެ ހަށިގަނޑުން އެއްބައި މަދުވެގެން ދިޔަ ދުވަހެކެވެ. ދެން އަހަންނަށް އެ ދަރިފުޅު މިހާރު ފެންނަވަރަށް ވެސް ނުފެންނާނެކަން އެނގޭތީއެވެ. ޒޭން ދިއުމުގެ ކުރިން އަހަންނާއި ބައްދަލު ކޮއްލުމަށް ވެސް ނާދެއެވެ. އެ ދުވަހަކު ހިތުގައި ޖެހި އަހަންނަށް ވަރަށް ރޮވުނެވެ. އެހެންނަމަވެސް އެތަން ދުށުމަކަށް އެ ދަރިފުޅު ނާންނާނޭކަން އެނގުނެވެ. ޒޭން ދިއުމާއެކު މުޅި ގޭތެރެ އަނެއްކާ ވެސް ފަޅުވި ކަހަލައެވެ. އަހަންނާއި ހުސްނާއާ ދެމެދު ރަޙުމަތްތެރިކަން ފެށުނީ އޭގެ ފަހުންނެވެ.

ދަރިފުޅު ގޮވައިގެން ހައިކަލް ޔޫކޭއަށް ފުރިފަހުން މަސް ދުވަސް ހުސްވެގެން ދިޔައިރު ވެސް އެ މީހުންގެ ޚަބަރެއްނުވެއެވެ. އަހަރެންގެ ކެތްތެރިކަން ކޮޅުންލާ ހިސާބަށް ދިއުމާއިއެކު ހުސްނާގާތު ހައިކަލް އަންނާނެ ދުވަހެއް ބުނިތޯ އަހާލެވުނެވެ. އަހަރެންގެ ކައިވެންޏާއި ދޭތެރޭ ހިތްހަމަނުޖެހުނު ކަމުގައިވިޔަސް އެ ދުވަހު ހުސްނާގާތު އެހެން އަހަންޖެހުމުން ވަރަށް ލަދުގަތެވެ. އަހަންނާއި ހައިކަލްއާ ދެމެދު އޮންނަ ގުޅުން މީހަކަށް ނޭނގޭނެއެވެ. ނަމަވެސް ހުސްނާގެ ގާތު އަހާލެވުނީތީ އަހަރެން ބޭނުންވި ޖަވާބު ލިބުނެވެ. ހައިކަލް ބުނެފައިވަނީ ދެ މަސްފަހުން އަންނާނެ ކަމަށެވެ.

ގޭތެރޭގައި ހައިކަލް ނެތުމުން އަހަރެން ޖަދަލުކުރާނެ މީހަކު ނެތުނީއެވެ. ކުރާނެ ކަންތައްތައް ވެސް ނެތުނީއެވެ. ގޭތެރޭގެ ކަންތައްތައް ހުސްނާ އާއި ލަކުޝުމީ ހުންނަނީ އެންމެ ފުރިހަމައަކަށް ކޮށްނިންމާލާފައެވެ. އެހެންވުމުގެ ސަބަބުން އަހަރެން ކުރާނެ މަސައްކަތެއް ހޯދީމެވެ. އެގޮތުން ގޭތެރޭގައި ހުސްކޮށް އޮންނަ ތަންކޮޅުގައި މާގަސް އިންދަންފެށީމެވެ. އެކުވެރިޔާއެވެ. އަޒާންގެ ހަނދާނުގައި ހުދު އޯކިޑު މާ އިންދަންފެށީމެވެ. އެކަންވީ އަހަރެންގެ ހިތަށް ތަސައްލީއެއް ގެނެސްދިންކަމަކަށެވެ. އަހަރެންގެ މަސައްކަތަށް އެންމެ ޝައުގުވެރިވީ ހުސްނާއެވެ. އަހަންނަށްވުރެ ހުސްނާ ދޮށީކަމުގައި ވިޔަސް އަހަރުމެން ދެ މީހުންގެ ދެމެދުގައި ޚިޔާލު ތަފާތުވުމެއް ނުހުރެއެވެ. އެންމެ ފަސޭހައީ ހުސްނާ ދުވަހަކުވެސް އަހަންނާއި ހައިކަލްގެ ގުޅުމާއި ބެހޭގޮތުން އެއްވެސް އެއްޗެއް ނާހާތީއެވެ. އަނެއްކޮޅުން ހައިކަލް ހުސްނާގާތު ބުނިއެއްޗެއް އަހަރެން ވެސް ނާހަމެވެ. އެގެއަށް ހުސްނާ ގެނައުމަށް ހައިކަލް ބުނެފައިވާ އެއްޗެކެވެ. ހުސްނާއަކީ ބަސްމަދު ހިތްހެޔޮ އަންހެނެކެވެ.

ބަރާބަރު ދެ މަސްދުވަސް ފަހުން ހައިކަލް އައެވެ. ހަވީރުގެ ވަގުތެއްގެ ގައެވެ. އަހަރެން އިނީ ލިޔާ މޭޒު ދޮށުގައި ތި އެކުވެރިޔާގެ ސަފުހާތަކުގައި އަހަރެންގެ ހަޔާތުގެ ދުވަސްތައް ޚިއްޞާ ކުރާށެވެ. މީހަކު ދޮރުގައި ޓަކި ޖެހުމުން ވަންނާށޭ ބުނީމެވެ. އެއާއެކު ދޮރުހުޅުވާލާފައި ވަނީ ހައިކަލްއެވެ. އެއާއެކު އަވަސް އަވަހަށް ލިޔާ މޭޒުދޮށުން ތެދުވެވުނެވެ. ހައިކަލް އަނގައިން ނުބުނުމުން ކަތި ނަޒަރަކުން އޭނާއަށް ބަލާލީމެވެ. ކުރިއަށްވުރެ ހިކިއްޖެހެން ހީވެއެވެ. ތުބުޅިމަތިސް ހުރީ ތުނިތުނިކޮށް ފަޅަންފަށާފައެވެ. އެ ފަންއިސްތަށިގަނޑުން ބައެއް އިސްތަށިތައް ނިތްކުރި މައްޗަށް ވެރިފައި ހުއްޓެވެ. އަދިވެސް އެ ރީތިކަމެއް ބަދަލެއް ނާދެއެވެ. ހައިކަލް ބަލަހައްޓައިގެން ހުރެ ހިނިތުންވެލަން އުޅުނެވެ. އެއާއެކު އަހަރެން އަވަސް އަވަހަށް އިސްޖަހާލީމެވެ. އަދި މޫނު އެއްފަރާތަކަށް އަނބުރާލީ އޭނާއަށް ބަލާލަން ބޭނުންނުވާކަން ހާމަކޮށްދިނުމަށެވެ. އިރުކޮޅަކު މަޑުކޮށްލައިގެން ހުރުމަށްފަހު ހައިކަލް ނުކުމެގެން ދިޔައީ ބަހެއް ވެސް ބުނެނުލައެވެ. އޭނާގެ ފުރަގަހުން ކޮޓަރީގެ ދޮރު ލައްޕާލުމުން އަހަރެން އިސްއުފުލާ ބަލާލީމެވެ. ހައިކަލްގެ އެ ޢަމަލު ވިސްނައިގަންނާން ނޭނގިފައި އިރުކޮޅަކު އަހަރެން ހުރީމެވެ. ހައިކަލް ގެއަށް އައިކަން އެނގުމުން ފުރަތަމަ ފަހަރަށް އަހަރެންގެ ހިތަށް ހަމަޖެހުމެއް ލިބިގެން ދިޔައެވެ. އެހެންނަމަވެސް އެ އިހުސާސްތަކާ މެދު އަހަރެންގެ ޟަމީރާ ސުވާލު ކުރެވުނެވެ. އެއާއެކު ސިކުނޑި ވިސްނައިދިނީ ދަރިފުޅުގެ ހާލު އެނގެން ބޭނުންވެފައި ހުރީތީ ލިބުނު ހިތްހަމަޖެހުމެއް ކަމެވެ. ހައިކަލްއާ ޖަދަލުކުރާން ދާހިތެއް ނުވިއެވެ. މަޑުމަޑުން ލިޔާ މޭޒު ދޮށުގައި ހުރި ގޮނޑީގައި އަނެއްކާ ވެސް އިށީނދެވުނީއެވެ. އެއާއެކު އަހަރެން ހިތް ބުނެލިއެވެ. ހައިކަލް ގެއަށް އައިސް އެންމެ ފުރަތަމަ ވެސް އެ އައީ އަހަރެން ދުށުމަށެވެ. އަހަރެން ފެނުމުން އޭނާ އެނބުރި ދިޔައީއެވެ. އެއާއެކު އަހަރެން ހުރީ ހައިކަލް އެނބުރި ގެއަށް އަންނާނެ ދުވަހެއްގެ އިންތިޒާރުގައިކަން ހިތް ހަނދާން ކޮށްދިނެވެ. ވަގުތުން ދެ ފަރާތަށް ބޯހޫރާލެވުނެވެ. ކޮންމެފަދަ އެއްޗެއް ވެސް ހިތަށް އަރާފާނެއެވެ. އަވަސް އަވަހަށް މޫނު ކުނިކޮށްލީމެވެ. އެއާއެކު އަހަރެން ބޭނުންވި ގޮތަށް ސިކުނޑި އަހަރެންގެ ހިތަށް ވިސްނައިދިނެވެ. ހައިކަލްއަށް ވެސް އަހަންނަށް ވެސް އެކަކު އަނެކަކު ފެނިއްޖެއެވެ. އެވަރުން ދެން ހިތްހަމަ ޖައްސާލުން އެއީ ދެ މީހުންނަށް ވެސް އެންމެ ބޮލަށްފަސޭހަވާނެގޮތެވެ.

* * * * *

ކޮންމެ އަހަރެއްގެ އޯގަސްޓު އެކާވިސްވަނަ ދުވަހަކީ އަހަރެން ހަނދާން ކުރާ ދުވަހެކެވެ. ދަރިފުޅު ޒޭންގެ މަތިން އެ ދުވަހު އަހަރެން ހަނދާންކޮށް ކަރުނައަޅާ ދުވަހެކެވެ. އަހަރެން ފަދަ ބަދުނަސީބު އަނިޔާވެރި އަންހެނެއްގެ ދަރިއަކަށް ޒޭންވީކަމެވެ. ޒޭންގެ ފަނަރަވަނަ އުފަންދުވަހަށް އެ ދަރިފުޅު މާލެ ގެނައެވެ. އެކަމަކު އެ ދަރިފުޅު ހުރީ އުފަލުންނެއްނޫނެވެ. އެ ދަރިފުޅު ގާތަށް ބޭއިޚްތިޔާރުގައި ދެވުނު ހިނދު އަހަރެން އަނދާއަޅިއަށް ހަދާލިއެވެ. އެ މޫނުގައިވީ ރުޅިއާއި ނަފުރަތެވެ. އަހަރެން ފެންނަންވިއިރަށް އެ ދުލުން މަންމާއޭ ގޮވާލުމުގެ ބަދަލުގައި ނުކުތީ ދޮންމަންމައެވެ. އެ ދެލޮލުން ފެނުނީ އަހަރެން ހައިކަލްއާ މެދު ކުރިނަފުރަތެވެ. މިއަދު އެ ދަރިފުޅުގެ ވިހަ ބަސްތަކުން އަހަރެންގެ ހިތަށް ދުވަހަކުވެސް ނުކުރާހާ އަސަރުކުރިއެވެ. މިއީ އަހަރެން އަމިއްލައަށް ކުރިކަމެވެ. އަހަރެން އެ ދަރިފުޅުގެ ކިބައިން މާފަށް އެދެން ބޭނުންވިއެވެ. ނަމަވެސް ޒޭން ބަލަނީ އަހަންނާއި ދުރުގަ ހުސްނާގެ ގާތުގައި އުޅެވޭތޯއެވެ. ހުސްނާގެ ދުލުން ޒޭނަށް ދަރިފުޅާއޭ ބުނާ ކޮންމެފަހަރަކު އަހަރެންގެ މޭގައިވާ ހިތް ފޮތިފޮތިވެގެންދެއެވެ. ޒޭނަށް "ދަރިފުޅު" ކިޔުމުގެ ހައްޤު ވެސް ނިއުޅާލީ އަހަރެން އަމިއްލައަށެވެ. ހައިކަލްއާއެކު އެ ދަރިފުޅުގެ ހުރިހާ ވަގުތެއް ހޭދަކުރުމަށްފަހު ފުރައިގެން ދިޔައީއެވެ.

ދަރިފުޅާއި ވަދާޢުގެ ސަލާމް ވެސް ކޮށްލުމުގެ ފުރުޞަތު އަހަންނަށް އެ ދަރިފުޅު ނުދިނެވެ. އެރޭ ކޮޓަރީގައި ބާކީވެފައިވާ މީހަކު ފަދައިން އަހަރެން އޮތީމެވެ. ދަރިފުޅުގެ ޢަމަލުތައް ހުރި ގޮތް ހިތަށް ސިފަވުމާއެކު އަހަންނަށް ބާރަށް ރޮވުނެވެ. އަހަންނާއި އަހަރެންގެ މަންމައާ ހުރީ ކޮންތަފާތެއްހެއްޔެވެ. އަހަރެން އެ މަންމަގެ ލޯތްބަށް ފެންބޮވައިގެންފައިވާވަރު އެރޭ އަލުން ހަނދާންވިއެވެ. އަހަރެން އަމިއްލަ ޟަމީރާ ސުވާލުކުރެވުނެވެ. އަހަރެން އެހާ ހިތްހަރު މީހަކަށްވީ ކޮންދުވަހަކުބާއެވެ. އެހެންމީހުންގެ އިހްސާސްތައް ކުރިއަށްނެރުނު މިންނުއަށްވީ ކިހިނެއްބާއޭ ސުވާލުކުރެވުނެވެ. އަހަރެންގެ އަމިއްލަ ދެ އަތަށް ބަލާލެވުނީ އެ ދެ އަތުން އަހަރެން ޒޭއަށް ކުދިނަމަވެސް އަނިޔާކޮއްފައިވާކަން ހަނދާނަށް އައުމުންނެވެ. އަހަރެންގެ ކަންފަތުގައި ދެ އަތްއެޅުނީ އަހަރެން ފަދައިން ޒޭން ވެސް އޭނާގެ މަންމަގެ ލޯތްބަށް އެދި ރުއިއަޑު އަހަރެންގެ ކަންފަތުގައި ހަރުލާފައި ހުރުމުންނެވެ. އަހަންނަށް ބޮޑު ކުށެއް ކުރެއްވިއްޖެކަން އިހްސާސްކުރެވިގެން އެރޭ ދިޔައެވެ. އަހަރެންގެ ހަށިގަނޑުގައި އުނިވެފައިވާ ބަޔަކީ އެ ދަރިފުޅުކަން އަހަންނަށް އެރޭގެ ހިތްދަތިކަން ހަނދާންކޮށްދިނެވެ.

ދަރިފުޅު ފުރުވާލުމަށްފަހު ގެއަށް އައި ހައިކަލް އަހަރެންގެ ކޮޓަރީގައި ޓަކި ދީފައި އެތެރެއަށް ވަނެވެ. އޭނާ ހަލުވިކޮށް އައިސް އަހަރެންގެ ގާތުގައި އެނދުގައި އިށީނެވެ. އޭނައަށް ވެސް އަހަރެންގެ ރުއިމުގެ އަޑު އިވުނީކަންނޭގެއެވެ. އެހެންނަމަވެސް އަހަންނަށް ހުއްޓާލާކަށް ނޭގުނެވެ. މެޔާ ކައިރިކޮއްލެވިފައިވާ ދެ ކަކޫގެ ތެރޭ މޫނުފޮރުވާލަމުން ކުރިއަށްވުރެ ބޮޑަށް އަހަންނަށް ރޮވުނީއެވެ. އަހަރެންގެ އަތުގައި ހައިކަލް އަތްލުމުން ދެފަހަރަކު ފޮޅާލެވުނެއް ކަމަކު އަހަންނަށް އޭނަގެ އަތުގެތެރެއަށް ދެވުނެވެ. އޯގާތެރިކަމާއެކު ހައިކަލްގެ އަތުގެތެރޭ އަހަރެން ހިފަހައްޓާލިއެވެ. ހައިކަލްގެ އަތުގެ ތެރޭ އޭނަގެ ކޮނޑުގައި ބޯއަޅާލައިގެން އޮވެ ރޮމުންދިޔައިރު ހައިކަލްގެ ފިރުމުންތައް އިހްސާސް ވެސް ކުރެވުނެވެ. އެގޮތުގައި އަހަރެންގެ ގާތުގައި ފަތިސްވަންދެން ހައިކަލް އިނެވެ. އަހަރުމެން ދެ މީހުންގެ ދެމެދުގައި އެއްވެސް ވާހަކައެއް ނުދެކެވުނު ނަމަވެސް އަހަރެންގެ ހާލު އެވަގުތު ހައިކަލްއަށް އިހުސާސް ކުރެވޭ ކަހަލައެވެ. ދޭތެރެއަކުން އޭނާގެ އަނގައިން ލައްވާލާ އަޑުން ދެން ހުއްޓާލާށޭ ބުނާ ކަހަލައެވެ. ރުއިން ހުއްޓާލެވި ގިސްލުމުގެ އަޑު ވެސް ކެނޑިގެން ދިޔައެވެ. އަހަރެން ހަމައަކަށްއެޅިއްޖެކަން ހައިކަލްއަށް ޔަގީންވުމާއެކު އަހަރެންގެ ބޮލުގައި ފިރުމާލާފައި އިސްތަށިގަނޑުގައި ބޮސްދިނެވެ. އަދި މަޑުމަޑުން އޭނާއާ އަހަރެން ދުރުކޮށްލިއެވެ. އަހަންނަށް ބަލާލާފައި ކޯތާފަތުގައި އެ ބޮޑު އަތްތިލައިގެ ނުފުށުން ފިރުމާލިއެވެ. ދެން ފެނުނީ އެނދުން ތެދުވެ އަހަންނަށް ފުރަގަސް ދީ ހިނގައިގަތް ތަނެވެ. އަހަރެން ބަލަން އިންދާ ކޮޓަރިން ނުކުމެ ދޮރުލައްޕާލީއެވެ. (ނުނިމޭ)