އަނިޔާގައި ހުރުމުން މެޗެއް ނުކުޅޭތާ 64 ދުވަސް ފަހުން ރެއާލް މެޑްރިޑާއެކު ފުރަތަމަ ފަހަރަށް ވޭލްސްގެ ވިންގާ ގެރެތު ބޭލް ކުޅެން ތައްޔާރު ވެއްޖެ އެވެ.
ސްޕެނިޝް ކަޕްގައި، ފްއެންލަބަރާޑާ އާ ދެކޮޅަށް ކުޅޭ ދެ ވަނަ ލެގް މެޗުގައި، މިރޭ ބޭލް އަށް ފުރުސަތު ދޭނެކަމަށް ރެއާލްގެ ކޯޗް ޒައިނުއްދީން ޒިދާން ބުންޏެވެ. ކޮޕަޑެލްރޭގެ ފުރަތަމަ ބުރުގައި އާންމު ގޮތެއްގައި ޒިދާން ފުރުސަތު ދެނީ ޒުވާން ކުޅުންތެރިންނަށެވެ. ނަމަވެސް ބޭލް،28 އަށް ފުރުސަތު ދެނީ އޭނާގެ އަސްލު ފޯމަށް އެޅެން މެޗު ޓައިމް ހޯދައި ދިނުމުގެ ގޮތުންނެވެ.
ބޭލްގެ ކުޑަކަޅުވާ މަސްގަނޑަށް އަނިޔާވީ، ޗެމްޕިއަންސް ލީގްގެ ގުރޫޕް ސްޓޭޖު ފުރަތަމަ މެޗުގައި ބުރޫޝިއާ ޑޯޓަމުންޑާ ދެކޮޅަށް ކުޅުނު މެޗުގައެވެ. އޭގެ ފަހުން މި މަހު މެދުތެރޭގައި އޭނާ ކުޅެން ނިކުންނަން ތައްޔާރު ވަމުން ދަނިކޮށް ރެއާލްގެ ފަރިތަކުރުންތަކުގައި ބޭލް އަށް އަނިޔާވެގެން އިތުރަށް މަޑު ކުރަން ޖެހުނީ އެވެ.
"އަލުން ޓްރެއިނިންއަށް ނިކުތުމަކީ ލިބުނު ބޮޑު ހިތްހަމަ ޖެހުމެއް، އުނދަގޫ މަހެއްގައި ބުރަކޮށް މަސައްކަތް ކޮށްގެން އަނބުރާ ނިކުމެވުމުން ހިތްހަމަޖެހޭ." ޓްވިޓާގައި ބޭލް ބުނެފައި ވެއެވެ.
ޒިދާން ބުނީ ބޭލް އަށް މެޗުން ފުރުސަތު ދިނަސް އޭނާ ބޭނުން ވަނީ ރެއާލްގެ ފޯވަޑްލައިން އެކުގައި ފެންނަން ކަމަށެވެ.
"އަހަރެން ބޭނުން އެ ތިން ކުޅުންތެރިން އެކުގައި ފެންނަން، ކްރިސްޓިއާނޯ [ރޮނާލްޑޯ]، ގެރެތު [ބޭލް] އަދި [ކަރީމް] ބެންޒެމާ، ސަބަބަކީ ގިނަ ދުވަސްތަކެއް ވެއްޖެ އެ ތިން ކުޅުންތެރިން އެކުގައި ކުޅޭތަން ނުފެންނަތާ،" ނޫސްވެރިންނާ ވާހަކަ ދައްކަމުން ޒިދާން ބުންޏެވެ.
"ބޭލް އަހަރެމެންނާއެކު މާދަމާ ހުންނާނެ، އަހަރެންގެ ވިސްނުމަކީ އޭނާ [ ފްއެންލަބަރާޑާ އާ ދެކޮޅަށް] ކުޅުވުން، އަހަރެން ބޭނުން އޭނަ 100 ޕަސަންޓް ފޯމަށް ގެންނަން، އެކަމަކު އަހަންނަކަށް ނޭންގެ އޭނާ އެ ފޯމަށް އަންނާނީ ކިހާ ދުވަހަކުން ކަމެއް."
ބޭލްގެ އިތުރުން، އަނިޔާގައި ހުރި ގޯލްކީޕަރު ކޭލޯ ނާވަސް އާއި މިޑްފީލްޑާ މަޓާއޯ ކޮވަސިޗް ވެސް ވަނީ އަނިޔާއިން ރަނގަޅުވެ ކުޅުމަށް ތައްޔާރު ވެފައެވެ.