ކުޅިވަރު

ގަޓޫސޯއަށް ދިނީ ވަގުތީ ކޯޗުގެ ރޯލެއް ނޫން: މިލާން

Nov 28, 2017

އޭސީ މިލާންގެ ކޯޗަކަށް ހުރި ވިންޗެސްޒޯ މޮންޓެލާ ވަކި ކުރުމަށްފަހު ކޯޗަކަށް ހަމަޖެއްސި ޖިންނާރޯ ގަޓޫސޯއަކީ މިލާންގެ ވަގުތީ ކޯޗު ނޫން ކަމަށާއި ދާއީމީ ކޯޗަކަށް ވުމުގެ ފުރުސަތު އެބައޮތް ކަމަށް މިލާންގެ ސްޕޯޓިން ޑިރެކްޓާ މަސިމިލިއާނޯ މިރަބެލީ ވިދާޅުވެއްޖެ އެވެ.

މޮންޓެލާ، މިލާންގެ ކޯޗް ކަމުން ވަކި ކުރީ، މި ސީޒަނަށް ވަރުގަދަ ސްކޯޑެއް އެކުލަވާލައިގެން ނިކުތް ނަމަވެސް އެ ޓީމުގައި އޭނާ އަށް ކާމިޔާބު ހޯދައި ނުދެވުމުން ނެވެ. މިލާން އޮތީ ލީގްގެ ހަތް ވަނައިގަ އެވެ. އިއްޔަ ކޯޗް ކަމަށް ހަމަޖެއްސި ގަޓޫސޯ، އިއްޔައާ ހަމަޔަށް ހުރީ މިލަާންގެ ޒުވަން ޓީމުގެ ކޯޗްގެ ގޮތުގަ އެވެ.

ގަޓޫސޯ،39 ވަނީ 1999 ން 2013 އާ ހަމަޔަށް މިލާން އަށް ކުޅެފަ އެވެ. އޭނާ ވަނީ އެ މުއްދަތުގައި މިލާން އަށް ދެ ފަހަރެއްގެ މެތިން ޗެމްޕިއަންސް ލީގާއި އިޓަލިއަން ލީގް ކާމިޔާބު ކޮށްދިނުމުގައި މުހިންމު ދައުރެއް އަދާ ކޮށްފަ އެވެ.

"ގަޓޫސޯ އަކީ އަހަރެމެންގެ ކޯޗް، ވަގުތީ ކޯޗެއްގެ ގޮތުގައި ރޯލް އޭނާ އަށް ދީފިނަމަ އުނދަގޫ ވާނެ، އެހަރެމެން އޭނާ އަށް މިދިނީ ރަނގަޅު ފުރުސަތެއް އަހަރެމެން ބަލާނަން ކިހިނެއްތޯ އޭނާ މި ފުރުސަތު ބޭނުން ކުރަނީ." މިރަބެލީ ވިދާޅުވި އެވެ.