ދުނިޔެ

ޗައިނާގެ އިސް ޖެނެރަލަކު ދަންޖެހިގެން މަރުވެއްޖެ

ޗައިނާގެ އަސްކަރީ ބާރުތަކުގެ އިސްވެރިއަކު ދަންޖެހިގެން މަރުވެއްޖެއެވެ.

ޗައިނާ ސަރުކާރުގެ ޒިންހުއާ ނިއުސް އެޖެންސީން ބުނީ އެގައުމުގެ ސެންޓްެރަލް މިލިޓްރީ ކޮމިޝަން ( ސީއެމްސީ)ގެ މެމްބަރެއްގެ ގޮތުގައި ހުރި ޒާން ޔަން ވެރިރަށް ބެއިޖިންގައިވާ އޭނާގެ ގޭގައި ދަންޖެހިގެން މަަރުވެފައި ހުއްޓައި ފެނުނީ މިހިނގާ ނޮވެމްބަރު މަހުގެ 23 ވަނަ ދުވަހު ކަމަށެވެ.

ޒާން ކުރިން ހުރީ ސީއެމްސީގެ ޕޮލިޓިކަލް ވޯކް ޑިޕާޓްމަންްޓްގެ ވެރިޔަކަށެވެ. ނަމަވެސް ކޮރަޕްޝަނުގެ ކުށް ސާބިތުވެފައިވާ ކުރީގެ އަސްކަރީ އިސް ދެބޭފުޅަކާ ގުޅުން އޮތް ކަމުގެ ތުހުމަތަށް ޗައިނާ ސަރުކާރުން ވަނީ ދާދި ފަހުން ޒާންއާ ސުވާލުކުރަން ފަށާފައެވެ. އޭނާއަށް ތުހުމަތު ކޮށްފައި ވަނީ ގުއޯ ބޮކްސިއޮން އާއި ޒޫ ޗައިހޯއާ ގުޅުން އޮންނަ ކަމަށެވެ. އެ ދެބޭފުޅުންނަކީ ކޮރަޕްޝަނުގެ ތުހުމަތަށް ކުރިން ޖަލަށް ލާފައިވާ ދެބޭފުޅުންނެވެ.

ޒާންއާ ދެކޮޅަށް ހިންގި ތަހުގީގަކަށް ފަހު ސަރުކާރުން ބުނެފައި ވަނީ އޭނާ ޑިސިޕްލިނަރީ ގާނޫނާ ހިލާފުވެފައިވާ ކަަމަށެވެ.

ޒާން މަރުވީ މިމަހުގެ 23 ވަނަ ދުވަހު ކަމަށް ވިޔަސް ޗައިނާ ސަރުކާރުން އެކަން ހާމަކުރީ މިއަދުއެވެ.

ކޮރަޕްޝަނާ ދެކޮޅަށް ކަމަށް ބުނެ ރައީސް ޝީޖިންޕިންގެ ސަރުކާރުން ކުރިއަށް ގެންދާ ކެމްޕޭނުގައި އޭނާއާ ދެކޮޅު ގިނަ ބޭފުޅުންތަކެއް ވަނީ ޖަލަށް ލާފައެވެ.