ދުނިޔެ

އޮކްސްފޯޑުން ސޫކީއަށް ދީފައި އޮތް ޝަރަފު ނަގައިފި

އެއް ދުވަސްވަރެއްގައި ޑިމޮކްރަސީގެ ރަމްޒެއް ކަމަށް ދުނިޔެއިން ދުށް ، މިޔަންމާގެ ލީޑަރު އަންސަން ސޫކީއަށް އިނގިރޭސިވިލާތުގެ ބޮޑު ޝަހަރެއް ކަމަށްވާ އޮކްސްފޯޑުން ދީފައިވާ " ފްރީޑަމް އޮފް ދަ ސިޓީ" ގެ ޝަރަފުން އޭނާ ވަކިކޮށްފިއެވެ.

ސްކައި ނިއުސް ބުނީ އޮކްސްފޯޑް ސިޓީ ކައުންސިލުން އެކަން އެގޮތަށް ކުރަން ނިންމީ އިއްޔެރޭ ބޭއްވި ބައްދަލުވުމެއްގައި އެ ކައުންސިލުގެ އިއްތިފާގުން ކަމަށެވެ. އެ ނިންމުން ނިންމީ މިޔަންމާގެ ރާޚައިން ސްޓޭޓްގައި ބައިމަދު ރޯހިންޔާ ދަރިކޮޅުގެ މީހުންނާ ދެކޮޅަށް މިޔަންމާ ސިފައިން ހިންގާ ޖަރީމާތަކަށް ކަނު ލޮލެއް ދެވެން ނެތް ކަމަށް ބުނެއެވެ.

ކައުންސިލުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ސޫކީއަށް 1997 ވަނަ އަހަރު ' ފްރީޑަމް އޮފް ދަ ސިޓީ"ގެ ޝަރަފު ދިނީ އެ ސިޓީން ގަބޫލު ކުރާ އަގުތައް ކަމަށްވާ ޓޮލެރެންސްއާއި ބައިނަލް އަގުވާމީ ވަންތަކަން އޭރުގަައި ދައްކައިދެއްވި ބޭފުޅަކަށް ވާތީ ކަމަށެވެ. ނަމަވެސް މިހާރު އެކަން ނަގަން ޖެހުނީ ރޯހިންޔާ މީހުންނަށް ކުރިމަތިވެފައިވާ އަނިޔާވެރިކަމާ ދެކޮޅަށް ފިޔަވަޅު އަޅުއްވަން ސޫކީ ނުކުޅެދިވަޑައިގެންފައިވާތީ ކަމަށް ވެސް އެ ބަޔާނުަގައި ބުނެފައި ވެއެވެ.

އަދި ބުނެގައި ވަނީ އޮކްސްފޯޑަކީ ތަފާތު ގިނަ ނަސްލުތަކުގެ މީހުންނަށް ފުރުސަތު އޮންނަ އިންސާނިއްޔަތުކަން ހުރި ޝަހަރެއްގެ ގޮތުގައި މަޝްހޫރު ތަނެއް ކަމަށާއި ހަމަނުޖެހުމަށް ކަނުލޮލެއް ދޭ މީހުންނަށް ޝަރަފު ދީގެން ތިބުމަކީ އެ ޝަހަރުގެ އަބުރަށް ހުތުރުވާނެ ކަމެއް ކަމަށެވެ.

އަންސަން ސޫކީގެ ރިކަލުން މައިކަލް އަރިސް އަވަހާރަވުމުގެ ކުރިން ދިރިއުޅުއްވީ އޮކްސްފޯޑުގައެވެ. އަދި ސޫކީގެ ބޭފުޅުން ބޮޑުފުޅުވީ ވެސް އެތަނުގައެވެ.

މިޔަންމާގެ ރާޚައިން ސްޓޭޓުގައި އެގައުމުގެ ސިފައިން ދަނީ ރޯހިންޔާ ދަރިކޮޅުގެ މީހުންނާ ދެކޮޅަށް ބޮޑެތި ޖަރީމާތައް ހިންގަމުންނެވެ. އެގޮތުުން ހިންގާ ޖަރީމާތަކުގެ ތެރޭގައި އަންހެނެއް ކުޑަކުއްޖެއް ނުބަލައި މީހުން މެރުމާއި އިތްފަތް ފޭރުމާއި ގެދޮރު އެންދުން ހިމެނެއެވެ. އެކަންތައްތަކުން ސަލާމަތްވާން އަވަށްޓެރި ބަންގްލަދޭޝްއަށް ހިޖުރަކުރި މީހުންގެ އަަދަދު މިހާރު ވަނީ 622000 ( ހަލައްކަ ބާވީސް ހާސް) އަށް އަރާފައެވެ.