ފިނިޕޭޖް

ރަން ޒަމާން ޝޯ ގެ މެއިން ސްޕޮންސަރަކަށް އެސްބީއައި

"ފްރެންޑްޝިޕް އެސޯސިއޭޝަން އޮފް އިންޑިއާ އެންޑް މޯލްޑިވްސް" (ފެއިމް) އިން އިންތިޒާމްކޮށްގެން އަންނަ މަހުގެ ހަތެއް އަދި އަށެއްގައި ބާއްވަން ހަމަޖެހިފައިވާ "ރަން ޒަމާން" ޝޯގެ މެއިން ސްޕޮންސަރަކަށް ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) ހަމަޖައްސާ އަދިވެސް އިތުރު ހަތަރު ޕާޓްނަރުން އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

މިއަދު ހަވީރު ވިލެޖް ކެފޭ އެންޑް ޓީ ގައި ބޭއްވި ރަސްމިއްޔާތެއްގައި އެސްބީއައި ގެ ފަރާތުން ފެއިމް އާ ޗެކު ހަވާލުކޮށްދެއްވީ ރާއްޖޭގައި ހުންނަ އިންޑިއަން ކަލްޗަރަލް ސެންޓަރުގެ ޑިރެކްޓަރު މުހައްމަދު ހާލިގު އެވެ. އަދި ފެއިމްގެ ފަރާތުން ޗެކާ ހަވާލުވެލައްވާފައިވަނީ ފެއިމްގެ ރައީސް އަހްމަދު އަމްޖަދެވެ.

ރަން ޒަމާން ޝޯ އާ މިއަދު ގުޅިފައިވާ އިތުރު ޕާޓްނަރުންނަކީ ސްކިން ކޭންޑީ، ގޯޖަސް ޓެއިލާސް، އެމް ސެވަން ޕްރިންޓާސް އަދި ރިޝްވާން ފޮޓޮގްރަފީ އެވެ. އަދި ބެވަރޭޖް ޕާޓްނަރުގެ ގޮތުގައި ކޮކާ ކޯލާ ކޮމްޕެނީ ވަނީ ބައިވެރިވެފަ އެވެ. އެ ޝޯ ކުރިއަށްދާއިރު އޮލިމްޕަހުގައި އެ ކުންފުނިން ކުރާ ވިޔަފާރިތަކުން ލިބޭ ފައިސާ އޯލްޑް އިޒް ގޯލްޑަށް ހަދިޔާ ކުރަން ވަނީ ނިންމާފަ އެވެ.

މިއަދުގެ ރަސްމިއްޔާތުގައި ސްކިން ކޭންޑީ އިން ވަނީ އޯލްޑް އިޒް ގޯލްޑްގެ މެންބަރުންނަށް ލައިފްޓައިމް މެންބަޝިޕް ކާޑެއްވެސް ދޭން ނިންމާފައިވާކަން އިއުލާނުކޮށްފަ އެވެ.

އޯލްޑް އިޒް ގޯލްޑް މިހާރު ވަނީ ބޭންޑެއްގެ ގޮތުގައި ނެޝަނަލް ސެންޓަ ފޯ އާޓްސް (އެންސީއޭ)ގައި ރަޖިސްޓްރީކޮށްފަ އެވެ. އަދި ބޭންޑުގެ މެންބަރުންނަށް ވުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.

ރަން ޒަމާން ޝޯ އޮންނާނީ އޮލިމްޕަހުގަ އެވެ. ޓިކެޓު ވިއްކަން މިހާރު ވަނީ ފަށާފަ އެވެ. ޓިކެޓު ގަންނަން ބޭނުންވާ ފަރާތްތަކަށް އޮންލައިންކޮށް ޓިކެޓު ގަތުމަށް ހާއްސަ ވެބްސައިޓެއް މިހާރު ވަނީ ލޯންޗުކޮށްފަ އެވެ. އަދި އެކަމަށް ހާއްސަ ހޮޓްލައިނަށް ގުޅައިގެންވެސް ޓިކެޓު ގަނެވޭނެ އެވެ. އޮންލައިންކޮށް ޓިކެޓު ގަންނަން ބޭނުންވާ ފަރާތްތަކުން http://tickets.shoppingmaldives.com/ އަށް ޒިޔާރަތްކޮށްގެން ޓިކެޓު ގަނެވޭނެ އެވެ. އަދި ރަން ޒަމާން ޝޯގެ ހޮޓްލައިން ނަމްބަރު 7993246 އިން ލިބޭނެ އެވެ. ޓިކެޓުގެ އަގު އުޅެނީ 200 ރުފިޔާ އަދި 500 ރުފިޔާ އަށެވެ. އަންނަ މަހު އެކަކުން ފެށިގެން އޮލިމްޕަހުން ޓިކެޓް ވިއްކާނެ އެވެ.

އެ ޝޯގެ ޓިކެޓުތައް ސްޕޮންސާކޮށްފައިވަނީ ތައި ޕްލޭސް ރެސްޓޯރެންޓުންނެވެ. ޓިކެޓު ގަންނަ ފަރާތްތަކުން ޓިކެޓު ހިފައިގެން ދިއުމުން ހުޅުމާލޭގައި ހުންނަ ތައި ފުޑް ޕްލޭސް ރެސްޓޯރެންޓުން 15 ޕަސަންޓު ޑިސްކައުންޓު ލިބޭނެ އެވެ.

ކުރީގެ ފަންނާނުން އަދި މިހާރުގެ ފަންނާނުންނާއެކު ޖުމްލަ 23 ފަންނާނުން އެ ޝޯގައި ފެނިގެންދާނެ އެވެ. އޭގެ ތެރޭގައި އަބްދުﷲ ރަމީޒާއި މަހްމޫދާ ޝަކީބާއި ފާތިމަތު ރައޫފާއި އަބްދުއްރައޫފާއި ޝަފީގާ ހިމެނެ އެވެ. ތަރިންގެ ލަވަތައް މިއަދުވެސް ފަނޑުވުމެއްނެތި ވިދަ އެވެ. މިއަދުވެސް އެ ފަންނާނުން މަގުބޫލެވެ. އެ ފަންނާނުންގެ އަޑު އިވޭނެ އިރަކަށް އިންތިޒާރު ކުރެ އެވެ.

އެ ޝޯއަށް ހާއްސަކޮށް ސްވެނިއާ ޓީޝާޓުވެސް ވިއްކާނެ އެވެ. އަދި ކުރީގެ ފަންނާނުންގެ ބަޔޯގްރަފީ މެގަޒިން އެއްވެސް ނެރެން ވަނީ ނިންމާފަ އެވެ. އެ މެގަޒިން ނެރޭނީ މި މަހު ނުވަތަ އަންނަ މަހުގެ ފަހުކޮޅެވެ. މި ޝޯއިން ލިބޭ ރެވެނިއުގެ 10 ޕަސަންޓު ފައިސާ ހަދިޔާ ކުރަން ނިންމާފައިވަނީ ކެންސާ ސޮސައިޓީ އޮފް މޯލްޑިވްސް އަށެވެ.

ޝޯ އާ އިތުރު ޕާޓްނަރުންތަކެއްވެސް މިހާރު ވަނީ ސޮއިކޮށްފަ އެވެ. އެގޮތުން ވޯޑްރޯބް ސްޕޮންސަރެއްގެ ގޮތުގައި ގޯޖަސް ޓެއިލާސް ވަނީ ގުޅިފަ އެވެ. އަދި ފޮޓޯގްރަފީ ޕާޓްނަރުގެ ގޮތުގައި ރިޝްވާން ފޮޓޮގްރަފީ ވަނީ ގުޅިފަ އެވެ.

ރަންޒަމާން ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ އަވަސް އެވެ. ސައުންޑް އެންޑް ލައިޓްސް ޕާޓްނަރުގެ ގޮތުގައި ސޮއިކޮށްފައިވަނީ އިވެންޓް މޯލްޑިވްސް އެވެ. ޗެރިޓީ ޕާޓްނާ އަކަށް ކެންސާ ސޮސައިޓީ، މީޑިއާ ޕާޓްނާ (ޓީވީ) އަކަށް ރާއްޖެ ޓީވީ، ސެލޫން ޕާޓްނާ އަކަށް ސްކިން ކޭންޑީ އަދި ރެސްޓޯރެންޓް ޕާޓްނާ އަކަށް ސޮއިކޮށްފައިވަނީ ވިލެޖް ކޮފީ އެންޑް ޓީ އެވެ.