ވޯލްޑް ބޭންކުން ކޮންމެ އަހަރަކު ވިޔަފާރި އަށް ފަސޭހަ ގައުމުތަކެއް ހޮވަ އެވެ. އަދި އެ ގައުމުތައް ގިންތިކޮށް "އީޒް އޮފް ޑުއިން ބިޒްނަސް އިންޑެކްސް" ގެ ނަމުގައި ލިސްޓެއް އާއްމު ކުރެ އެވެ. މި ލިސްޓުގައި ދުނިޔޭގެ އެތަށް ގައުމެއް ހިމަނަ އެވެ. އެކި ފެންވަރު، އެކިވަރުގެ އިގްތިސާދުތައް މި ލިސްޓުގައި ހިމެނެ އެވެ. މިއީ އިންވެސްޓަރުންގެ ދުރުމިއަށް އެންމެ ފަސޭހަ އިން އަރާ އެއް ލިސްޓެވެ. ނަމަވެސް މި ލިސްޓުގައި ރާއްޖެ އަހަރުން އަހަރަށް ދަނީ ދަށްވަމުންނެވެ. ސަބަބަކީ ކޮބައި ހެއްޔެވެ؟ ރާއްޖެ ވިޔަފާރިއަށް ފަހިވާން ކުރަންވީ ކޮން ކަމެއް ހެއްޔެވެ؟
ސަރުކާރުން ވަނީ ވިޔަފާރި އަށް ފަސޭހަ މާހައުލެއް ރާއްޖެއަށް ގެންނަން މުހިންމު ބަދަލު ތަކެއް ވެސް ގެނެސްފަ އެވެ. މީގެ ތެރޭގައި އިންވެސްޓަރުންނަށް ފަސޭހަ އިން އިންވެސްޓް ކުރުމަށް ގާނޫނުތަކަށް ބަދަލު ގެނެސްދީފި އެވެ. އިންވެސްޓް ކޮށްގެން ތިބި ފަރާތްތަކަށް "ބެނިފިޓް" ތައް ލިބޭނެ ގޮތަށް "ކޯޕަރޭޓް ރެސިޑެންސް ވިސާ" ދޫކުރަން ފަށައިފި އެވެ. ނަމަވެސް ވިޔަފާރިކުރަން ފަސޭހަ ލިސްޓުގައި ރާއްޖެ ދަނީ ދަށަށެވެ.
މިކަން ބަލައިލަން ވޯލްޑް ބޭންކުގެ، އީޒް އޮފް ޑުއިން ބިޒްނަސް އިންޑެކްސް (ޑީބީއައި) ގައި ވޭތުވެދިޔަ ހަ އަހަރަށް ބަލައިލަމާ ހިނގާށެވެ.
ދެހާސް ތޭރަ ވަނަ އަހަރު ރާއްޖޭގެ ރޭންކިންއަކީ 85 ދަރަޖަ އެވެ. އަދި 2014 ވަނަ އަހަރު ރާއްޖެ ވަނީ 79 ދަރަޖަ މައްޗަށް ޖެހިލާފަ އެވެ. މިއީ ކުރިއެރުމެކެވެ. ނަމަވެސް 2015 ވަނަ އަހަރު ވަނީ 95 ދަރަޖަ އަށް ވެއްޓިފަ އެވެ. މި ލިސްޓުގައި ރާއްޖެ އެންމެ ބޮޑަށް ވެއްޓުމެއް އައީ 2016 ވަނަ އަހަރެވެ. އެ އަހަރު ރާއްޖެ ވަނީ 129 ދަރަޖައަށް ސޮއްސާލާފަ އެވެ. އަދި މި އަހަރު 2017 އަހަރު 135 ދަރަޖަ އަށް ވެއްޓުނުއިރު، އަންނަ އަހަރަށް ނެރުނު ރޭންކިންގައި ރާއްޖޭގެ ދަރަޖައަކީ 136 އެވެ. މިދިޔަ އަހަރަށްވުރެ އެއް ދަރަޖަ ވެއްޓުމެކެވެ.
ވޯލްޑް ބޭންކުން މި ލިސްޓު އެކުލަވާލުމުގައި ވިޔަފާރީގެ މާހައުލުން ފާހަގަ ކުރެވޭ 10 ކަމެއްގެ މައްޗަށް ބަލަ އެވެ. އެ ބައިތަކުގެ ތެރޭގައި ވިޔަފާރި ފެށުމާއި ކުންފުނީގެ އޮފީހާއި އެ ނޫން ވެސް އިމާރާތްތައް ރަޖިސްޓްރީ ކުރުމުގެ ބައިން އިތުރުން، ލޯނު ހޯދުމާއި ޓެކްސް ދެއްކުން އަދި ގުދަން ހަދަން ހޭދަވާ މުއްދަތާއި ކަރަންޓު ލުން އަދި މުދާ އެތެރެކޮށް ބޭރު ކުރުމުގެ ހިދުމަތަށް ނަގާ ވަގުތު ވެސް ހިމެނެ އެވެ. މީގެ އިތުރުން، ކުދި އިންވެސްޓަރުންގެ ހައްގު ހިމާޔަތް ކުރުމާއި އެއްބަސްވުންތައް ތަންފީޒުކޮށް، ވިޔަފާރިއާ ގުޅުންހުރި ޝަރުއީ ކަންތައްތަކުގެ އިތުރުން ގާނޫނުތައް މެދުވެރިކޮށް މައްސަލަތައް ހަމަޖެއްސުން ހިމެނެ އެވެ.
މި ލިސްޓުގައި ދަށަށް ދަނީ މީގެ ތެރޭގައި ހިމެނޭ ބައިތައް ދަށްވާނަމަ އެވެ. ސުވާލަކީ މި 10 ކަމުން ރާއްޖޭގައި އެންމެ ދަތީ ކޮން ކަމެއް ހެއްޔެވެ؟ ވިޔަފާރި އެއް ފެށުން ހެއްޔެވެ؟ ނޫނީ ކުންފުނި ނުވަތަ އޮފީހެއް ރަޖިސްޓްރީ ކުރަން ހެއްޔެވެ؟ ނުވަތަ ވިޔަފާރިއަށް ފައިސާ ހޯދަން ހެއްޔެވެ؟ ނުވަތަ އިންވެސްޓަރުންގެ ހައްގުތައް ހިމާޔަތް ކުރަން ހެއްޔެވެ؟
މި ލިސްޓުގައި އެންމެ ފަހުން ރާއްޖެ ދަށަށް ގޮސްފައިވާ ބައިތަކަށް ބަލާއިރު އެންމެ ބޮޑަށް ފާހަގަ ކޮށްލެވެނީ އިންވެސްޓަރުންގެ ހައްގުތައް ހިމާޔަތް ކުރުމުގެ ބަ އެވެ. މިދިޔަ އަހަރު އެކުލަވައިލި (2017) ގެ ލިސްޓުގައި އިންވެސްޓަރުންގެ ހައްގު ހިމާޔަތް ކުރުމުގެ ބައިން ރާއްޖޭގެ ދަރަޖައަކީ 123 އެވެ. ނަމަވެސް މި އަހަރު ނެރުނު (2018) ގެ ރޭންކިންގައި ރާއްޖެ ވަނީ 132 އަށް ވެއްޓިފަ އެވެ. ނުވަ ޕަސެންޓުގެ ވެއްޓުމެކެވެ. މީގެން ދަށްކުވައި ދެނީ ކޮންކަމެއް ހެއްޔެވެ؟
ތަޖުރިބާކާރުންގެ ނަޒަރުގައި މި ކަމުން އެނގެނީ ރާއްޖޭގެ ޝަރުއީ ނިޒާމު ރަނގަޅު ކުރަން ޖެހޭ ކަމެވެ. އަދި އިންވެސްޓަރުންގެ ހައްގުތައް ހިމާޔަތް ކުރާނެކަން އަމަލުން ދައްކަން ޖެހިފައިވާ ކަމެވެ.
ދެން އޮތީ، ވޯލްޑް ބޭންކު ލިސްޓުގައި އިންވެސްޓަރުންގެ ހައްގު ހިމާޔަތް ކުރުމުގެ ބައިގައި އެހެން ގައުމުތަކުގެ ހާލަތު އޮތް ގޮތް ބެލުމެވެ. މި ބައިގައި އަބަދު ވެސް އެންމެ ކުރީގައި އުޅެނީ ސިންގަޕޫރެވެ. އަދި ކޮންމެ އަހަރަކު ވެސް އެންމެ މަތިން ރޭންކް ކުރަނީ އެ ގައުމުގެ، މި ބައެވެ. މީގެ އިތުރުން ރާއްޖެއާ އަވަށްޓެރި ގައުމުތަކަށް ބަލާނަމަ ސްރީލަންކާ އުޅެނީ މި ބައިން 43 ދަރަޖާގަ އެވެ. އަދި އިންޑިޔާގެ ރޭންކިންއަކީ ހަތަރެކެވެ. އަދި ނޭޕާލްގެ ރޭންކިންއަކީ 62 އެކެވެ. ސުވާލަކީ މިބައިގައި ރާއްޖެ 132 ގައި އުޅުމުން އިންވެސްޓަރުންގެ އިތުބާރަށް އަސަރު ކުރާނެ ހެއްޔެވެ؟
އިގްތިސާދީ މާހިރުން ދެކިލައްވާ ގޮތުގައި ރާއްޖެއަކީ ވިޔަފާރިއަށް ފަހި ގައުމަކަށް ހަދަން ބޭނުންނަމަ، ފުރަތަމަ ކަމަކީ އިންވެސްޓަރުންގެ ހައްގުތައް ހިމާޔަތް ކުރުން ޔަގީން ކުރުމެވެ. އަދި މީގެ ކުރިން ދިމާވެފައިވާ ބޮޑެތި ވިޔަފާރީގެ މައްސަލަތަކަކީ މި ލިސްޓުގައި ރާއްޖެ ދަށަށް ދިއުމުގެ ސަބަބެއް ކަމަށް މާހިރުން ދެކިލައްވަ އެވެ.
"އިންވެސްޓަރުންގެ ހައްގު ހިމާޔަތް ކުރުމުގައި އެންމެ ބޮޑު ގޮންޖެހުމެއް ދިމާވި އެއް މައްސަލައަކަށްވާނެ ޖީއެމްއާރު މައްސަލަ. އެކަމުގެ ސަބަބުން ރާއްޖޭގެ މުޅި ނިޒާމަށް އަސަރު ކުރި. އެ ވާހަކަ މުޅި ދުނިޔޭގެ ފައިނޭންޝަލް ދާއިރާގައި އުޅުނު. އެ ކަމަކީ ކޮންމެ ގޮތަކުން ހިނގިކަމެއް ނަމަވެސް، މީގައި ވިސްނަން ޖެހޭ ތަންކޮޅަކީ މީގެން ކުރާނެ އަސަރު. ބުނެވޭނީ ޖީއެމްއާރު މައްސަލައިގެ ސަބަބުން އިންވެސްޓަރުންގެ ހައްގުތައް ހިމާޔަތް ކުރުމުގެ ދާއިރާ އިން ރާއްޖެ ދަށްވި އޭ،" ނަން ނުޖެހުމަށް އެދި ވިދާޅުވި އެވެ.
އިންވެސްޓަރުންގެ ހައްގު ހިމާޔަތް ކުރުމުގައި އެންމެ ބޮޑު ގޮންޖެހުމެއް ދިމާވި އެއް މައްސަލައަކަށްވާނެ ޖީއެމްއާރު މައްސަލަ. އެކަމުގެ ސަބަބުން ރާއްޖޭގެ މުޅި ނިޒާމަށް އަސަރު ކުރި. އެ ވާހަކަ މުޅި ދުނިޔޭގެ ފައިނޭންޝަލް ދާއިރާގައި އުޅުނު. އެ ކަމަކީ ކޮންމެ ގޮތަކުން ހިނގިކަމެއް ނަމަވެސް، މީގައި ވިސްނަން ޖެހޭ ތަންކޮޅަކީ މީގެން ކުރާނެ އަސަރު. ބުނެވޭނީ ޖީއެމްއާރު މައްސަލައިގެ ސަބަބުން އިންވެސްޓަރުންގެ ހައްގުތައް ހިމާޔަތް ކުރުމުގެ ދާއިރާ އިން ރާއްޖެ ދަށްވި އޭތަޖުރިބާކާރެއް
އޭނާ އިތުރަށް ވިދާޅުވި ގޮތުގައި މި މައްސަލައިގެ އިތުރުން، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ސަބަބުން އުވައިލި އެގްރީމެންޓްތަކަކީ ވެސް ބޮޑު މައްސަލައެއް ކަމަށެވެ.
"އެމްއެމްޕީއާރުސީ ހިޔާނާތް ދިޔަ ގޮތުން އިންވެސްޓަރުންގެ ހައްގުތަކެއް ގެއްލުނު. އެކަން މިހާރު ވެސް އެތަށް ބަޔަކު އެ ދަނީ ތަހައްމަލް ކުރަމުން. ރަށްތަށް ދިން އެތަށް ބަޔަކަށް ގެއްލުންވި. މިއީ ވެސް ފާހަގަ ކޮށްލަން ޖެހޭ ކަމެއް. ގެއްލުމެއް."
ވިޔަފާރިއަށް ފަސޭހަ ގައުމަކަށް ހެދުމަކީ ހަމައެކަނި ފަސޭހަ އިން އޮފީސް ހެދުމާއި ލޯނު ލިބުން އެކަންޏެއް ވެސް ނޫނެވެ. މިކަމުގައި ގިނަ ކަންތައްތަކެއް ރަނގަޅު ކުރަން ޖެހެ އެވެ. އެކަން ވޯލްޑް ބޭންކް ރިޕޯޓުން ފާހަގަ ކުރެވެ އެވެ. ވިޔަފާރި އަށް ފަހި ކުރަން ރާއްޖެ އަށް އޮތް މަގަކީ މިއީ އެވެ.