ދުނިޔެ

ސައުދީ ނެޝަނަލް ގާޑުގެ ކުރީގެ ވެރިޔާ މިނިވަންކޮށްފި

ކޮރަޕްޝަނާ ދެކޮޅަށް ކަމަށް ބުނެ ސައުދީ ސަރުކާރުން މިހިނގާ ނޮވެމްބަރުމަހުގެ ހަތަރުވަނަ ދުވަހު ހައްޔަރު ކުރި ޝާހީ ހާންދާނުގެ ބޭފުޅުންގެ ތެރެއިން ނުފޫޒު ގަދަ ބޭފުޅެއް ކަަމަށްވާ އަމީރު މުތުއިބު ބިން އަބުދުުﷲ މިއަދު މިނިވަން ކޮށްފިއެވެ.

އޭއެފްޕީއާ ހަވާލާދީ ބީބީސީ ބުނީ މުތުއިބު މިނިވަން ކުރީ ބިލިޔަނަކަށް ވުރެ ގިނަ ޑޮލަރު ސައުދީ ސަރުކާރަށް ދައްކަވަން އެއްބަސްވެވަޑައިގެންނެވުމުން ކަމަށެވެ.

އަމީރު މުތުއިބަކީ ސައުދީ ޝާހީ ހާންދާނުގެ ތިލަފަތް ވަކި ބޭފުޅަކަށް ބުރަވިޔަ ނުދިނުމަށް އޮންނަ ލަޝްކަރެއް ކަމަށްވާ ނެޝަނަލް ގާޑުގެ ވެރިޔާގެ މަގާމުގައި ހުންނަވަނިކޮށް ހައްުޔަރު ކުރުމަށް ފަހު މަގާމުން ދުރުކޮށްފައިވާ ބޭފުޅެކެވެ. ކޮރަޕްޝަނާ ދެކޮޅަށް ކަމަށް ބުނެ ހިންގި ހަރަކާތުގައި އޭނާގެ އިތުރުން 200 ބޭފުޅަކު ވަނީ ހައްޔަރުކޮށްފައެވެ. އޭގެ ތެރޭގައި ޝާހީ ހާންދާނުގެ ބޭފުޅުންނާއި ކުރީގެ ވަޒީރުންނާއި ބޮޑެތި ވިޔަފާރިވެރިން ހިމެނެއެވެ.

އުމުފުޅުން 64 އަހަރުގެ މުތުއިބަކީ ސައުދީ ރަސްގެފާނު ސަލްމާން ބިން އަބުދުލް އަޒީރު އަލް ސައުދަށް ބޮޑުބޭބެ ވިދާޅުވާ ބޭފުޅެކެވެ. އޭނާއަކީ ކުރީގެ ރަސްގެފާނު އަބުދުﷲ ބިން އަބުދުލް އަޒީޒު އަލް ސައުދުގެ ދަރިކަލެކެވެ.

ސައުދީ އޮފިޝަލަކާ ހަވާލާދީ އޭއެފްޕީން ބުނީ ފައިސާ ދައްކައިގެން މިނިވަންވާން އިތުރު ތިން ބޭފުޅަކު މިހާރު އެއްބަސްވެވަޑައިގެންފައިވާ ކަމަށެވެ.

ސަލްމާން ރަސްގެފާނުގެ ދަރިކަލުން، ވަލީއަހުދު މުހައްމަދު ބިން ސަލްމާން އިސްވެ ހުންނަވާ އުފެއްދެވި، ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރާ އާ ކޮމިޝަނުން ވަނީ ޝާހީ އާއިލާގެ މުހިންމު 11 ބޭފުޅަކާއި ސަރުކާރުގެ ބައެއް އިސްވެރިން ހައްޔަރުކޮށް ހިޔާނާތާ ގުޅޭ ތަހުގީގެއް ފަށައިފަ އެވެ.

އެކަމުގެ ތެރޭގައި ބައެއް އަމީރުން އަވަހާރަވި ކަމަށް ހަބަރު ވަނީ ފެތުރިފައެވެ. އެ ފިޔަވަޅަކީ ރަސްގެފާނު ސަލްމާން ބިން އަބުދުލް އަޒީރު އަލް ސައުދުގެ ދަރިކަލުން އަދި ވަލީ އަހުދު މުހައްމަދު ބިން ސަލްމާނުގެ ބާރު ގަދަކުރެއްވުމަށް އެޅި ފިޔަވަޅުތަކެއް ކަަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން އަންނަނީ ބުނަމުން އެވެ.

ސައުދީ ޝާހީ އާއިލާގައި 7000 އަށް ވުރެ ގިނަ މެމްބަރުން ތިބޭ އިރު އޭގެ ތެރެއިން ގިނަ ބޭފުޅުންނަކީ އަމިއްލަފުޅު ވިޔަފާރިތައް ކުރައްވާ ބޭފުޅުންނެވެ.

އެކަމާ ގުޅިގެން ސައުދީގެ ޝާހީ އާއިލާ އާއި ގަލްފް ސަރަހައްދަށް ވަނީ ބޮޑު ހަލަބޮލިކަމެއް ކުރިމަތިވެފަ އެވެ.