ކުޅިވަރު

ތިން ވަނަ ޑިވިޝަން ޓީމެއް އަތުން ރެއާލް އެއްވަރު

Nov 29, 2017

ސްޕެނިޝް ކަޕްގެ ފުރަމަ ބުރުގެ ދެ ވަނަ ލެގްގައި ސްޕެއިންގެ ތިން ވަނަ ޑިވިޝަންގެ ޓީމެއް ކަމަށްވާ، ފްއެންލަބަރާޑާ އަތުން 2-2 ގެ ނަތީޖާ އަކުން ސްޕެއިންގެ ޗެމްޕިއަން ރެއާލް މެޑްރިޑް އެއްވަރު ވެއްޖެ އެވެ.

މެޗުގެ ފުރަތަމަ 11 އިން، ރެއާލްގެ ކޯޗް ޒައިނުއްދީން ޒިދާން ފުރުސަތު ދިނީ މުޅިން ޒުވާން ކުޅުންތެރިންނަށެވެ. މަޝްހޫރު މޫނު ތަކަކަށް، ފުރަތަމަ 11 ގައި ހިމަނާފައި ވަނީ، މެޗުގެ ކެޕްޓަން ކުރި ނަޗޯ ފެނާންޑޭޒް އާއި ގޯލްކީޕަރު ކޭލޯ ނާވަސް އާއި މިޑްފީލްޑާ މަޓާއޯ ކޮވަސިޗެވެ.

އަދި ރޭގެ މެޗުން، ޒިދާން ވަނީ، ރެއާލްގެ މުޅިން އާ ކުޅުންތެރިޔަކަށް ފުރުސަތު ދީފަ އެވެ. އެއީ 19 އަހަރުގެ ވިންގާ އޮސްކާ ރޮޑްރިގޭޒް އެވެ. ރޭގެ މެޗަކީ، ރެއާލްގެ ސީނިއާ ޓީމު ޒޯޒީގައި އޭނާ ކުޅުނު ފުރަތަމަ މެޗެވެ.

ރެއާލްގެ ދަނޑުގައި ކުޅުނު މެޗުގައި، ފުރަތަމަ ލީޑް ނެގީވެސް ފްއެންލަބަރާޑާ އިންނެވެ. މެޗުގެ 25 ވަނަ މިނެޓްގައި، އެ ޓީމުގެ ލަނޑު ކާމިޔާބު ކުރީ، ލުއިސް މިލާ އެވެ. އޭނާ އަކީ ރެއާލް މެޑްރިޑަށް 1990 އިން 1997 ށް ކުޅުނު ލުއިސް މިލާގެ ދަރިފުޅެވެ. ބައްޕަ ލުއިސް މިލާ އަކީ، އިންޑޮނޭޝިއާގެ ގައުމީ ޓީމުގެ މިހާރުގެ ކޯޗެވެ.

ޒިދާން ވަނީ އަނިޔާގެ ސަބަބުން ގިނަ ދުވަސްތަކެއް ވަންދެން ކުޅުމާ ދުރުގައި ހުރި، ގެރެތު ބޭލް ދެ ވަނަ ހާފުގައި، ކުޅެން ނެރެފައެވެ. ރެއާލުން މެޗުގައި ޖެހި ދެ ލަނޑުގައި ވެސް ބޭލް ހިއްސާވި އެވެ.

ރެއާލުން ނަތީޖާ ހަމަހަމަ ކުރީ، މެޗުގެ 62 ވަނަ މިނެޓްގައި، ބޭލް ނަގައިދިން ހުރަހަކުން ޒުވާން ފޯވަޑް ބޮރަހާ މަޔަރޯލް އެވެ. މެޗުގެ 70 ވަނަ މިނެޓްގައި ރެއާލް އަށް ލީޑް ނަގައިދީނެސް އޭނާ އެވެ. ޕެނަލްޓީ އޭރިއާ ތެރެއިން ބޭލް ފޮނުވަލި ބޯޅަ ފްއެންލަބަރާޑާގެ ކީޕަރު ޕޮލް ފްރެކްސިއަނެޓް ދީފާއު ކުރުމުން ރީބައުންސް ވެގެން ނިކުތް ބޯޅައިން ނެވެ. ފްއެންލަބަރާޑާ އިން މެޗުގެ ނަތީޖާ ހަމަހަމަ ކުރީ 89 ވަނަ މިނެޓްގައެވެ. އެ ޓީމުގެ ލަނޑު ކާމިޔާބު ކުރީ ޕޯރުޓިއްޔާ އެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން، ޒިދާން ބުނީ، ނަތީޖާ އެގޮތަށް އަތުވެދާނެ ކަން އޭނަ ކުރިންވެސް ހީކުރި ކަމަށާއި އެހެންވެ ކަންބޮޑުވާން ޖެހޭ ކަމެއް ނެތް ކަަމަށެވެ. އޭނާ ބުނީ މެޗަށް ނެރުނު ބައެއް ކުޅުންތެރިންނަކީ ދުވަހަކު އެއްކޮށް ކުޅެން ފުރުސަތު ލިބިފައި ނެތް ކުޅުންތެރިން ކަމަށެވެ.

ރެއާލް އަނެއް ބުރަށް ދަތުރު ކުރީ، ފުރަތަމަ ލެގް މެޗު 2-0 ން ކާމިޔާބު ކޮށްފައި ވުމުން 4-2 ގެ އެގްރިގޭޓް ނަތިޖާ އަކުން ނެވެ.