ދުނިޔެ

ބޭރަށް ގެންދިޔަ ފައިސާ ގެންނަން ޒިމްބާބްވޭގެ އާ ސަރުކާރުން މުހުލަތެއް ދީފި

ވަކިވަކި ފަރުދުންނާއި ކޯޕަރޭޝަންތަކުން ގަވައިދާ ހިލާފަށް ޒިމްބާބްވޭއިން ބޭރުކޮށްފައިވާ ފައިސާއާއި މުދާ އަނބުރައި އެ ގައުމަށް ގެންނަން ޒިމްބާބްވޭގެ އާ ރައީސް އެމާސަން ނަންގަގްވާ ތިން މަސްދުވަހުގެ މުހުލަތެއް ދެއްވައިފިއެވެ.

ނަންގަގްވާ އަންގާރަދުވަހު ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި ވަނީ ގެންގޮސްފައިވާ ފައިސާ ތިން މަސްދުވަހުގެ ތެރޭގައި އަނބުރާ ގެންނަ ފަރާތްތަކާ ސުވާލުކޮށް ހައްޔަރު ކުރުން ފަދަ އެއްވެސް ފިޔަވަޅެއް ނާޅާނެ ކަމަށެވެ. ފައިސާ ގެންނަން ދެއްވި މުހުލަތު ގުނަން ފަށާނީ އަންނަ ޑިސެމްބަރުމަހުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ.

"ތިން މަސްދުވަހުގެ މުހުލަތު ހަމަވުމާ އެކު މި އެންގުމަށް އަމަލު ނުކުރާ ހުރިހާ ފަރާތްތައް ހައްޔަރުކޮށް ގައުމުގެ ގާނޫނުތަކުގެ ދަށުން އެފަރާތްތަކާ ދެކޮޅަށް ދައުވާ އުފުލޭނެކަން ކަށަވަރުކުރާނަން،" ނަންގަގްވާ ނެރުއްވި ބަޔާނުގައި ވިދާޅުވި ސައުތުއެފްރިކާގެ ސިޓީ ޕްރެސް ނޫހުން ބުންޏެވެ.

ނަންގަގްވާ ވިދާޅުވެފައި ވަނީ ޒިމްބާބްވޭއިން ގަވައިދާ ހިލާފަށް ގިނަ އަދަދެއްގެ ފައިސާ ބޭރުކޮށްފައިވާކަން ކޮރަޕްޝަނުގެ އަމަލުތައް ހިންގި ފަރާތްތަކާ ދެކޮޅަށް އެ ގައުމުގެ ސިފައިން ހިންގި އޮޕަރޭޝަނުގައި އެނގިފައިވާ ކަމަށެވެ.

އިނގިރޭސީންގެ އަތްދަށުން 1980 ވަނަ އަަހަރު ޒިމްބާބްވޭ މިނިވަންވީ ފަހުން މިވީ 37 އަހަރު އެެގައުމުގެ ވެރިކަމުގައި ހުންނެވި ރޮބަޓް މުގާބޭ ވެއްޓުނީ ސިފައިން ހިންގި އޮޕަރޭޝަނުގައެވެ. މުގާބޭ ރައީސް ކަމުން އިސްތިއުފާ ދެއްވީ ސިފައިން ގައުމުގެ ކޮންޓްރޯލް އަތުލައި އޭނާ ގޭބަންދުކުރި ފަހުންނެވެ. ސިފައިން އެ ފިޔަވަޅު އެޅީ އޭރު ނައިބު ރައީސްގެ މަގާމުގައި ހުންވި މިހާރުގެ ރައީސް ނަންގަގްވާ މަގާމުން ދުރުކުކުރުމުންނެވެ.